ހުރިހާ ސަރުކާރު ތަކަކުން ވެސް ހދ. އަތޮޅަށް ތަފާތު ކުރާކަމަށް ވިދާޅުވެ، ދައްކަވާ ވާހަކަތައް ތަކުރާރު ކުރަށްވައި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އޭނާގެ އުދާސްތައް މަޖިލިސް ތަޅުމަށް ބަންޑުން ކޮށްލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ އަދުގެ ސަރުކާރުން މި ދަތިކަމުގައި ވެސް ރައްޔިތުންނަށްޓަކައި ރަނގަޅު ބަޖެޓެއް ހުށަހަޅަން މަސައްކަތް ކުރަށްވާފައިވާ ކަމަށް ދެކި ވަޑައިގަންނަވާ ކަމަށެވެ.
ބަހުސްގައި ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ ފެންނަމުން ދަނީ ތިލަދުންމައްޗަށް، ޚާއްޞަކޮށް ހދ. އަތޮޅަށް ވީމައި، ސަހަރާގެ ވަށާފާރާއި ކުޑަކުދިންގެ ޕާކެއްގައި ލައިޓް ކަމަށެވެ. ނަމަވެސް ދެކުނަށް ޓަރޝަރީ ހޮސްޕިޓަލާއި، ކޯޓުތަކާއި، އިންޓަރނޭޝަނަލް
އެއަރޕޯޓުތަކުގެ ވާހަކަ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.
އެގޮތަށް ދިމާވަނީ ހދ. އަތޮޅަށް ނިސްބަތްވާ މިނިސްޓަރުންނާއި، އެފެންވަރުގެ ބޭފުޅުން ސަރުކާރުގައި ނެތުމުންތޯ އޭނާ ސުވާލު ކުރެއްވިއެވެ.
''ފެށުނީއްސުރެ، މިއަދަކު އެކަންޏެއް ނޫން. ވޭތުވެދިޔަ ސަރުކާރުތަކުން ވެސް ހދ. އަށް އަޅާލުން ކުޑަކަން މި ފެންނަނީ، އަޅުގަނޑުގެ އުފަންރަށް ނޮޅިވަރަންފަރަކީ ޢާބާދީ ތަރައްޤީ އެއްފަސްކުރަމުންދާ ރަށެއް، އަޅުގަނޑުމެންނަށް ލެބޯޓަރީއެއްގެ ޚިދުމަތްދޭން: މި ދެނީ ދެން ކިޔާތާ 3 އަހަރު ވެގެން މި ދިޔައީ. އެންމެ ފަހުން މި ބަޖެޓުގައި ނެތް އެއްވެސް ވާހަކައެއް ހިމަނައިވާފައެއް، އޭގެ ކުރިން ހުރި ކަންތައްތައް ވެސް، ބަޖެޓެއް ކޮންމެ ފަހަރަކު އަންނައިރު އެ ކަންތައްތަކެއް ހުރޭ، އެކަމަކު ކުރީ އަހަރުގެ ބަޖެޓްގައި ހުރި ކަންތައްތައް ނުނިންމާ އާ ކަންތައްތަކެއް ހިމަނައިގެން ދިޔަކަސް އެ ކަންތައްތަކެއް ފުރިހަމައެއް ނުވާނެ ކަންނޭނގެ''
މޮސްޓާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާބާދީގައި 27 ހާސް މީހުންތިބި ހދ. އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ނިހާޔަތަށް ބޭނުންވެފައި ވާކަމަށެވެ. ނަމަވެސް އެކަމަށް މަގު ފަހިވާގޮތަށް ބަޖެޓުގައި ފުރުޞަތުނެތް ކަމަށާއި، އުތުރުގެ ރައްޔިތުން އަބަދުވެސް ތިބެންޖެހެނީ 3 ވަނަ ދަރަޖައަށް ނޫނީ 3 ވަނަ ދަރަޖައިގެ ދަރީންގެ ގޮތުގައިތޯ އޭނާ ސުވާލު ކުރެއްވިއެވެ.
''ކޮންމެ ކަމެއް ވެސް އެންމެ ފުރަތަމަ އިސާކަންދީގެން ފައްޓަންޖެހެނީ ދެކުނުގައިތޯއޭ؟ އެކަމަކު އަތޮޅުތައް ގުނަން ފަށާއިރު، ހދ.ގެ އެންމެ ފުރަތަމަ ހއ. އޮވެފައި ދެން މި އަންނަނީ އެހެން އަތޮޅުތައް ކަމެއް ކުރަންވީމަ އެންމެ ފަހަތަށް ކީއްވެގެންތޯ؟ ތިލަދުންމައްޗާއި ހދ. މި ދަނީ؟ އެހެންވެ މީ ކަންތައްތަކަށް ޙައްލެއް ހޯދައިދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން މި ބަޖެޓުގައި ވެސް، އެހެންނޫން ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންނަށް އަނެއްކާވެސް ޖެހޭނީ ބަޣާވާތަކާ ދިމާލަކަށް ގޮސްގެން ހދ. ވަކި އަތޮޅެއްގެ ގޮތުގައި، ނޫނީ ވަކި ޤައުމެއްގެ ގޮތުގައިދާނެ، އަނެއްކާ ކުރީގެ ގޮތަށް މަސައްކަތްކުރަން.''
މޮސްޓާ ވިދާޅުވިއެވެ.
އެހިސާބުން މޮސްޓާގެ ވާހަކަ މެދު ކަނޑާލައްވައި، ރިޔާސަތުން މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ދިވެހިރާއްޖެ ބައިބައިކުރުމަށާއި، ވަކިވަކިކުރުމަށް މަޖިލީހުގައި ވާހަކަ ނުދެއްކުމަށް އެދި ވަޑައިގެންފައެވެ.
''ޢިއްޒަތްތެރި މެންބަރު! ދިވެހިރާއްޖެ ބައިބައިކުރުމަށާއި، ވަކިވަކިކުރުމަށް މި މަޖިލީހަކު ވާހަކައެއް ނުދެއްކެވޭނެ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އެކަމަކަށެއް ތަނެއް ނުދޭނެ. އެހެންވީމާ، އެ ވާހަކަ އިއްޒަތްތެރި މެންބަރު ނުދެއްކެވުން އެދެން''
މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.
އަލުން ބަހުސް ފައްޓަވައި މޮސްޓާ ވިދާޅުވީ އިސްލާމްދީން ޚިލާފް ނޫން ކޮންމެ ވާހަކައެއް މަޖިލީހުގައި ދެއްކޭނެ ކަމަށެވެ. އަދި ''އަޅުގަނޑުމެންގެ ޙައްޤުތައް ނުލިބޭ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މިނިވަންކަން ހޯދަން މަސައްކަތްކުރެވިދާނެ ނޫންތޯ،'' މޮސްޓާ ސުވާލު ކުރެއްވިއެވެ. އެއަށްފަހު އޭނާގެ ބަހުގެ ހަމަލާ ސީދާ ކުރެއްވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް ނަޝީދަށެވެ.
''ޑިމޮކްރެސީގެ ބައްޕަ ތިގޮތަށް މި ވާހަކަ ނުދެއްކޭނޭ ބުނީމާ އަޅުގަނޑު ހައިރާންވެއްޖެ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިނދެގެން އެންމެ މިނިވަންކަމަށް ދައުވާކުރާ ފަރާތް މިތާ މި ބުނަނީ، ތިލަދުންމައްޗަކަށް މިކަމަކާ ވަކާލާތެއް ނުކުރެވޭނޭ، އެކަމަކު އައްޑޫ، ހުވަދޫ މީހުންނަށް ސުވަދީބުގެ ވާހަކަ ދެކެވޭ. މަނިކުފާނު އަތްޖަހާ، އެހެންވީމާ، ހަމަ ތިލަދުންމައްޗަށް ވެސް މި ޙައްޤު އޮންނާނެ. ތިލަދުންމަތީ މީހުންނަށް ބޭނުންވާ ޙައްޤުތައް ނުލިބޭ ކަމަށް ވެއްޖެއްޔާ އެ މީހުން މިނިވަންކަމާއެކު އެހެން ގޮތަކަށް ކުރިއަށްދިޔުމުގެ ފުރުޞަތު ހޯދުމަށް، އަޅުގަނޑު ހުދު ތިލަދުންމަތީގެ ރައްޔިތުންނަށް އެދެން، މިގޮތަށް ބާކީކުރަމުންދާ ކަމަށް ވެއްޖެއްޔާ ތިލަދުންމަތީގައި ވެސް ވަސީލަތްތައް އެބަހުއްޓޭ. ބޮޑެތި މާ ރަށްތައް އެބަހުއްޓޭ، ދަނޑުވެރިކަމަށް، ފަތުރުވެރިކަމަށް ބޭނުންކުރެވޭނެ ރަށްތައް، ދިވެހިރާއްޖޭގެ އިންޓަރނޭޝަނަލް ޕޯޓެއް ހަދަން އެންމެ އެކަށީގެންވަނީ ތިލަދުންމަތީގައޭ، އެތާނގައި އެ ޕޯޓު ނުހެދޭ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންނަށް އެހެން ކަމެއް ކުރެވޭނެ ގޮތެއް ހޯދަންޖެހޭ އެބަ''
މޮސްޓާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިހަވަންދިއްޕޮޅަކީ 1993 ވަނަ އަހަރުން ފެށިގެން ތިލަދުންމަތީގެ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށެވެ.
''އިހަވަންދިއްޕޮޅު އޮއްވާ ހުޅުމާލެ ހިއްކަން ފެށީ، ހުޅުމާލެ ހިއްކަން ފަށާފައި ބުރިޖު އަޅާފައި ހުޅުމާލެއާ ގުޅުވައި 90 ހާސް މީހުންގެ އާބާދީއަކަށް ހުޅުމާލެ ތަރައްޤީކުރަމުންދިޔައިރު އިހަވަންދިއްޕޮޅަށް ކޮންކަމެއްތޯ ކުރެވުނީ މިއަދާ ހަމައަށް އައިއިރު ވެސް؟ ހަމަ އެގޮތަށް ޕްލޭންކުރަމުން ކޮންމެ ސަރުކާރަކުން ވެސް އައީ. ދެން މިއަދު މި އުޅެނީ އިހަވަންދިއްޕޮޅު ވެސް، ހދ. ހަނިމާދޫ ވެސް އިންޑިއާއަށް ދޭންވެގެން، އިންޑިއާއަށް ދީގެން މި ތަނެއް ތަރައްޤީއެއް ނުވާނެ، އަމިއްލަ ޤައުމު ތަރައްޤީނުވާ. އަމިއްލަ ޤައުމުގައި ތިބި މީހުންނަށް ކާންބޯންނުދެވޭ ބަޔަކަށް ކިހިނެއްތޯ މި ޤައުޅު ތަރައްޤީކުރެވޭނީ؟ މިތަނަށް އައިއްސަ އެ މީހުން ތަރައްޤީކުރާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރުމަކީ ވެސް އަޅުގަނޑުމެން ސިކުނޑީގައި އުނިކަމެއް ހުރީމައި ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވެނީ''
މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ، ''އެމީހުން ތައްޕާހަށް ނުވެއްޓި'' އެބައެއްގެ އަމިއްލަ ކަންތައް ޙައްލުކުރަން ތިލަދުންމަތީގައި ރައްޔިތުން ނިކުތުމަކީ ''ބަޣާވާތަކަށް ވިޔަސް، އެހެން ކަމަކަށް ވިޔަސް،'' އެ ޙައްޤު ހޯދުމަކީ ތިލަދުންމަތީ ރައްޔިތުންނަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށެވެ.
''އެހެންވީމާ، ނޮޅިވަރަންފަރާއި ނޮޅިވަރަމަށް އެ 2 ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން، މިނިވަންކަމާއެކު އިހުތިޖާޖުކޮށްގެން ވިޔަސް އަޅުގަނޑުމެންނަށް ބޭނުންވާ ޙައްޤުތައް ހޯދަން މަސައްކަތް ކުރާށޭ. ނުރޯދަރިއަކަށް ކިރެއް ނުލިބޭނޭ ބުނާހެން އަޅުގަނޑުމެންގެ ޙައްޤު ލިބޭނީ އަޅުގަނޑުމެން ކުރާ މަސައްކަތަކުންނޭ. އަދުގެ ސަރުކާރަށް ވެސް ދެން އަންނަ ސަރުކާރަކަށް ވެސް ޕްރެޝަރކޮށްގެން ކަންތައްތަކާ ނޫޅިއްޖެ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން އަބަދުވެސް ތިބޭނީ 2 ވަނަ ދަރަޖައިގެ މީހުންގެ ގޮތުގައި މި ރާއްޖޭގައި ނިސްބަތްކުރާ. މީގެ ކުރިން ތިލަދުންމަތިން 1800، 1500
މީހުންގެ އެތައް ބަޔަކު އައި. 5000 މީހުން، 9000 މީހުން އައި ބޮޑު ތިލަދުންމަތިން. އައިއިރު، އެއައި ގޮތަށް މިއަދު ތިލަދުންމަތީގެ ރައްޔިތުން ތިލަދުންމަތީގެ އުދާސްތަކާއެކު މާލެ އައިސް، ރައީސުލްޖުމްހޫރިއްޔާއަށް މި ކަންތައްތައް ހިއްސާކުރީމަ ކޮންމެ ސަރުކާރަކަށް ވެސް ފަސޭހަވާނެ ތިލަދުންމައްޗަށް ކަންތައްތައް ކޮށްދޭން. އެކަމަކު މިއަދު މިތިބި ގޮތަށް އަޅުވެތިކަމުގައި ތިބެންވެއްޖެއްޔާ އަޅުގަނޑުމެންނަށް ތަރައްޤީއެއް ނުލިބޭނެ. އެހެންވީމާ، ރައްޔިތުން މިއަދު ވިސްނާފައި ނިކުންނާށޭ. އަޅުގަނޑުމެންނަށް ޙައްޤުވާ މިންވަރަކީ ކޮބައިތޯއޭ؟ އެ ޙައްޤުވާ މިންވަރު ހޯދަން.''
މޮސްޓާ އިތުރަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތިލަދުންމަތީގެ ރައްޔިތުން ވެސް ހޮސްޕިޓަލާއި، އިންޓަރނޭޝަނަލް އެއަރޕޯޓާއި އަދި ޕޯޓު ބޭނުންވާ ކަމަށެވެ.
''ނަމެއްގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޯޑެއް ޖަހާފައި 2011 ވަނަ އަހަރުން ފެށިގެން މި އޮންނަނީ. އަދި އަދަށް ވެސް އެއަރޕޯޓަށް ތަރައްޤީއެއް ނާދޭ. އަދިވެސް މިއަދުގެ ސަރުކާރުން ވެސް ހުވަފެނެއް ދައްކަނީ. އިންޑިއާއަކުން ތަރައްޤީއެއް ނުކުރާނެ އެ އެއަރޕޯޓެއް. ތަރައްޤީކުރާކަށް ބޭނުމެއް ވެސް ނުވާނެ. ކުޅުދުއްފުށީގައި އިންޓަރނޭޝަނަލް ޕޯޓެއް އޮންނަނީ ނަމެއްގައި، އޭގެ ބޭނުމެއް ނުކުރެވޭ ޙަޤީޤަތުގައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޙަޤީޤީ ބޭނުމެއް
ތިލަދުންމަތީގެ ރައްޔިތުންނަށް، ޚާއްޞަކޮށް 3 އަތޮޅު، ހއ. ، ހދ. ، ށ.ގެ ރައްޔިތުން ބޭނުންކުރާ ހޮސްޕިޓަލެއްގެ ޙަޤީޤީ ބޭނުމެއް ނުކުރެވޭ. މިއަދު ވެސް އެތާގައި އެތައް ވަސީލަތްތަކެއް މަދު.''
މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ މާލެއަށް ކަމެއް ކުރަންވީމާ ބަޖެޓެއް ބޭނުން ނުވާކަމަށެވެ. އަދި ބަޖެޓުގައި އޮތަސް ނެތަސް، މާލެއަށް ކަމެއް ކުރަންވީމާ ކުރަމުންދާ ކަމަށެވެ.
''އެކަމަކު ތިލަދުންމަތީގައި ކަމެއް ކުރަންވީމަ ބަޖެޓުގައި ނެތް، މިވެނި ކަމެއް ނެތް، އެވެނި ކަމެއް ނެތް. އަޅުގަނޑުމެންނަކީ ވެސް ހަމަ ދިވެހި ރައްޔިތުން. އަޅުގަނޑުމެންގެ ވެސް އޮވޭ ހަމަ ދިވެހިން، ދިވެހި ރައްޔިތުންނަށް ދީފައި އޮންނަ ކަހަލަ އައިޑީކާޑެއް. ތިލަދުންމަތީ ރައްޔިތުންނަށް ވެސް. އެހެންވެއްޖެއްޔާ އެ ރައްޔިތުންގެ އެ ޙައްޤުތައް ތިލަދުންމައްޗަށް ޓަކައި ހޯދައިދޭން ތިބި ބަޔަކީ މިތާ މިތިބި 6 މެންބަރުން ކަމަށް ވެއްޖެއްޔާ މި 6 މެންބަރުން ޤުރުބާންވެގެން ވެސް އެބަޖެހޭ އެ މަސައްކަތް ކޮށްދޭން. އެންމެ އިސް ބަޔަކަށް މި 6 މެންބަރުން ތިބެގެން އެކަން ނުކޮށްދީފި ކަމަށް ވެއްޖެއްޔާ މާދަމާވެސް ތިލަދުންމަތި ދާނީ އިތުރަށް ބާކީ ވަމުން''
މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް އިއްޔެ ވާހަކަ ދެއްކެވި ތިލަދުންމައްޗަށް ނިސްބަތްވާ މެންބަރުން ވަނީ އަންނަ އަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓެއްގެ ގޮތުގައި ފާހަގަ ކުރަށްވާފައެވެ. މިގޮތުން އުތުރަށް ހުރި މައި މަޝްރޫޢުތަކުގެ ތެރޭގައި ހަނިމާދޫގައި އައު އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމު ކުރުމާއި، ކުޅުދުއްފުށީގައި ޓަރޝަރީ ހޮސްޕިޓަލެއް ގާއިމު ކުރުމާއި، އުތުރުގައި ގާއިމު ކުރެވޭ ހައި ސްޕީޑް ފެރީގެ ނިޒާމާއި، ދިއްދޫގައި ގާއިމު ކުރެވޭ ޖޫނިއަ ކޮލެޖާއި، ކުޅުދުއްފުށީ ޕޯޓު ތަރައްޤީ ކުރުމާއި އަދި ގިނަ ހެލްތު ސެންޓަރުތަކެއް އަޕްގްރޭޑް ކުރުން ފަދަ މަޝްރޫޢުތައް އެ މެންބަރުން ވަނީ ފާހަގަ ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!