ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ކަރަންޓީނަށް ވަޑައިގެންފިއެވެ.

ޑރ. ޓެޑްރޯސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއާ ކޮންޓެކްޓްވި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ކަރަންޓީނުގައި ހުންނެވި ކަމަށެވެ.

Ad
rt

އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، ހާލުކޮޅުވެސް ރަނގަޅު ކަމަށް ޑރ. ޓެޑްރޯސްގެ އެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

ބައްޔަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށްވުމުން ޑަބްލިޔޫއެޗްއޯގެ ޕްރޮޓޮކޯލްއާ އެއްގޮތަށް ކަރަންޓީނަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެ، ޑރ. ޓެޑްރޯސް ވިދާޅުވީ ދެން މަސައްކަތް ކުރައްވާނީ ގޭގައި ހުންނަވައިގެން ކަމަށެވެ.

ޑރ. ޓެޑްރޯސްއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ މުގުލުގައި ހުންނަވައިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގައި އެންމެ އިސްކޮށް މަސައްކަތް ކުރަށްވ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ކަރަންޓީނަށް ވަޑައިގެންނެވިއިރު ކޯވިޑްގެ ސަބަބުން ދުނިޔޭގެ ހާލަތު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގަ އެވެ. މިހާތަނަށް ދުނިޔޭން 46,860,592 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި 1,205,838 މީހުން މަރުވެފައިވާއިރު، 33,773,347 މީހުން ވަނީ މިބަލިން ރަނގަޅު ވެފައެވެ.