އޮފީސްތައް ތޮށްޖެހި، ބޭރުން ޒިޔާރަތް ކުރާ މީހުން ގިނަވެ، ވެރިމީހާ ވަނީ މާސްކު އެޅުމާއި ދެކޮޅުވެފައެވެ.

ދަންކަން މިއުޅެނީ، އެމެރިކާގެ އެންމެ މުހިންމު ރައީސް އޮފީސް ވައިޓް ހައުސްގެ ވާހަކައެވެ. އިއްޔެ، ގިނަ ބައެއްގެ ކަންފަތްތަކުގައި ޖެހުނު އެންމެ ބޮޑު އެއް ވާހަކައަކީ، އެމެރިކާގެ ރައީސް އަދި އޭނާގެ އަންހެނުން، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ވާހަކައެވެ.

Ad
rt

މި ދެމަފިރިކަނބަލުން މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވުމާއި އެކު ވައިޓް ހައުސްގެ މާޙައުލު ވަނީ މުޅިންހެން ބަދަލުވެ، ހަލަބޮލިވެފައެވެ. މި ގޮތުން، ގިނަ ޢަދަދެއްގެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރުންވެސް ވަނީ ކުރަންޖެހިފައިވާ ލިސްޓަށް އިތުރުވެފައެވެ.

ގިނަ ޢަދަދެއްގެ ބަޔަކު ދެކޭ ގޮތުގައި އެމެރިކާގެ ރައީސްގެ އޮފީހަކީ ކޮވިޑް-19 އަށް ހާއްޔެކެވެ. ގިނަ ބަޔަކު އެއްތަނަކަށް އެއްވުމާއި، މާސްކު އެޅުމާއި، ގައި ދުރުކަން އިސްކުރުމަކީ މި ރައީސް އެހާ ހިތްޕުޅާ ހަމަވާފަދަ ކަންކަމެއް ނޫނެވެ.

ރައީސް ޓްރަމްޕްވަނީ އޭނާގެ ސަޕޯޓަރުންނާއި އެކު، ނޮވެމްބަރ މަހު އޮންނަ އިންތިޚާބަށް ކެމްޕޭން ކުރުމަށް ބޮޑެތި އެއްވުންތައް ބާއްވަން ފަށާފައެވެ. ގިނަ ބަޔަކު މި އެއްވުންތަކުގައި ފިތި ބާރުވެގެން ތިބޭ އިރު، މޫނު މަތީގައި މާސްކެއް އެޅުމުގެ ޚިޔާލެއްވެސް ގިނަ ބަޔަކު ނުކުރެއެވެ.

މިނެސޯޓާގައި މިދިޔަ ބުދަ ދުވަހު ރެލީތައް ބޭއްވިއިރު، ހުކުރު ދުވަހު ފްލޮރިޑާގައި އެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. ހޮނިހިރު ދުވަހަށް މީގެ ކުރިން ޓަރްމްޕްއަށް ތާވަލު ކޮށްފައިވަނީ އެމެރިކާގައި އެންމެ ހަލުވި ކަމާއި އެކު ވައިރަސް ފެތުރެމުންދާ ވިސްކޮންސިންއަށް ދަތުރުކުރުމަށެވެ. މި އެއްވުންތައް ބޭރުގައި ބޭއްވި ނަމަވެސް، ޓްރަމްޕް ވަނީ ބަންދުކޮށްފައިވާ ތަންތަނުގައި އެތައް ސަތޭކަ މީހުންނާއި މި ވޭތުވެދިޔަ ހަފްތާގައި ބައްދަލުކޮށްފައެވެ.

ވައިޓް ހައުސްއަކީ ސަރުކާރުގެ އޮފީހަކަށްވުރެ ބޮޑަށް ޢާންމުން ދިރި އުޅޭފަދަ ގެޔެއް ކުދި އޮފީސް ތަކަކަށް ހަދައިގެން ޒަމާނުއްސުރެ، އެެމެރިކާގެ ރައީސުން ބޭނުން ކުރައްވަމުން އަންނަ ތަނެކެވެ. ނޫސްވެރިން ނުލާ، ވައިޓް ހައުސްގައި މި ކުދި އޮފީސް ތަކުގައި400 އެއްހައި މުއްޒަފުން ކޮންމެ ދުވަހަކު ހަރަކާތްތެރިވެއެވެ. ގިނަ ނޫސްވެރިން ހެލްތު މިނިސްޓްރީގެ ގައިޑްލައިން ތަކަށް ތަބާވާއިރު، މުއައްޒަފުންގެ ކިބައިން މިކަމަށް ދޭ އަހަންމިއްޔަތުކަން ވަރަށް ކުޑަ ކަމަށް ގިނަ ބަޔަކު މީގެ ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ.

ޓްރަމްޕް މީގެ ކުރިން މާސްކު އެޅުމަށް ގިނަ ފަހަރު މަތިން ހަޖޫ ޖަހާފައިވާއިރު، އޭނާ ޤަބޫލުކުރައްވާ ގޮތުގައި، އޭނާ އަވަސް އަވަހަށް ޓެސްޓު ކުރުމުން މި ބަލި ޖެހުމުން ވަނީ ރައްކާތެރިވެފައެވެ. ނަމަވެސް އެންމެ ކުޑަ މިނުން ޓަރްމްޕްގެ ޓެސްޓިން ޝެޑިއުލްއަކީވެސް އެއްވެސް މީހަކަށް އެނގޭ އެއްޗެއްނޫނެވެ.

ކަން މިހެން އޮތް އިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި، އެންމެ ބޮޑަށް ހުންނަ މީހަކު މިހާ ބޮޑު ބަލިމަޑު ކަމަކަށް ހަޖޫ ޖެހުމަކީ، އެމެރިކާގެ އެންމެ މުހިންމު އެއް އޮފީސް މި ބަލިމަޑުކަމުގެ ހާއްޔަކަށް ވެފައިވާ އެންމެ ބޮޑު އެއް ސަބަބެވެ. ގައިދުރުކަން އިސްނުކޮށް، ބަލި ނުޖެހޭނެ ކަމަށް، ފުލޯކު ވާހަކައެއް ކަމަށް ދެކިގެން އުޅުމަކީ މިއަދު މި އޮފީސް އެމެރިކާގެ އެންމެ ނުރައްކާތެރި އެއްތަނަށް ވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބެވެ.