މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބަޖެޓް ސަޕޯޓްގެ ރަމްޒީ ޗެކް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ. އިންޑީއާއިން 250 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެދިވަޑައިގަތުމާ ގުޅިގެންނެވެ.
250 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، ޓްރެޒަރީ ބޮންޑް ގަނެގެންނެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާ އަކަށް ފަހުއެވެ. މިއީ ކޮވިޑް-19ގެ ޙާލަތު ދިމާވިފަހުން ޤައުމަކުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގާތް އެކުވެރިއެއްކަމަށާއި، އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ކަމަށެވެ. އަދި ފަތުރުވެރިކަން މެދުކެނޑުމާ ގުޅުގެން ދައުލަތަށް ވަންނަ އާމްދަނީ ވަރަށް ބޮޑުތަނުން މަދުވެފައިވާ މިދަނޑިވަޅުގައި، މިއަދު އިންޑިއާއިން ފޯރުކޮށްދެއްވި އެހީގެ ސަބަބުން ދައުލަތަށް މިވަގުތަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ އިންޑިއާއިން ފޯރުކޮށްދެއްވާ އެހީގެ ބޭނުންކުރެވޭނީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 ރެސްޕޮންސް ޕެކޭޖްތަކަށް ކަމަށެވެ.
India has proven time and time again that the Maldives-India partnership will be a high priority! While the whole world has had to close their borders, and their homes, India has proven that #Covid19 will not force them to close their hearts to the Maldivian people. pic.twitter.com/j1AixJ2uxP
— Abdulla Shahid (@abdulla_shahid) September 20, 2020
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!