ޕެންޝަން ފަންޑަށް ފުރަތަމަ ފަހަރަށް 100 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
މިދިޔަ ޖުލައި މަހު ރިޓަޔާމަންޓް ޕެންޝަން ސްކީމަށް 100،022،119.13 ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މި އަދަދު ހިއްސާ ކުރަނީ އަމިއްލަ އޮފީސްތަކުން ޖަމާކުރި 58،886،018.50 މިލިއަން ރުފިޔާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޖަމާކޮށްފައިވާ 41،136،100.63 ރުފިޔާ އެވެ.
މި އަހަރުގެ ޖޫން މަހު ވެސް ޕެންޝަން ސްކީމަށް 98 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ޕެންޝަން އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.
ޕެންޝަން ފަންޑުގައި މި އަހަރުގެ އޮގަސްޓާ ހަމަޔަށް ޖަމާވެފައިވާ ފައިސާގެ އަދަދު 691 މިލިއަން ރުފިޔާ އަށް އަރައެވެ.
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ (އެމް.އާރު.ޕީ.އެސް) ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ތަޢާރަފު ކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ޗަންދާއެއް ނަގައިގެން، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ. އެމް.އާރު.ޕީ.އެސް އަށް، ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7( ދެ ފަރާތުން ޖުމްލަ %14 ) އެވެ. މިފަދަ އެހެން ޕެންޝަން ނިޒާމުތަކެކޭ އެއްފަދައިން އެމް.އާރް.ޕީ.އެސްއިން ޕެންޝަންގެ ގޮތުގައި ދެވޭނެ މިންވަރު ކަނޑައެޅިގެން ދަނީ، ރިޓަޔަރ ކުރާއިރު އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގގެ ގޮތުގައި ޖަމާވެފައި ހުރި ޢަދަދެއްގެ މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!