ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޮންޑު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީއެފްސީން ބުނީ އެ ކުންފުނީގެ 80 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ނިންމާފައިވާ ކަމަށާއި ވިއްކުން ހުއްޓާލާނީ ނޮވެމްބަރު 12 ވަނަ ދުވަހު ކަމަށެވެ.
އެ ކުންފުނިން ޕްރޮސްޕެކްޓާސް ހުޅުވާލާފައިވާ އިރު، ބޮންޑެއް ވިއްކާނީ 1000 ރުފިޔާއަށް ކަމަށާއި މި ފަހަރުގެ ބޮންޑު ދޫކުރާނީ 10 އަހަރު ދުވަހަށް ކަމަށްވެސް އެޗްޑީއެފްސީން ބުނެއެވެ. އަދި އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު ބޮންޑު ދޫކުރަނީ ހަތް އިންސައްތައިގައި ކަމަށާއި އެހެންކަމުން ބޮންޑު ވިއްކައިގެން އެ ކުންފުންޏަށް 80 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ބުންޏެވެ.
ބޮންޑު ވިއްކަން ހުޅުވާލި މުއްދަތުގައި ސުކޫކްވެސް ވިއްކާ އިރު، މި މުއްދަތުގައި 200،000 ސުކޫކް ވިއްކުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ސުކޫކް ވިއްކައިގެން އެ ކުންފުންޏަށް 200 މިލިއަން ރުފިޔާ ލިބޭނެއެވެ.
އެޗްޑީއެފްސީން ވަނީ އިސްލާމިކް ފައިނޭޝަލް އިންސްޓްރޫމަންޓެއް ކަމަށްވާ ސުކޫކްވެސް ވިއްކަން މިދިޔަ ހަފުތާގައި އިޢުލާނުކޮށްފައެވެ. އަދި ސުކޫކަށް އިސްލާމީ އުސޫލުންނާއި ކޮންވެންޝަނަލް އުސޫލުން އިންވެސްޓް ކުރުމަށް އާންމުންނަށް ފުރުސަތު އޮންނާނެ ކަމަށްވެސް އެޗްޑީއެފްސީން ބުނެއެވެ.
ދިވެހި ސަރުކާރުގެ 49 އިންސައްތަ ހިއްސާއާއި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ 18 އިންސައްތަ ހިއްސާއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ 18 އިންސައްތަ ހިއްސާއާއި އިންޑިއާގެ އެޗްޑީއެފްސީ އިންވެންސްޓްމަންޓްސް ލިމިޓެޑްގެ 15 އިންސައްތަ ހިއްސާވާ އެޗްޑީއެފްސީން 2013 ވަނަ އަހަރާއި 2018 ވަނަ އަހަރުވެސް ބޮންޑު ދޫކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!