ފައްޓަރުބައި އޮތީ ޖީއެމްއާރަށް ވިއްކާލާފައި ކަމަށާއި، ބާކީ އޮތީ މަންމަގެ ކަނޑިކިކަމަށް ވިދާޅުވެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު މަޖިލިސް ރައީސް، ރައީސް ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

މިހާރު އިދިކޮޅު ކޯލިޝަނާއިއެކު އިސްސަފުގައި މަސައްކަތް ކުރަށްވާ ލަޠީފް މި މޭރުމުން ވިދާޅުވީ، މަޖިލިސް ރައީސް، ރައީސް ނަޝީދު ޓެގް ކުރަށްވާ މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

"2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ތިޔަ ވިދާޅުވާ ފައްޓަރުބައި ވެސް ޖީ.އެމް.އާރް އަށް ވިއްކާލާފަނޫންތޯ؟ ދެން އޮތީ މަންމަގެ ކަނޑިކި އެކަނި. އެ ވިއްކާލައި ދިވެހިން ލަދުގަންނުވާން ރައީސް ސޯލިހު ބޭނުންމެއް ނުވާނެ،"

ލަތީފު ވިދާޅުވިއެވެ.

ލަތީފު މިހެން ވިދާޅުވެ ޓްވީޓް ކުރަށްވާފައި މިވަނީ ރައީސް ޞާލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން މިއަދު އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ދަރަނީގެ ތެރެއިން ފަސް ބިލިއަން ރުފިޔާ އަނބުރާ ދައްކަން ބަޖެޓުގައި ހިމަނާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް 83 މިލިއަން ޑޮލަރު ޗައިނާއަށް ދައްކަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ މިއަދު ވިދާޅުވެ އެވެ.

"އަޅުގަނޑު އަންތަރީސް އެބަވޭ އެ އޮތް ބޮޑު ޗައިނާ، އެހެރަ ތަނަވަސް ގައުމު، އެ އޮތް ކުރިއަރަމުން އަންނަ މީހުން އަދި ދުނިޔޭގެ ވެރިކަމަށް އުއްމީދު ކުރިމަން އަންނަ ގައުމު މި ދިވެހިރާއްޖޭގައި ތިބި 4 ލައްކަ މީހުން ކައިރީގައި ފައްޓަރުބައި ވިއްކާފައި ތިމަންނާމެންގެ ބޭންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނާ ބުނުން"

ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ބުރަވެގެން އުޅެނީ ރައީސް ސޯލިހުގެ ސަރުކާރުން ނެންގެވި ދަރަނީގެ ސަބަބުން ނޫން ކަމަށެވެ. ބަޖެޓަށް ބުރަވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ބޮޑު ދަރަނީގެ ސަބަބުން ކަމަށެވެ.