ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް ވިދާޅުވީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް މެންބަރު ޔައުގޫބު އައްޔަނު ކުރެއްވި ހިސާބުން އޭނާގެ ގޮނޑިގެއްލިފައިވާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
" އޭނާ މަގާމާއި ހަވާލުވި ވަގުތުން ފެށިގެން ސިކުންތެއް ހިނގިނަމަވެސް، މިނިޓެއް ހިނގި ނަމަވެސް އޭނާގެ ގޮނޑި ވަނީ ގެއްލިފައި، އެ މަސައްލަ އާދީއްތަ ދުވަހު ސްޕްރީމް ކޯޓަށް ވައްދާނަން" ހަލީމް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން "ތިލަދުން"އަށް ހަލީމް އިތުރަށް ވިދާޅުވީ ކައިވެނިކޮށް، ވަރިކޮށްފައި ކައިވެނި ރުޖޫއުކުރާ އުސޫލުން މަޖިލީސް މެމްބަރުކަމުން ވަކިވުމަށްފަހު، މެމްބަރުންކަން ރުޖޫއައެއް ނުކުރެވޭނެ ކަމަށެވެ. "ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި އެއޮތީ ނޫންތޯ ވަރަށް ސާފުކޮށް އެކަން އެނގެން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެ" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ދާންދޫދާއިރާގެ މެންބަރެއް ދެން ދެއްކެނީ، އިލެކްޝަން ކޮމިޝަނުން އަލުން އިންތިޚާބަކަށް ގޮވައި، އެ ދާއިރާގެ އިންތިޚާބު އަލުން ބާއްވައި އައު މެންބަރެއް އިންތިޚާބު ކޮށްގެން ކަމަށެވެ.
ޔައުގޫބުގެ މައްސަލަ ސްޕްރީމްކޯޓަށް ވަށްދަން ހަލީމް ނިންމެވި އިރު، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ. އެމާއްދާގެ ރ ގައި އެހެން އޮތަސް އެ ހާލަތުގައި މެމްބަރު ކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ. އެހެންކަމުން ޔައުގޫބް ދައުލަތުގެ އެހެން ވަޒީފާއަކާ ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމާ މެދު ބޮޑު ބަހުސެއްވެސް ވަނީ އުފެދިފައެވެ.
އައިސީއޭއެމްގެ މެމްބަރު ކަމާއި ޔައުގޫބް ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރު ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދެން ފެށުމުން އޭނާ ވަނީ އެ ކައުންސިލުން މިހާރު އިސްތިއުފާ ދެއްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!