ދަނޑުވެރިކަމަށް ރާއްޖެ އިން ދޫކުރި އެއްވެސް ރަށަކީ ވިޔަފާރީގެ ދެކޮޅު ޖެހޭ ރަށްތަކެއް ނޫން ކަމަށާއި އެއީ ގެއްލުން ބޮޑު ކަމެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ކުރެއްވި ސުވާލަށް މިނިސްޓަރު ޒަހާ ދެއްވި ޖަވާބާއި ގުޅިގެންނެވެ. މިނިސްޓަރު ޒަހާ މަޖިލީހުގައި މެމްބަރުން ކުރި ސުވާލުތަކަށް ދެއްވި ޖަވާބަށް ރިއާޔަތްކޮށް ރައީސް ނަޝީދު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވާ ރާވަނީ އިގްތިސާދީ ކޮމިޓީންކަމަށް މިނިސްޓަރު ޒަހާ ވިދާޅުވެފައިވާ ކަމަށެވެ.

Ad
rt

ރައީސް ނަޝީދު ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ކަމަށް ބުނެ ރާއްޖޭގެ ފަޅުރަށްތައް ދޫކުރާތާ ގާތް ގަނޑަކަށް 32 އަހަރު ވެފައިވާ ކަމަށާއި ނަމަވެސް އެކަމުން ވީ ފައިދާއަށް ވުރެން ގެއްލުން ބޮޑު ކަމަށެވެ.

"މި މަޖިލީހުގެ ލަފާ ކޮވިޑްގެ ހާލަތުގައި އެރުވިއިރު ވަރަށް ސާފުކޮށް މި ދިރާސާތައް ކުރެވި ފަޅުރަށް އިތުރަށް ދޫކުރާން އުޅުން އެއީ ބުއްދިވެރިކަމެއް ނޫން ކަމަށް މި މަޖިލީހުން ސަރުކާރަށް ލަފާ އެރުވިން.

ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއާ ހިލާފަށް ރާއްޖޭގެ ބައެއް ފަޅުރަށްތައް ރިސޯޓް ހިންގަން ދޫކޮށްލާފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެއީ ބޮޑުތަނުން ފައިދާވާ ކަމެއް ކަމަށެވެ. އެގޮތުން ކޯވިޑްގެ މި ހާލަތުގައި ފަޅުރަށް އިތުރަށް ދޫކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް މަޖިލީހުން ސަރުކާރަށް ލަފާ އެރުވި ކަމަށާއި ނަމަވެސް އަދިވެސް ފެންނަމުން ދަނީ ރަށްތައް ދޫކުރުމަށް ނިންމަމުންދާ މަންޒަރު ކަމަށްވެސް ރައީށް ނަޝިދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް 27 ހެކްޓަރުގެ ރަށަކާއި، އަނެއްކާވެސް 30 ހެކްޓަރުގެ ރަށަކާއި، އޮތް ބިންކޮޅެއް ވެއްޖެއްޔާ މި ހޮލިޑޭ ހޯމަށް ދޫކޮށް ދަނީ. ހަމަ ސާފުކޮށް އިނގޭ ކަމެއް މިއީ، މިއީ ދެކޮޅު ޖެހޭ މަސައްކަތެއް ނޫންކަން"

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހަ ފަޅު ރަށެއް ކުއްޔަށް ދޫކުރުމަށް ބީލަމަށް ހުޅުވާލަން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ދަނޑުވަރިކަން ކާމިޔާބް ކަމާއި އެކު ކުރަމުން އަންނަނީ މީހުން ދިރިއުޅޭ ރަށްތަކުގައިކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ އއ. ތޮއްޑޫ އާއި ކ. ކާށިދޫ އާއި ބ. ގޮއިދޫ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވާއިރު އަތޮޅު ތެރޭގައި ހުރި ރީތި ފަޅުރަށްތައް ވަރުވާގެ އުސޫލުން ވާރުތަވަމުން އަންނަ މުދަލެއްހެން މާލޭގެ މަހުޖަނުންނަށް ވަނީ ދަނޑުވެރިކަން ކުރުމުގެ ނަމުގައި ދިގުމުއްދަތަށް ކުއްޔަށް ދީފަ އެވެ. މިރަށް ރަށުގައި ދަނޑުވެރިކަން ކުރުމުގެ ބަދަލުގައި މިއީ މަހުޖަނުންގެ ހޮލިޑޭ ހޯމް ނުވަތަ ގުދަންތަކަކަށް ވަނީ ވެފައެވެ.