އެއްގަމު އުޅނަދުތަކުގައި ހުންނަންޖެހޭ ސްޓިކާތައް ހޯދުމަށް ރައްޔިތުން ޖެހެނީ އެއް ދުވަހު އެއް އޮފީހަށް، އަނެއް ދުވަހު އަނެއް އޮފީހަށް ދުވަން ކަމަށާއި، އެ ސްޓިކާތައް އެއް އޮފީހަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުން ވަޙީދު ވިދާޅުވީ އެއްގަމު އުޅަނދުތައް ދުއްވާއިރު، އެ އުޅަނދުތަކުގައި ތިން ސްޓިކާއެއް ހުންނަން ޖެހޭ ކަމަށެވެ.
ނަމަވެސް އެ ސްޓިކާތައް އެކި އޮފީސްތަކުން ނަގަން ޖެހޭގޮތަށް އިންތިޒާމުވެފައި އޮތުމުން ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް އުފުލަންޖެހި، އެތައް ވަގުތެއް ގެއްލިގެން ދާކަމަށް ވަޙީދު ވިދާޅުވިއެވެ.
''އަޅުގަނޑުމެންނަށް ވަރަށް ގިނަ ސްޓިކާތައް ނަގަން އެބަޖެހޭ މިއިން ކޮންމެ ކަމެއްގައި ވެސް. އަޅުގަނޑުމެން ވެހިކަލް ދުއްވާއިރުގައި ތިން ސްޓިކާއެއްގެ މައްޗަށް މި ދަނީ ވެހިކަލް ދުއްވަމުން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެ ސްޓިކާތައް ނަގަންޖެހެނީ އެކި ތަންތަނުން. އޭގެ ސަބަބުން ވެހިކަލް ދުއްވާ މީހުންނަށް އެތައް އުނދަގޫތަކެއް، ތަކުލީފެއް އެބަޖެހޭ. އެހެންވީމާ، ޙަޤީޤަތުގައި މިކަން އެބަޖެހޭ ރަނގަޅުވެގެންދާން. އެހެންވީމާ، އެއް ތަނަކުން އަޅުގަނޑުމެންނަށް ސްޓިކާ ލިބޭނެ ގޮތެއް އެބަ ގާއިމުވާންޖެހޭ. އަޅުގަނޑުމެންނަށް އިންޝުއަރެންސް ލިބިފައި، ރޯޑްވާދިނަސް ސްޓިކާ އެހެން ތާކުން މި ލިބެނީ. މަގުމަތީ ދުއްވާފައި ދާއިރުގައި ހުއްޓުވައި ޕޮލިހުން ޗެކުކޮށްލާއި ބިންލާއިރުގައި ކޮންމެވެސް އެއްޗެއްގެ މުއްދަތު ހަމަވެފައި މި އޮންނަނީ. އެހެންވީމާ، މި ކަންކަމަށް އެބަ ޙައްލު އަންނަންޖެހޭ.''
ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމާއި ގުޅުންހުރި މިނިސްޓްރީން އެކަން އެއަށްވުރެ ރަނގަޅަށް ކުރެވޭނެ ގޮތެއް ހަދަން ޖެހޭ ކަމަށެވެ. އަދި ކަންކަން ރަނގަޅުވެގެން ނޫނީ ސަރުކާރުގެ ހިންގުން ހަރުދަނާވެގެންދާ ކަމަކަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
''ރައްޔިތުންނަށް އެއް ދުވަހު އެއް މިނިސްޓްރީއަށް، އެއްދުވަހު އެއް އޮފީހަށް އަނެއް ދުވަހު އަނެއް އޮފީހުން ދުވަން މި ޖެހެނީ. އެހެންވީމާ، މި ހުށަހެޅިފައި އޮތް އިޞްލާޙުގައި ވެސް ފާހަގަވެގެންދަނީ، މީތި އުވާލަންޖެހޭ ކަމަށް. އެކަމަށް އަޅުގަނޑު ވެސް ތާއީދުކުރަން. އެހެންނަމަވެސް، މިހާރު މި ދޫކުރެވޭ ސްޓިކާތައް ވާންޖެހޭނީ ކޮންމެވެސް އެއް ތަނަކުން ލިބޭ އެއްޗަކަށް
ވެގެން، ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް އެ ޚިދުމަތް ލިބިގެންދާނެ.''
ވަހީދު އިތުރަށް ވިދާޅުވިއެވެ.
އެ ބަހުސްގައި ވަހީދު ވަނީ އެއްގަމު އުޅަނދާ ބެހޭ ގާނޫނުގެ ތެރެއިން ގަރާޖުގެ މައްސަލައަކީ، މިހާރުވެސް ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ އަދި ހައްލު ބޭނުންވެފައިވާ މައްސަލައެއްކަން ވެސް ފާހަގަ ކުރަށްވާ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ޓްރާންސްޕޯޓް ނިސްޓްރީއަށް އެކަމަށް ވެސް އެންމެ އެކަށީގެންވާ ޙައްލު އަދިވެސް ހޯދާދެވިފައި ނުވާކަމަށެވެ.
އިށީނދެ، ރަނގަޅަށް ވާހަކަ ދައްކައި، ބަހުސްކޮށްގެން އެ ގާނޫނުގައި ހުރި ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދަންޖެހޭ ކަމަށް ވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!