ވިހުރިލާށެވެ. މިނިވަންކަމުގެ ރަމުޒާއެވެ. ސާބިތުވެ ހުރެދޭށެވެ. ފެއްސާއި ރަތާއި ހުދާއެވެ. ތިޔައީ ހަމައެކަނި ދިދައެއް ނޫނެވެ. އެއަށްވުރެ މާ އައުދާނަ ނިޝާނެކެވެ. މާނައާއި އިހުސާސްތައް ފުނެވެ. އަސަރު ގަދައެވެ. ބުނެދޭ ވާހަކަތައް މާ ގިނައެވެ.
ތިޔައީ ޝަހީދުންނާއި ޤައުމީ އަބުޠާލުންގެ ފިދާޢީ ހަނދާނެވެ. ދިވެހީންގެ ހިތްވަރާއި ޢަޒުމާއި ޣީރަތްތެރިކަމުގެ އިމެވެ. ދިވެހީންގެ ޤައުމިއްޔަތުގެ ހެއްކެވެ. ދިވެހީންގެ މިނިވަންކަމުގެ އަލިގަދަ ދަންމަރެވެ. މި ޤައުމު ދެކެ ލޯބިވި ދަރިން މިނިވަންކަމަށް ޓަކައި އޮހޮރުވާލި ލޭގެ އަސަރެވެ. މި ފެހިފެހި ޖަޒީރާ ރަށް ތަކުގެ ޤުދުރަތީ ރީތިކަމާއި ދިވެހީންނަށް މާތް ރަސްކަލާނގެ ދެއްވި ނިޢުމަތްތަކާއި ހެޔޮ ނަސީބުގެ އިޢުތިރާފެވެ. އުންމީދީ ތަނަވަސް ދިރިއުޅުމާއި އެކުވެރި އެއްބައިވަންކަމާއި އެއްބައެއްވަންތަކަމުގައި އެންމެން ބަނދެލަދޭ ވާފަށެވެ.
ހިތްތަކުގެ ސާފުކަމާއި އަޤީދާގެ ހަރުދަނާކަމުގެ ހިތްހަމަޖެހުމެވެ. ތިޔައީ މި ލޮބުވެތި ވަޠަނުގެ ޢިއްޒަތެވެ. ދިވެހީންގެ ފަޚުރާއި ޝަރަފެވެ.
ތިޔަ ދައްކައި ދެނީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވެރިކަން ދެމެހެއްޓުމަށް ޓަކައި އެބައެއްގެ ފުރާނަތައް ޤުރުބާންކުރި ޤައުމީ އަބުޠާލުންގެ ލެއެވެ. ދިވެހީންގެ ދިރުމާއި ކުރިއެރުމާއި ތަނަވަސްކަމެވެ. ދިވެހީންގެ ހިތްތަކުގައި ވިންދު ޖަހަމުންދާ މާތްވެގެންވާ އިސްލާމު ދީނުގެ ސާފު އަޤީދާއެވެ.
ދިވެހިރާއްޖެއަކީ ޤައުމަށް ޓަކައި ލެއާއި ފުރާނައިން ޤުރުބާންވުމަށް ފަސްނުޖެހޭ ދަރިންތަކެއް ތިބި ޤައުމެއްކަން އެކުވެރިންނަށާއި ދުޝްމަނުންނަށް ވެސް އެބަ ބުނެދެމުއެވެ. ދިވެހިރާއްޖެއަކީ މިނިވަންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުވެފައިވާ ޤައުމެއްކަން މުޅި ދުނިޔެއަށް އެބަ އިޢުލާން ކޮށްދެމުއެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަން ފިސާރި ކެރިހުރެގެން އެބަ ހާމަކޮށް ދެމުއެވެ.
ދިވެހީން ދިވެހި ޤައުމީ ދިދަ ދެކެ ލޯބިވެއެވެ. ދިވެހި ޤައުމީ ދިދައަކީ ދިވެހި ފަސްގަނޑުގައި އެންމެ އިސް ދިދައެވެ. ދިވެހި ދިދައަށްވުރެ ލޯބިވާ އެހެން ދިދައެއް ދިވެހީންނަށް ލިބިފައެއް ނުވެއެވެ. ދިވެހި ދިދައިގެ ކުލަތަކަށް ވުރެ މަގުބޫލު ރީތި ކުލަތަކެއް ވެސް ނެތެވެ. ދިވެހި ދިދަ ހުންނަނީ ދިވެހީންގެ ކަނާތްފަރާތުގައެވެ. މުއައްސަސާތަކުގެ ވެސް ކަނާތް ފަރާތުގައެވެ. އޮފީސްތަކުގައި ދިދަ ނަގާފައި ހުންނައިރު ކުރިމައްޗަށް ހުއްޓިހުރެ ބަލާ މީހުންނަށް ދިވެހި ޤައުމީ ދިދަ އޭނާގެ ވާތް ފަރާތުގައި ހުއްޓާ ފެންނަނީ އެހެންވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޤައުމީ ދިދަ ބަހައްޓާފައި ހުންނަނީ ރައީސުލްޖުމްހޫރިއްޔާގެ ކަނާތް ފަރާތްޕުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަނީ ރައީސުލްޖުމްހޫރިއްޔާގެ ވާތް ފަރާތްޕުޅުގައެވެ. މި ކަންކަމުން ދައްކައިދެނީ ދިވެހި ޤައުމީ ދިދައަށް ލިބިފައިބާ މަތިވެރި މަޤާމެވެ. ދިވެހީންގެ ހިތްތަކުގައި ދައުރުވާ ފެއްސާއި ރަތާއި ހުދުގެ ޝުޢޫރެވެ.
ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގެ ދިދައަށްވުރެ ދިވެހި ދިދަ ނިޔަމެއްޗެއް ނުވާނެއެވެ. މި ޤައުމުގައި ދިވެހި ދިދަ އެންމެ އުހުގައި ވިހުރެނީ އެހެންވެއެވެ. ބައިނަލްއަޤްވީ ސަފުގައި ދިވެހި ދިދަ ވިހުރެނީ އެހެން ޤައުމުތަކުގެ ދިދަތަކާ އެއްހަމައެއްގައެވެ. އެ ބުނެދެނީ މި ޤައުމަކީ ވެސް އެހެން ޤައުމުތަކެކޭ އެއްފަދައިން މިނިވަން މުސްތަޤިއްލު އަދި ސިޔާދަތީ ބާރު ލިބިފައިވާ ޤައުމެއް ކަމެވެ. ދިވެހި ދިދަ ބުނެދެނީ ދިވެހިރާއްޖެއެވެ. ދިވެހީންނެވެ. ދިވެހީންގެ ގޮތާއި ފޮތެވެ. ދިވެހީންގެ ހިތާއި ރޫޙުގެ ޝުޢޫރެވެ.
ދިވެހި ޤައުމީ ދިދައަކީ މި ޤައުމުގެ އެންމެ ރީތި ނިޝާނެވެ. ތިޔައީ ޤައުމީ ޒަޢީމުންގެ މަތިވެރި ހަނދާނެވެ. ދިވެހި މިނިވަން ފަޒާގައި މިނިވަންކަމުގެ ވައިރޯޅި ބީހެމުންދާކަމުގެ އަލިގަދަ ދަލީލެވެ. ދިވެހިރާއްޖެކިޔާ މިނިވަން ޤައުމެއް ދުނިޔޭގައި އޮތްކަމުގެ ސާފު ހެއްކެވެ. ޤައުމީ ދިދައާއެވެ. މިނިވަންކަމާއެކު ވިހުރިލާށެވެ. އިއްޔެއެކޭ އެއްފަދައިން މިއަދުއެވެ. މިއަދެކޭ އެއްފަދައިން މާދަމާއެވެ. ތާއަބަދުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!