ރެކްޓަރ މިންގަނޑުން 7.5 މެގްނިޓިޔުޑްގެ ބާރުގަދަ ބިންހެލުމެއް އެމެރިކާގެ އެލާސްކާ ކައިރިއަށް އަތުވެއްޖެއެވެ.

ހޯމަ ދުވަހުއައި މި ބިންހެލުމާއިއެކު، ސުނާމީގެ އަސަރުތަކެއް މި ސަރަހައްދުން ފެންނަން ފެށުމާއިއެކު، އެމެރިކާގެ ދެކުނުގެ މި އަވަށުގައި، ބިން ތިރި ސަރަހައްދުތަކުގައި ތިބި ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތްތަށް ވަނީ ފަށާފައެވެ.

Ad
rt

ހޯމަ ދުވަހު އައި މި ބިންހެލުމުގައި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ނުވާއިރު، ސުނާމީ ރާޅުތަކެއް އަރާފާނެ ކަމަށް ސަމާލުވުމަށް އެމެރިކާގެ ނެޝެނަލް އޯޝެނިކް އެންޑް އެޓްމޯސްފެރިކް އެޑިމިނިސްޓްރޭޝަންއިން (އެންއޯއޭއޭ) ވަނީ ބުނެފައިއެވެ.

2 ފޫޓުގެ ރާޅުތަކެއް މިހާތަނަށް ވަނީ ބިންހެލުން އައި ސަރަހައްދުން ފެށިގެން 100 ކިލޯމީޓަރު ދުރުން ފެނިފައެވެ. އަދި ބިން ހެލުން އައިސްފައިވަނީ، ބިމުގެ ސަތަހައިގެ 40 ކިލޯމީޓަރު އަޑިއަށެވެ.

އެމެރިކާއިން ވަނީ މިހާރު މި ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިދާނެ ސަރަހައްދުތައް ކަނޑައަޅާފައެވެ. މި ގޮތުން، އިރު އުތުރަށް ވާ ގޮތަށް އެތައް ސަތޭކަ ކިލޯމީޓަރެއް ވަނީ މި ސަރަހައްދުތަކުގެ ތެރޭގައި ކަނޑައަޅާފައެވެ.

މިހާތަނަށް ސުނާމީއެއް އަރާފާނެ ކަމަށް ބެލެވޭ ރިސްކު ދަށް ކުރެވިފައިވާ އިރު، ސުނާމީ އެއް އެރިކަމުގައި ވީ ނަމަވެސް، ގިނަ ސަރައްހަދުތަކެއް ފެންބޮޑު ނުވާނެ ކަމަށް އެންއޯއޭއޭ އިން ވަނީ އިތުރަށް ހާމަކުރައްވާފައެވެ.

އެލަސްކާގެ އަވަށެއް ކަމަށްވާ ކިންގް ކޯވްގެ އެޑްމިނިސްޓްރޭޓަރ ގެރީ ހެނީވް ވިދާޅުވިގޮތުގައި، މި ބިންހެލުމުގެ އަސަރު އެ ސަރަހައްދަށްވެސް ވަނީ ކޮށްފައެވެ. ނަމަވެސް، އެއްވެސް މީހަކަށް، އަދި އެއްޗަކަށްވެސް ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ބިން ހެލުމަށްފަހު އަންނަ "އާފްޓަރ ޝޮކް" ނުވަތަ ބިންހެލުމުގެ ސަބަބުން އަންނަ ލޮޅުންތައް ވަނީ މި ސަރަހައްދުތަކަށް ކޮށްފައެވެ. މި ގޮތުން، މެގްނިޓިޔުޑް ލެވެލް އިން 5 ގެ ފަސް ވަރަކަށް ލޮޅުން ވަނީ އަރާފައެވެ.

ހޯމަ ދުވަހުގެ މި ބިންހެލުމަކީ، މި ސަރަހައްދަށް 7.8 ގެ ބާރުގަދަ ބިންހެލުމެއް މީގެ 3 މަސް ކުރިން އައި ފަހުން، އައި ފުރަތަމަ ބާރުގަދަ ބިންހެލުމެވެ. އެލާސްކާއަކީ އެ ސަރަހައްދުގެ ބިންގަނޑު އުފެދިފައިވާ ގޮތުން، "ޕެސިފިކް ރިންގް އޮފް ފަޔަރ" އެއްގެ މަތީގައި އުފެދިފައިވާ ހިސާބެކެވެ.

1964 ވަނަ އަހަރު އެމެރިކާއަށް ވަނީ 9.2 ގެ ބާރުގަދަ ބިންހެލުމެއް އަރާފައެވެ. މިއީ މި ސަރަހައްދަށް ރެކޯރޑު ކުރެވިގެން އެރި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމާއި އެކު، ހަވާއީ ސަރަހައްދަށްވަނީ ބޮޑު ސުނާމީ އެއް އަރާފައެވެ. މި ސުނާމީގައި 250 މީހުން ވަނީ މަރުވެފައެވެ.