އަންހެނުން އެމީހުންގެ އަންހެން ވަންތަކަމުގެ ބޭނުން ނަހަމަގޮތުގައި ހިފައި އެއީ އަގަށް ވިއްކާ އެއްޗެއް ކަމަށް ހަދަން ފެށި ތާރީހެއް އެނގޭކަށް ނެތެވެ.
ނަމަވެސް އާކިއޮލޮޖިސްޓުން ހޯދާފައިވާ ހޯދުންތަކާއި އެކި ގޮތްގޮތަށް ލިޔެވިފައިވާ ތާރީހީ ފަތްފުއްތަކުން އެނގޭ ގޮތުގައި އެކަމަކީ މީގެ އެތައް ހާސް އަހަރެއްގެ ކުރިން ފެށިގެން ވެސް ހިނގަމުން އައި ހުތުރު އަމަލެކެވެ.
ދުނިޔޭގެ ތާރީހު އިލްމުވެރިން އެކި ސަރަހައްދުތަކަށް ބަލާ ދިރާކޮށްގެން ލިޔެފައިވާ ލިއުން ތަކަށް ބަލާއިރު ހަށިވިއްކުން ފުރަތަމަ ފެށިގެން އައިސް ފައިވާ ކަމަށް ބެލެވެނީ ރަސްކަމުގެ ކޮއިލު ތެރެއަށާއި އިއްޒަތްތެރިންގެ ގެކޮޅުތަކަށް ހާދިމާއިންގެ ގޮތުގައި އަންހެނުން ގެންދަން ފެށި ހިސާބުންނެވެ. އެންމެ ކުރީގެ ހަޟާރާތްތަކުންވެސް ފެންނަން އޮތީ އެގޮތަށެވެ. މަސާޖުކރުން ނުވަތަ ފެންވަރުވައި ދިނުމުގެ ނަމުގައި އެކަން ކޮށްފައި ވަނީ ބައެއް އިސްލާމީ ގައުމުތަކުގައި އެކަންޏެވެ.
އިސްލާމްދީން އައުމުގެ ކުރިން އީރާނާއި އިރާގުގައި އޮންނަ އާދައަކީ ހަށިވިއްކާ އަންހެނާއަށް ގަންނަ މީހާ ވަކި އަގެއް ދިނުމުން އެދެމީހުން ވަގުތުކޮޅަކަށް ކައިވެނި ކުރި ކަމަށް ބެލުމެވެ.
ދުނިޔޭގެ ގިނަ ތާރީހު އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އަރަބި ގައުމުތަކުގައި މިކަން ހުއްޓުމަކަށް ގެންނެވީ ކައު އިތުރު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި އަމުރު ފުޅަކާ ގުޅިގެން މުސްލިމުން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. އޭރު އަރަބި ޖަޒީރާއަށް ވެސް ފެތުރިފައި އޮތް އެކަންތައް ރަސޫލާ މަނާކުރެއްވި އެވެ. އަދި އިސްލާމީ ދައުލަތް ކުރިއަރައިގެން ދިޔަ ދުވަސްވަރު އިސްލާމީ އުއްމަތުގެ ފާތިހުން އެކަން ހުއްޓުވުމަށް އިތުރު މަސައްކަތްތައް ކުރެއްވިއެވެ.
ހަށިވިއްކުމަކީ އިންސާނިއްޔަތަށް ހުރި ހަލާކެއް ކަމަށް ބުނެ ދުނިޔޭގެ މޮޅު އެތައް ސިއްހީ މާހިރުންނެއް އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތް ކުރާ އެތައް ޖަމިއްޔާ ތަކެއްވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ އުފެދިފައެވެ. ނަމަވެސް ހުރިހާ ކަމެއްގައި މާއްދިއްޔަތަށް ގޮސް ހުސްވެ، ކޮންމެ ކަމަކަށް ސަބަބުތަކަކާއި ބަހަނާ ތަކެއް ދައްކަމުން ދާތީ މިކަމުގައި އެއްވެސް ކުރިއެރުމެއް ވަނީ ނުލިބިފައެވެ.
އަންހެނަކަށް ލިބިގެންވާނެ އެންމެ ބޮޑު އެއް ނިއުމަތަކީ އޭނާގެ އިއްފަތްތެރިކަން ކަން ކަށަވަރެވެ. އަދި އެއީ ޞޯލިހު އަންހެނުންގެ ސިފައެއްވެސް މެއެވެ. އިއްފަތްތެރި އަންހެނާއަކީ، އެ އަންހެނަކު ކުރާ އެހެންކަންކަމުގައިވެސް ލަދުވެތިކަމާއި ބިރުވެރިކަން އިސްކުރާ އަންހެނުންނެވެ.
"ހަށިވިއްކުން" ކަމަށް ގާނޫނީ ރަދީފުގައި ބުނެފައިވަނީ، ފައިސާ ނުވަތަ ފައިސާއިން އަގުކުރެވިދާނެ އެއްޗެއް ނުވަތަ ކަމެއްގެ ބަދަލުގައި ޖިންސީ އަމަލެއް ތިމާ ހިންގުމަށް ތިމާ އަމިއްލައަށް ހުށަހެޅުމުގެ އަމަލަށެވެ. ނުވަތަ އެފަދަ ކަމެއް ކުރުމުގެ އަމަލަށެވެ.
ހަށި ވިއްކުމުގެ ނުބައިކަމަށް ބިރުވެތިވުން ކިތަންމެހައިވެސް މުހިންމެވެ. ހަށިވިއްކައިގެން ލިބޭ ފައިސާއަކީ ހަމައެކަނި ރޭގަނޑު ސިއްރުން ހިލޭ ފިރިހެނަކަށް ހަށި ވިއްކައިގެން ލިބޭ ފައިސާއެއް ނޫނެވެ. ވަޒީފާއެއް ހޯދަން ނުވަތަ މަޤާމުގައި ދެމިހުރުމަށް ނުވަތަ މަޤާމުގެ ކުރިއެރުން ހޯދަން “ބޮސް” އާއިއެކު ކުރާ ޒިނޭ އަކީ ވެސް ހަށިވިއްކުން ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ. ދީނީ ޢިލްމުވެރިން ވިދާޅުވަނީ އެގޮތުން ލިބޭ ނުވަތަ ދެމިހުންނަ ވަޒީފާއިން ލިބޭ މުސާރަވެސް ވާނީ ހަށިވިއްކައިގެން ލިބޭ ފައިސާ އަށް ކަމަށެވެ. ނަމަވެސް އެއްވެސް ބިރެއް ޖެހިލުމެއް ނެތި މިކަންކަން ހަމަ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މިގެންދަނީ ކުރަމުންނެވެ.
”އެންމެ ނުބައިވެގެންވާ ފައިސާއަކީ ހަށިވިއްކައިގެންލިބޭ ފައިސާއެވެ. ހަށިވިއްކަމުން އުޅޭއަންހެނާ ރޭގަނޑުގައި އުޑުގެ ދޮރުތައް ހުޅުވާލެވޭ ވަގުތުގައި ކުރާ ދުޢާވެސް ﷲ ތަޢާލާ އިޖާބާ ނުކުރައްވާ ކަމުގައި ޙަދީޘްގައި އައިސްފައިވެއެވެ. ތިމާމެން ހަށިވިއްކުންފަދަ ނުބައިކަންތައް ކުރަނީ ފަޤީރުކަމުން ދިރިއުޅޭނެ އެހެންގޮތެއް ނެތިގެންނޭ ބައެއް މީހުންބުނެފާނެއެވެ. އެހެން ނަމަވެސް މިއީ ޝަރީޢަތުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުތައް ފަހަނައަޅައިދިޔުމަށް އޮތް ޢުޒުރެއް ނޫނެވެ. ﷲ ތަޢާލާ ވަނީ ޙަލާލް ގޮތުގައި ފައިސާހޯދުމަށް އެތައް ގޮތްތަކެއް މިބިންމަތީގައި ލައްވާފައެވެ.”
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު އުންމަތެކެވެ. ނަމަވެސް މިގައުމުގެ އަންހެނުންގެ އިއްފަތްތެރިކަމަކީ މާރުކޭޓުގައި ކަރާ ގަންނަ އުސޫލުން ލިބެން ހުންނަ އެއްޗަކަށް މިއަދު މިވަނީ ވެފައެވެ. ހަށިވިއްކުން އާންމުވެއްޖެއެވެ. ގުރޫޕު ހަދާފައި ފައިސާއަށް ޒިނޭ ކުރުން މި ކުޑަކުޑަ މުޖުތަމައުގައިވެސް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ތިމާގެ އިއްފަތްތެރިކަން ރުހުމުގައި ހިލޭ ފިރިހެނަކަށް ދޭއިރު ކުޑަކޮށްވެސް ވިސްނާލީމުހެއްޔެވެ؟ އެކަމުގެ އަޒާބު ގަދަފަދަވެގެންނެވެ. ވަގުތީ އުފަލަށް ވުރެއް އާހިރުގައި އެކަމުން ލިބޭ ގެއްލުން ބޮޑުވެފައި ވޭންދެނިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!