ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް މިއަދު އަލުން ހުޅުވާލާއިރު 9 ރަށެއްގެ 16 ގެސްޓް ހައުސްއެއް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައި އެވެ.

Ad
rt

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރިތައް އަލުން ހުޅުވާލުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، 22 ގެސްޓް ހައުސްއަކުން ސްޓޭޑަޑް އޮޕަރޭޓިންގް ޕްރޮސިޖަރ، އެސް.އޯ.ޕީތައް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ.

އޭގެ ތެރެއިން 16 ތަނެއް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އަލުން ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާކަމަށް ރައްޒާން ވިދާޅުވިއެވެ.

މިއަދު ގެސްޓް ހައުސް ހުޅުވާ ރަށްތައް

  • ހދ. ހަނިމާދޫ
  • ށ. ނަރުދޫ
  • ކ. މާފުށި
  • ކ. ހުރާ
  • ވ. ތިނަދޫ
  • ނ. ފޮއްދޫ
  • ތ. ގާދިއްފުށި
  • އއ. މަތިވެރި
  • ވ. ފުލިދޫ
ހދ. ހަނިމާދޫގައި ހުންނަ ދަ ބެއާފޫޓު އެކޯ ހޮޓާ، މިތަނަށް މާދަމާ ގެސްޓުން އަންނާނެ

ރައްޒާން ވިދާޅުވީ، ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ކަންކަން ފުރިހަމަ ކުރުމަށް ފަހު އިތުރު ގެސްޓްހައުސް ތަކަށް އެސްއޯޕީ އެޕްރޫވަލް ދެވެމުން ދާނެ ކަމަށް." ރައްޒާން ވިދާޅުވި އެވެ.

އެ ނުވަ ރަށުން 16 ގެސްޓްހައުސް އަކަށް މިރެޔާ ހަމައަށް ހުއްދަ ދީފައިވާއިރު މިއަދުވެސް އެ އަދަދު އިތުރު ވެގެން ދާނެ ކަމަށް ރައްޒާން ވިދާޅުވި އެވެ.

މިގޮތުން މީހުން ދިރިއުޅޭ ރަށްތަކުގެ ގެސްޓު ހައުސްތަށް އަލުން ހުޅުވާލާއިރު، ޢަމަލުކުރަންޖެހޭ ޢުސޫލު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ ޢާއްމުކޮށްފައެވެ. މި އުސޫލްގެ ދަށުން ގެސްޓަހައުސް ހުންނަ ރަށްތަކުން އެހެން ރަށްތަކަށް ދަތުރުކުރާ މީހުން ޢާއްމު އުސޫލުން 14 ދުވަހު ކަރަންޓީނު ވާންޖެހެއެވެ. ނަމަވެސް ސިއްޙީ ބޭނުންތަކާއި، އާއިލާގެ މީހަކު ބަލިވެގެންނާއި، ބޭންކިންގ ޚިދުމަތަށާއި، ކާބޯތަކެތި ފޯރުކޮށްދިނުމަށާއި، ކޯޓުގެ ޚިދުމަތަށް އަދި ސްކޫލަށް ދިޔުމަށް ދެރަށް ދެމެދުކުރާ ދަތުރުތަކަށް އެ އުސޫލުގެ ދަށުން އިސްތިސްނާ ވެއެވެ. އަދި މި އުސޫލުގެ ދަށުން ގެސްޓްހައުސްތައް ހިންގަން ފަށާ ރަށްތަކުގައި މާސްއެޅުންވެސް މަޖުބޫރު ވާނެއެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ޓޫރިޒަމް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުން ރަށެއްގައި ގެސްޓްހައުސް ވިޔަފާރިއަށް ހުޅުވާލެވޭނީ އެރަށެއްގެ އާންމުންގެ ހިޔާލު ހޯދައިގެން، ކައުންސިލުން އެކަމަށް އެއްބަސްވުމުންނެވެ.

އެރަށެއްގައި ކޯވިޑް ޓާސްކް ފޯހެއް އޮންނަން ޖެހޭއިރު އެ ޓާސްކް ފޯހުގެ ކެޕޭސިޓީ ކަނޑައަޅާނީ އެޗްޕީއޭއިން ނެވެ. ރަށްރަށުގައި ހުންނަ ހޮޓާ/ ކެފޭ އަދި ރެސްޓޯރެންޓު ވެސް އެޗްޕީއޭގެ ގައިޑްލައިންސްއާ އެއްގޮތަށް ހުންނަން ޖެހޭއިރު އެރަށްރަށުގައި ފްލޫ ކްލިނިކެއް ހުރުމާއި، އަދި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުންނަން ޖެހެއެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަން މިއަދާއި ހަމައަށް ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވަން ނިންމީ އޯގަސްޓް މަހުގެ 15 ގަ އެވެ. ނަމަވެސް ކޯވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ.

މިއަދު ގެސްޓުހައުސްތައް ހުޅުވާލާއިރު، އުތުރުން ހދ. ހަނިމާދޫގައި ހިންގަމުންދާ ސިޓީ ހޮޓާ، ''ދަ ބެއާފޫޓު އެކޯ ހޮޓެލް'' އަށް ގެސްޓުން އަންނާނީ މާދަމާއެވެ.