މިސަރުކާރު އޮތްހާ ހިނދަކު މަޖިލިސް ތަޅުލާފައި ބަހައްޓަން ފެނިވަޑައިގަންނަވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް އެހެން ވިދާޅުވީ އިންޑިއާއާ އެކު ހަދާފައިވާ ހުރިހާ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކުރުމަށް ގޮވާލައި އޭނާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅު ވުމުންނެވެ.
އެމައްސަލައާއި ގުޅިގެންމަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި، ރަށްކާތެރި ކަމާއި ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންފަދަ ކަންކަމަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާ ކޮމާންޑް އިން ޗީފްގެ ގޮތުގައި އަދާކުރަށްވަން ޖެހޭ މަސްއޫލިއްޔަތުތައް ކަމަށެވެ.
ދިވެހިރައްޔިތުން ބުރައެއް އުފުލާން ޖެހޭ ބާވަތެއްގެ އެއްބަސް ވުމެއް ދިވެހި ދައުލަތުން ކުރާނަމަ އެ އެއްބަސްވުމެއް ހެދެނީ މަޖިލިސްއިން އެކަމަށް އިޒުނަ ދީގެން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މަޖިލިސް ރައީސް ވިދާޅުވީ އެބާވަތުގެ އެއްބަސްވުމެއް ހަދާނަމަ މަޖިލިސްއަށް އެކަމުގެ ފުރިހަމަ މަޢުލޫމާތު ލިބޭނެ ކަމަށެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމެޓީ މެދުވެރިކޮށް މެންބަރު ޝިޔާމު އެދިވަޑައިގަންނަވާ މަޢުލޫމާތު ހޯއްދެވޭނެ ކަމަށާއި، އެ މައްސަލަ މަޖިލީހަށް ބަލައިގަނެވެން ނެތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
'' އަޅުގަނޑު ވަރަށް ހިތާމަ ކުރަން، މި މަޖިލިސް ޑިމޮކްރަސީގައި ފަހަތަށްއެޅި ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑަށް ހީވަނީ މި ސަރުކާރު އޮތްހާ ދުވަހަކު މި މަޖިލިސް އަޅުގަނޑަށް ފެންނަނީ ތަޅުލާފައި ބަހައްޓަން''
މަޖިލިސް ރިޔާސަތުން ޝިޔާމްގެ ކުއްލި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ވިދާޅުވުމުން ނިޒާމީ ނުކުތާއް ނަންގަވައި، ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އިންޑިއާ ސަރުކާރުން ކުރާގޮތަށް ވެފައިވާ އެއްބަސްވުމާއި، އެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅަން ޖެހުނީ ކީއްވެކަން ރައްޔިތުންނަށް ހާމަކޮށްދީފައިނުވާ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގައި ޝަރުތު ކޮށްފައިވަނީ ކޮންކަމެއް ކަމާއި. ދާދިފަހުން ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލު ހާމަކޮށްފައި ނުވާ ކަމަށް އެ މައްސަލާގައި ބުނެފައި ވެއެވެ.
މީގެއިތުރުން އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވަން 50 އަށްވުރެ ގިނަ އިންޑިއާ ސިފައިން ތިބި ކަމަށާއި 10 އަހަރުވީއިރު ދިވެހި ޕައިލެޓުން ތަމްރީނު ކުރެވިފައި ނުވާއިރު އެކަމުގެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ވެސް އެމައްސަލާގައި ގޮވާލައި، އިންޑިއާ ސަރުކާރާއެކު މި ސަރުކާރުން ހަދާފައިވާ އަދި އާކޮށްފައިވާ ހުރިހާ އެއްބަސްވުމެއްގެ ތަފްސީލު ހާމަކުރުމަށް ޝިޔާމުގެ ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!