ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފިކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ބުނެފި އެވެ.

ފުލުހުން ބުނެފައި ވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. އެގޮތުން ފޮޓޯއާއި އެކު ފުލުހުން އާންމުކޮށްފައިވާ 10 ފަރާތަކީ:

Ad
rt

1- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ)
2- ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ)
3- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރު (38އ)
4- ކ. މާލެ / މއ. ކަނޑޫގެ، ޢަލީ އަޙްމަދު (37އ)
5- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް (27އ)
6- ރ. އިނގުރައިދޫ / އެލެސްކާ، ޢަބްދުﷲ ވިޝާމް (26އ)
7- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުޙައްމަދު ޝަރީފް (34އ)
8- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން (33އ)
9- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުޙައްމަދު ވަޖީޙު (35އ)
10- ރ. ރަސްގެތީމު / ފީރޯޒްގެ، އަޙްމަދު ޝިނާން (30އ)

މިމީހުންގެ ތެރެއިން ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން ހިންގަމުންދިޔަ އޮޕަރޭޝަނުގައި ފުލުހުން ދިޔައީ ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންކަމަށެވެ. އަދި މިގޮތުން ހަރަކާތްތެރިވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

މި އޮޕަރޭޝަނުގައި އެ 10 މީހުން ހައްޔަރުކޮށް، މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވެއެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.

ފުލުހުން ބުނެފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައި ދެމީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް ވަނީ އިތުރުކޮށްދީފައިކަމަށްވެސް ފުލުހުން ބުނެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަދި އެތެރެކުރުމަށްފަހު އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ބޭނުންކުރާ އުޅަނދު ފަހަރުތަކުގެ ވެރިފަރާތަށް އޮޅުވާލައިގެން އުޅަނދުފަހަރު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަނޑު އުޅަނދުފަހަރު އަދި އެއްގަމު އުޅަނދު ގެންގުޅުއްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުން ބުނެއެވެ.