ޤައުމު ވިއްކާލާކަށް ނޫޅޭ ކަމަށާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) އެއްވެސް ބައިވެރިވުމެއް ނެތަސް ބޮޑުތިލަދުންމަތީގެ ތަރައްޤީ މިފަހަރު ފުރިހަމަ ކުރާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

މެންބަރު ޝިފާޢު މިހެން ވިދާޅުވީ މުޅި ތިލަދުންމަތީގެ ހުރީހާ އެމްޑީޕީ މެންބަރުން ގައުމު ވިއްކާލުމުގައި ބައިވެރިވިޔަސް، ފަހު ނޭވަޔާ ޖެހެންދެން އެކަމާ ދެކޮޅަށް އަޑު އުފުލާނަން ކަމަށް މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެފައި ވަނިކޮށެވެ.

Ad
rt

''ބަޔަކު ޤައުމު ވިއްކާލާކަށް ނޫޅޭ. އެކަމަކު މުޙައްމަދުގެ އެއްވެސް ބައިވެރިވުމެއް ނެތަސް ބޮޑުތިލަދުންމަތީގެ ތަރައްޤީ މިފަހަރު ފުރިހަމަ ކުރާނަން. ދިވެހިރާއްޖޭގެ އިޤުތިސާދުގެ އެއްބަހާ ކަމުގައި ބޮޑުތިލަދުންމަތި ހަދާނަން. ރައްޔިތުން އެދިގޮވަނީ ތަނަވަސްކަމަށް.'' ޝިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޝިފާޢު މިހެން ވިދާޅުވިއިރު މޮސްޓާ ވަނ،ީ ތިލަދުންމަތީގެ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ އެމްޑީޕީ ބައެއް މެމްބަރު އިންޑިއާ އިން ރާއްޖެއަށް ވަޑައިގެން އުޅުއްވާ ވަފުދުގެ ބޭފުޅުންނާ ބައްދަލު ކުރާ ފޮޓޯއެއް ޓްވީޓު ކުރައްވައި، ހަމަ ޔަގީނުންވެސް މުޅި ތިލަދުންމަތީގެ އެމްޑީޕީ ހުރިހާ މެމްބަރުން، ދިވެހި މި ގައުމު އިންޑިއާއަށް ވިއްކާލުމުގެ ފިނޑި އަމަލުގައި ބައިވެރިވިޔަސް އެކަމާ ދެކޮލަށް އަޑު އުފުލަން ފަހު ނޭވާއާ ހަމައަށް ވެސް އޭނާ ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާއިން ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރާއި ގުޅިގެން މޮސްޓާ ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ ''އެކުވެރިއަކަށް ވެގެން އައިސް އިންޑިއާއިން އެހީއެއް ދިނީ ހެއްޔެ.. ނޫނީ ރަނގަޅު ދަނޑިވަޅު ބަލާފައި ލޯނެއް ބޮލު އެޅުވީހެއްޔެ..އެހީ އޯކޭ.. އޯކޭ ނޫނީ ދަރަނި ދަންތުރަ..'' ކަމަށް ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާއިން ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރުގެ މި އެހީ ދެނީ އެ ގައުމުގެ ގައުމީ ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 250 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލެއް ގަންނަ ގޮތަކަށެވެ. މިއީ ފަހުން ދައްކަންޖެހޭ އެއްޗެކެވެ. ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 3.5 ޕަސެންޓެވެ. ނަމަވެސް ބޮންޑުގެ އިންޓްރެސްޓް ރޭޓްއާ ބެހޭ ގޮތުން ދިވެހި ސަރުކާރުން ވެސް އަދި އިންޑިއާ އިން ވެސް މިހާތަނަށް ރަސްމީ ގޮތެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިއްޔެ ތިލަދުންމަތީގެ ހއ. އަދި ހދ. އަތޮޅަށް ނިސްބަތްވާ މެންބަރުން ވަނީ އިންޑިއާއިން މިހާރު ރާއްޖެއަށް ވަޑައިގެން އުުޅުއްވާ ވަފުދާއި ބައްދަލު ކުރަށްވާފައިއެވެ. އެ ބައްދަލުވުމުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމަށް އިންޑިއާއިން ރާވާފައިވާ ގޮތް އެ މެންބަރުންނާއި ހިއްސާ ކޮށްފައިވާ ކަމަށް ބައެއް މެންބަރުން ވަނީ ބައްދަލުވުމަށް ފަހު ވިދާޅުވެފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ނިންމާފައި ވަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ދަށުންނެވެ. މިކަމަށްޓަކައި އިންޑިއަން އެގްޒިމް ބޭންކަށް ހުށަހަޅަންޖެހޭ ތަފްސީލީ ރިޕޯޓް ތައްޔާރު ކުރުމަށް ޓީމެއް ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހު ހަނިމާދޫއަށް ގޮސްފައެވެ.

މި ޓީމުގައި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލަކާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކާއި، އިންޑިއާ އެއަރޕޯޓްސް އޮތޯރިޓީގެ ފަންނީ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ.

އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ މި ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރުމަށާއި، އައު ޓާމިނަލެއް އެޅުމަށް ވަނީ ނިންމާފައެވެ. އެ އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.