ކުރީގެ ސަރުކާރުގައި ހިނގާފައިވާ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ނިހާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަޙުޤީޤުކުރުމަށްފަހު، 6 ދަޢުވާއެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އަޙްމަދު ނިހާން ޙުސައިން މަނިކު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރިޝްވަތުގެ ފައިސާ ހިފައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙުޤީޤަށް އެނގޭކަމަށެވެ.
ނިހާންއަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ.
މައްސަލާގައި ހުށަހެޅުނު ހެކި ގަރީނާއަށް ރިއާޔަތްކޮށް ނިހާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އެއް ދައުވާ އާއި ރިޝްވަތުގެ ފަސް ދައުވާއެއް ވަނީ އުފުލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!