ކުޅުދުއްފުށީ ޕޯޓަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން، އިތުރަށް ޕޯޓް ތަރައްގީ ކުރަން ޕްލޭން އެއް އެކުލަވާލައި އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އެގޮތުން މިހާރުވެސް ޓަގް ބޯޓަކާއި އިތުރު ބާޖް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގެ ''ފަލަސުރުހީ'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ބޮޑެތި ބޯޓުތައް ވަދެވޭ ގޮތަށް ކުޅުދުއްފުށި ޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭން އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ.
ޝާހިދު ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ހަދާފައިވާ ކުޅުދުއްފުށި ޕޯޓަކީ ލިމިޓެޑް ކެޕޭސިޓީގެ ޕޯޓެއްކަމަށާއި 1000 ޓަނުގެ ކެޕޭސިޓީ އަށްވުރެ ބޮޑު ބޯޓުތަކަށް ޕޯޓަކާއި ކައިރިއެއް ނުކުރެވުމަކީ އެއީ ދަތިތަކެއް ދިމާވާ ކަމެއް ކަމަށެވެ.
އެއަށްވުރެ ބޯޑު ބޯޓެއް އައިސްފިއްޔާ އަބަދުވެސް ޖެހެނީ އެންކަރުގައި، ޕޯޓުން ބޭރުގައި ބާއްވައިގެން އެހެން އުޅަނދު ބޭނުންކޮށްގެން މުދާ ބާލަންކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތަށް މުދާ ބާލަން ޖެހުމަކީ ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަމަށާއި އޭގެ ސަބަބުން އޮޕަރޭޝަން ކޯސްޓުވެސް ބޮޑުވެ މުދާ ބެލުމުގައި ލަސްތަކެއްވެސް ދިމާވާކަން ފާހަގަކުރެއްވި އެވެ.
ކޮޗިން-މާލެ ފެރިއާއެކު އެމްޕީއެލްގެ އަމާޒަކީ ކުޅުދުއްފުށީ ޕޯޓުގައި ދެމެހެއްޓެނިވި ސިސްޓަމެއް ގާއިމް ކުރުންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!