ދުނިޔޭގައި މި ވަގުތު މުސްލިމުންނަށް އެންމެ ހަޖޫ ޖަހައި، އެންމެ ބޮޑަށް ފުރައްސާރަ ކުރަމުން އަންނަ ޤައުމު ކަމަށްވާ ފްރާންސްގައި އަލަށް އިސްލާމްވަމުން ވަމުން އަންނަ މީހުންގެ ޢާބާދީ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފްރާންސްގެ ވެރިރަށް ޕެރިސްގެ ކްރޭޓެއިލް ސަރަހައްދުގައި ބިނާކޮށްފައިވާ 'ސަހާބާ' މިސްކިތަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި އަލަށް އިސްލާމްވަމުން އަންނަ އައު މުސްލިމުންގެ މިސްކިތެވެ.
އެ މިސްކިތުން ދިން މަޢުލޫމާތެއްގައި ބުނެފައިވަނީ އަހަރެއްގެ މައްޗަށް 150 އަށްވުރެއް ގިނަ މީހުން އެ މިސްކިތުން އެކަނިވެސް އިސްލާމް ދީން ގަބޫލު ކުރަމުން އަންނަ ކަމަށެވެ. މިއީ ފްރާންސް ފަދަ ޣައިރު މުސްލިމް ޤައުމެއްގައި ބޮޑު ޢަދަދެކެވެ. 81 އެއް ފޫޓުގެ މުންނާރެއް އެކުލެވޭ މި ރީތި މިސްކިތަކީ މިއަދު ފްރާންސްގައި އިސްލާމީ ޙަޟާރަތުގެ ހުޅުކޮޅު ނިއްވާ ނުލެވޭކަމުގެ ހެއްކެކެވެ.
މި ސަރަހައްދުގައި ނަގާފައިވާ، އަދި މީސް މީޑިޔާގައި ޢާންމުވެފައިވާ ވީޑިޔޯއެއްގައި ބުނާ ގޮތުގައި، މި ސަރަހައްދުގައި މުސްލިމުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އިސްލާމް ދީނުގެ ހިދާޔަތް ލިބުނު މީހުން ވަނީ ދެގުނަ އިތުރުވެފައެވެ.
" އަބަދުވެސް މި ޤައުމުގައި އިސްލާމުން އިތުރުވަމުން އަންނަކަން ޑިޑިއަރ ލެސްޗީ (ހެޑް އޮފް ބިޔުރޯ ފޯރ ރިލިޖަންސް އޮފީސް) ވެސް ވަނީ ކަށަވަރުކޮށްދެއްވާފައި. ބަދަލުވެފައިވާ ހަޤީޤަތަކީ، އަލަށް މުސްލިމް ވަމުން އަންނަ ޒުވާނުން ކުރަމުން ގެންދާ ކަންކަން"
ޕިއަރ ޝްމިޓް ނަމަަކަށް ކިޔާ މީހަކު ރިޕޯޓުގައި ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި، ފްރާންސްގެ މުސްލިމުންގެ ޖަމިއްޔާ ތަކުން ދިން މަޢުލޫމާތުގެ އަލީގައި ބައެއް ދުވަސް ދުވަހު 10 މީހުން އެކީގައިވެސް ވަނީ އިސްލާމްދީން ޤަބޫލުކޮށްފައެވެ. އަދި އަހަރަކަށް ބަލާއިރު، 3600 މީހުން އަލަށް އިސްލާމްދީން ގަބޫލުކޮށްފައިވާއިރު މިއީ ރެކޯޑް ކުރެވިފައި އަދަދެވެ.
ޗެލްސީއަށް ފުޓުބޯޅަ ކުޅެމުން އައި ނިކޮލަސް އަނެލްކާ އަކީ ފްރާންސް މީހުންގެ ތެރެއިން އަލަށް އިސްލާމްދީން ޤަބޫލުކުރި މަޝްހޫރު ޝަޚްޞިއްޔަތެކެވެ. އެނާ 2004 ވަނަ އަހަރު އިސްލާމްދީން ޤަބޫލު ކުރުމަށްފަހު ވަނީ އޭނާގެ ނަން އަބްދުލް ސަލާމް ބިލާލް އަނެލްކާއަށް ބަދަލުވެސްކޮށްފައެވެ.
ފްރޭންކް ރިބެރީއަކީވެސް އުތުރު ފްރާންސްއަށް ނިޞްބަތްވާ އިސްލާމްދީން ޤަބޫލު ކުރި މީހެކެވެ. އޭނާ 2006 ވަނަ އަހަރު މުސްލިމް އަންހެނަކާއި ކައިވެނިކޮށްފައިވަނީ އިސްލާމްދީން ޤަބޫލު ކުރުމަށްފަހުއެވެ.
ފްރާންސް އަކީ މި ވަގުތު މުސްލިމުންގެ ޢާބާދީ 6 މިލިޔަނަށް އަރާ ޤައުމެކެވެ. އެއީ މިވަގުތު އެ ޤައުމުގެ އާބާދީގެ 9% އެވެ. އަދި މިއީ މުޅި ޔޫރަޕުގެވެސް އެންމެ ބޮޑު މުސްލިމު އާބާދީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!