ދ. އަތޮޅުގައި އޮންނަ ''ކަނޑިންމަ މޯލްޑިވްސް'' ރިސޯޓުން 17 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެ ރިސޯޓުން ކޯވިޑް އިތުރު ކޭސްތަކެއް ފުނުނުއިރު، އެ ރިސޯޓުން ހާލުބޮޑުވެގެން އޮކްޓޯބަރު 30 ވީ ހުކުރު ދުވަހުގެ ރޭ ކުޑަހުވަދޫއަށް ގެންދިޔަ މީހަކު ވަނީ ނިޔާވެފައި އެވެ. އެއާއިއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ފިރިހެނަކު ހުކުރު ދުވަހުގެ ރޭ 9:45 އެހާކަންހާއިރު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ކޯވިޑް މަރެއް ކަމަށް ނިންމާފައިވާކަމަށް ވެސް ބުނެފައިވެއެވެ.

Ad
rt

އެޗްޕީއޭއިން މިއަދު ބުނެފައި ވަނީ އެކަމާ ގުޅިގެން އެރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 މީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ކޯވިޑް ބަލީގައި ނިޔާވި މީހާ އަކީ ދ. މާއެނބޫދޫއަށް ނިސްބަތްވާ މީހެކެވެ. އެމީހާއަކީ އެރިސޯޓުގެ މުވައްޒަފެކެވެ. އެ މީހާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އިނގިފައިވަނީ ނިޔާވި ފަހުން ނެގި ސާމްޕަލުންނެވެ. އަދި އެސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އެމީހާ ވަޅުލި ފަހުން އިއްޔެގެ ވަގުތެއްގައިކަމަށް ދ. އަތޮޅު ހޮސްޕިޓަލުން އެރޭ ބުނެފައި ވެއެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރެއްވި މަޢުލޫމާތަށް ބަލާއިރު، މިވަގުތު 27 ރިސޯޓެއްގައި 35 ޓޫރިސްޓުންނާއި 81 މުވައްޒަފެއް ކޯވިޑް ޕޮޒިޓިވް އެކްޓިވް ކޭސް ގޮތުގައި އެބަތިއްބެވެ. އަދި ކަނޑިންމަ މޯލްޑިވްސް އޮތީ މޮނިޓަރިންގައި އެވެ.