ކުރީ ޒަމާނުގައި ދެބުރިއަށް ކާލިގަނޑުލައިގެން ދިދަ ނަގާން ޖަހާފައި ހުންނަ ދިގު ދިދަ ދަނޑިއަށް ކޯއްޓޭ ކިޔައެވެ. ދެން ކޯއްޓޭ ކިޔަނީ ރަށްރަށް ދިފާޢުކުރުމަށް ސިފައިން ތިބުމަށް ހަދާފައި ހުންނަ ތަންތަނަށެވެ.
ދިވެހި އަސްކަރިއްޔާގެ މައިމަރުކަޒުގެ ކުރިމަތީގައި (ޖުމްހޫރީ މައިދާނުގައި) ހުންނަ ބޮޑު ދިދަ ދަނޑިއަކީ މިހާރުގެ ގޮތުންނަމަ ބޮޑު ކޯއްޓޭ އެވެ.
ދިވެހިތާރީޚާއި ސަގާފަތާ ގުޅިފައިވާ މަޝްހޫރު ބޮޑު ކޯއްޓޭ ބުޒުރު ތަޅާލުމަށްފަހު އެ ބުރުޒުގައި ހުރި ބޮޑު ކޯއްޓޭގެ ބަދަލުގައި ނެގި ކޯއްޓޭ ހުރީ ގާތްގަނޑަކަށް މިހާރުގެ ބޮޑު ކޯއްޓޭ އެހެރަތަނުގައެވެ.
އެ ޒަމާނުގައި ނަގާފައި ހުންނަ ކޯއްޓޭ ހުންނަނީ ލަނބުރާން ޖަހާފައެވެ. ފޫ ބިމުގައި ވަޅުލުމުގެ އިތުރުން ހަތަރު ފަރާތަށް ވާޖަހައި ވާންކޮށް އައްސައި ލަނބުރާން ކުރުމުން ކޯއްޓޭއަށް ގަދަކަން ލިބެއެވެ. ދިދަ ނަގާފައި ހުންނައިރު ވައިއެޅުމުން ކުރާ ބާރުގައި ނުވެއްޓި ހިފަހައްޓައި ދެއެވެ. މާލޭގައި ކޯއްޓޭތައް ޖަހައި ދިދަ ނެގި ދުވަސްވަރު އެންމެ ބޮޑަށް ކޯއްޓޭތައް ބޭނުން ކުރެވުނީ އެއް ބުރުޒުން އަނެއް ބުރުޒަށް ޚަބަރުތައް އެންގުމަށެވެ. މިގޮތަށް ކަންކަން އެންގުމަކީ ދިދައިން ވާހަކަ ދެއްކުމެވެ. މީގެ އިތުރުން ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމަށާއި ރައްޔިތުންނަށް ކަންކަން އެންގުމަށް ވެސް ކޯއްޓޭތައް ނަގައި ދިދަ ނަގާ އުޅުނެވެ.

ބޮޑު ކޯއްޓޭ ކިޔަނީ ބޮޑު ކޯއްޓޭ ބުރުޒު މަތީގައި ހުންނަ ކޯއްޓޭއަށެވެ. ބޮޑު ކޯއްޓޭ ހުރީ ކުރީގެ ކަސްޓަމް ޢިމާރާތުގެ އުތުރުގައި އަތިރިމަތީގައެވެ. އެއީ މިހާރުގެ ޖުމްހޫރީ މައިދާނާ ދިމާއިން ގޮނޑުދޮށެވެ. އޭރު ބޮޑު ކޯއްޓޭއަށް ދިދަ ނަގަނީ ބޭރުން އަންނަ ބޯޓުފަހަރާއި ނާޒޯނގުފަހަރު އެތެރެއަށް ވަނީމައެވެ. ކޯއްޓޭތައް ޖަހައި ދިދަނެގި ޒަމާނުގައި މާލޭގައި 17 ކޯއްޓޭ ހުއްޓެވެ. އެ ކޯއްޓޭތައް ހުރި ތަންތަނަކީ:-
1. ހެންވޭރު މައިޒާން
2. ގަލޮޅު މައިޒާން
3. މައްޗަންގޮޅީ މައިޒާން
4. މާފަންނު މައިޒާން
5. ވަލު މައިޒާން
6. މޭދާމުގުރި ކަލޭފާނު ޒިޔާރަތް
7. ބޮޑުގުޅަ މައިޒާން
8. މާފަންނު ޒަކީ ބުރުޒު
9. ޢީދު މިސްކިތް ހުޅަނގު ދެކުނުކަންމަތި
10. ވައްވެޔޮ
11. ކަނބާ ގަނޑުވަރު
12. ނާބުސްޚާނުގެ އިރުމަތީ ކޮޅުން ބޮޑު ގަނޑުވަރު
13. އާބުރުޒު
14. ރަންޖެހި ބުރުޒު
15. ނާނޭ ބުރުޒު
16. އޮއިކޮޅު ބުރުޒު
17. ކުޅިދޮށު ބުރުޒު
ހެންވޭރު މައިޒާން ހުރި ހިސާބަކީ ހެންވޭރު ބުލޫހެވަން މިހާރު ހުރި ހިސާބެވެ. ވަލުމައިޒާން ހުރީ އިބްރާހީމީ މިސްކިތް ހުރި ހިސާބުގައެވެ. މޭދާމުގުރި ކަލޭފާނުގެ ޒިޔާރަތްހުރީ ޖަނަވަރީ މަގުގެ ދެކުނުކޮޅުގައެވެ. މައްޗަންގޮޅި މައިޒާންހުރީ މަޖީދީމަގާއި ޗާންދަނީމަގާ ބައްދަލުވާ ހަތަރު އަނގޮޅީގެ އިރުދެކުނު ކަންމަތީގައެވެ. މާފަންނު މައިޒާން ހުރީ މިހާރު ހިލާލީގެ އެހެރަ ތަނުގައެވެ. ކަނބާގަނޑުވަރު ހުރީ މިހާރުގެ ރައްޔިތުން މަޖިލިސްކުރާ ގެ ހުރި ހިސާބުގައެވެ.

ކޯއްޓޭއަށް ދިދަނެގުން އާންމުކޮށް އޮންނަނީ ރަމަޟާންމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ދިދަ ނަގަނީ ކީރިތި ރަސޫލާ މައްކާ ފަތަޙަ ކުރެއްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ދުވަސްވަރު ޤައުމީ ދިދައެއްގެ ގޮތުގައި ބޭނުންކުރީ ރަތްކުލައިގެ ފޮތިގަނޑެކެވެ. ނުވަތަ އެއީ ރަތްކުލައިގެ ބޮޑު ދިދައެކެވެ. ޢީދު ދުވަހާއި ހިތީ ދުވަސްދުވަހު ވެސް ކޯއްޓޭއަށް ދިދަ ނަގައެވެ. ދިދަ ނަގާއިރު ދިދައިގެ މައްޗަށް އަމަރާލި ނަގައެވެ. އަމަރާލިއަކީ ހަނިދިގުކޮށް ހަދާފައި ހުންނަ ކަފި ދިދަ އެކެވެ. އެ ޒަމާނުގައި އާންމުކޮށް ކޯއްޓޭ ކޮޅަށް ޖަހަނީ ދިދަ ނަގާ ރަސްމިއްޔާތަށެވެ. އެ ރަސްމިއްޔާތެއް ނުވަތަ މުނާސަބަތެއް ނިމުމުން ކޯއްޓޭ ތިރިކުރެއެވެ.
ބޮޑު ކޯއްޓޭ ބުރުޒު 11 ޖޫން 1961 ގައި ތަޅާލުމަށްފަހު، އެތަނުގެ ކައިރީގައި ވަގުތީ ގޮތުން ދިދަ ދަނޑިއެއް ޖަހައި ދިދަ ނަގަމުން އައެވެ. ނަމަވެސް ފަހުން ކޯއްޓޭ (ދިދަ ދަނޑި) އަލުން ތައްޔާރުކޮށް ބަނޑޭރިގޭ ކުރިމަތީގައި ކޯއްޓޭ ނަގައި، އެ ކޯއްޓޭއަށް 24 ޖުލައި 1961 ގައި ދިދަ ނެގިއެވެ. އެ ދުވަހު ހެދުނު 09:18 ގައެވެ. އެ ދުވަހު ދިދަ ނެގުމަށްފަހު ހެނދުނު ހަޔަކުން ދިދަ ނަގައި ހަވީރު ހަޔަކުން އައީ ދިދަ ތިރިކުރަމުންނެވެ. މި ކޯއްޓޭ އެތަނުން ނެގީ 1976 ވަނަ އަހަރުއެވެ.
ކޯއްޓޭއެއް ނެތި ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު މިހާރު ޖުމްހޫރީ މައިދާނުގައި ހުންނަ ބޮޑު ކޯއްޓޭ ނެގީ 1992 ވަނަ އަހަރުއެވެ. އެއީ 1892 ވަނަ އަހަރު އުފެދުނު ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނު އަހަރެވެ. ޖުމްހޫރީ މައިދާން ތަރައްޤީކޮށް ބޮޑު ކޯއްޓޭ ނަގައި، ކޯއްޓޭއަށް ދިދަ ނެގީ 25 މާރިޗު 1992 ގައެވެ. އެއީ 20 ރަމަޟާން 1412 ވީ ބުދަ ދުވަހެވެ. ވަގުތަކީ ހެނދުނު 09:00 އެވެ. މި ތާރީޚާއި މި ވަގުތު ދައުލަތުން ކަނޑައަޅުއްވާފައި ވަނީ އެންމެ ކުރީ ޒަމާނުގައި ކޯއްޓޭތަކަށް ރަސްމީކޮށް ދިދަ ނަގައި އުޅުނު ދުވަހާއި ވަގުތަށް ބައްލަވާފައެވެ. އެއީ މައްކާ ފަތަޙަކުރެއްވި ދުވަހަށާއި ކުރީ ޒަމާނުގައި އެކަން ފާހަގަ ކުރުމަށް މާލޭގައި ކޯއްޓޭތަކަށް ދިދަ ނަގާ ވަގުތަށް ބައްލަވާފައެވެ.
މިހާރު ހުރި މާލޭ ބޮޑު ކޯއްޓޭގެ އުސްމިނަކީ 100 ފޫޓެވެ. އެ ކޯއްޓޭއަށް ނަގާ ދިވެހި ޤައުމީ ދިދައިގެ ބޮޑުމިނަކީ 20 ފޫޓު 30 ފޫޓެވެ. ބޮޑު ކޯއްޓޭއަށް ދިވެހި ސިފައިން ޤައުމީ ދިދަ ނެގީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހުއްދަ ދެއްވުމުންނެވެ. އެ ފުލެޓް ޑީޓޭލް ނުވަތަ ދިދަބިސީގެ ކޮމާންޑަރަކަށް ހުންނެވީ ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒާހިރެވެ. އޭރު އެމަނިކުފާނު ހުންނެވީ ކެޕްޓަން ރޭންކުގައެވެ.
މަޢުލޫމާތު: ދިވެހި އަސްކަރީ ތާރީޚުގެ ވޮލިޔުމް 3 (ސިފައިން އުފެދުމާއި ކުރިއެރުން 1892-2008)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!