އެކި ސަބަބުތަކާ ހެދި އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައި ދިރިއުޅެމުންދާ ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ ގުރޫޕަކުން، ސަލްމާން ރަސްގެފާނުގެ ވެރިކަމާ ދެކޮޅަށް ސިޔާސީ ޕާޓީއެއް އުފައްދައިފި އެވެ.
މިއީ ވިރާސީ ވެރިކަމެއް ކުރަމުން އަންނަ ސައުދީ ސަރުކާރާ ދެކޮޅަށް މިފަދަ ގޮތަކަށް ރާވައިގެން ސިޔާސީ އިދިކޮޅު ހަރަކާތެއް ހިންގަން އުޅޭ ފުރަތަމަ ފަހަރެވެ. މި ހަރަކާތް ހިންގުމަށް ޕާޓީ އުފެއްދި ގުރޫޕުގައި އިނގިރޭސިވިލާތާ އެމެރިކާގައި ދިރިއުޅޭ ސައުދީ އަރަބިއްޔާގެ ރައްޔިތުން ހިމެނެއެވެ.
2007 ވަނަ އަހަރާއި 2011 ވަނަ އަހަރުވެސް ސައުދީގައި އިދިކޮޅު ސިޔާސީ ޕާޓީ އުފެއްދުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެ ހުރިހާ ފަހަރަކު، އެ މަސައްކަތްތައް ހުއްޓުވާފައި ވަނީ، އެ ކަމުގައި ޝާމިލުވީ މީހުން ހައްޔަރުކޮށްގެންނެވެ.
"ނޭޝަނަލް އެސެމްބްލީ ޕާޓީ" ގެ ނަމުގައި ސައުދީގެ އިދިކޮޅު ސިޔާސީ ޕާޓީއެއް އުފައްދާފައި މިވަނީ، ސައުދީ އަރަބިއްޔާގެ އުފެދުމުގެ މުނާސަބައާވެސް ގުޅުވައިގެންނެވެ. ސައުދީ އަރަބިއްޔާގެ ވެރިކަމުގެ ބާރު ރޭވިފައި އޮންނަ ގޮތުން، ސިޔާސީ އިދިކޮޅު ފިކުރަށް ފުރުސަތެއް ނޯވެއެވެ.
އަލަށް އުފެއްދުނު މި ޕާޓީގެ އިސް ލީޑަރެއްގެ ގޮތުގައި މިވަގުތު ހުރީ، ލަންޑަންގައި ދިރިއުޅެމުންދާ އިންސާނީ ހައްގަތުތަކުގެ އެކްޓިވިސްޓް ޔަހުޔާ އަސީރީއެވެ. އަސީރީއަކީ ރޯޔަލް ސައުދީ އެއާފޯސް އޮފިސަރެއްގެ ގޮތުގައި އެ ގައުމަށް ހިދުމަތް ކޮށްފައިވާ މީހެކެވެ.
ސައޫދީ އިދިކޮޅު ސިޔާސީ ޕާޓީ އުފެއްދެވުމުގައި އިސްކޮށްއުޅުއްވާ ބޭފުޅުން ރޭ ޕާޓީ އުފެދުނުކަން އިއުލާންކުރައްވަނީ
އިދިކޮޅު ސިޔާސީ ޕާޓީއެއް އުފެދުނަސް މިހާރު ދުނިޔޭގައި އެންމެ ބާރުގަދަ ވިރާސީ ރަސްކަންކަމުގައި ބެލެވޭ އާލުސުޢޫދުގެ ރަސްކަން ކައިރި މުސްތަގުބަލެއްގައި ނިމުމަކަށް ގެނެވޭނޭ ކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް، އިދިކޮޅު ސިޔާސީ ބޭފުޅުން ގުޅިވަޑައިގެން މަސައްކަތްކުރައްވަން ފެއްޓެވުމަކީ ސައޫދީ ސަރުކާރަށް ކުރިމަތިވާ ދައްޗަކަށް ވާނެއެވެ. ކޮރޯނާވައިރަހާއި، ވެއްޓެމުންދާ ތެލުގެ އަގުގެ ސަބަބުން ސައޫދީ ސަރުކާރަށް އިގުތިސާދީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ސައޫދީ ސަރުކާރުން ޖީ-20 ގްރޫޕުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ އަރަބި ގައުމަށް ވުމަށް މަސަައްކަތްކުރަމުންނެވެ.
ސައޫދީ އަރަބިއްޔާއަށް 90 އަހަރުފުރޭ ގައުމީ ދުވަހާ ދިމާކޮށް ނޭޝަނަލް އެސެމްބްލީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދާފައި މިވަނީ ސަރުކާރުގެ ސިޔާސަތާއި ދެކޮޅުހަދާ ފަރާތްތަކަށް ބޮޑެތި އަދަބުދީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުން އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!