ވާދަވެރި އެތައް ރަށެއް ކުރިއަރައިގެންދާއިރު އަދި ރަށުގެ އާބާދީއާއި އެ ރަށެއް އޮންނަތަނާއި، އެރަށަކަށް ހުރި ފަހި ފުރުޞަތަކާ އެއްވަރަށް ކުރިއަށް ނުދެވި މަރުތަޅު އެޅިފައިވާނަމަ އެ ވާހަކަ ރިވެތި ބަހުން ދެއްކުމަކީ އެ ވަގުތަކު އެ ޒިންމާއާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނާ ޒާތީވީ ކަމަށް ވާނެތޯއެވެ؟

އަދިހަމަ އެހެންމެ އިންތިޚާބެއްގެ ކެމްޕެއިނުގެ ތެރޭގައި އެރަށެއްގެ ރައްޔިތުންގެ ރުހުމާއި ތާއީދު ހޯއްދެވުމުގެ ގޮތުން ވާހަކަދައްކަވައި، އެ ވާހަކައިގައި ވެވަޑައިގެންނެވި ވަޢުދުތަކުން ޝައުޤުވެރިކަން އުފެދި އެރަށެއްގެ ރުހުން ވެސް ލިބިވަޑައިގެން އިންތިޚާބުވެވަޑައިގަތުމަށްފަހު، އެ ވަޢުދާ ޚިލާފަށް ކަންކަން ކުރައްވާނަމަ އެ ވާހަކަ ދެއްކުމުގެ ޙައްޤެއް އެ ރައްޔިތުންނަކަށް ނޯންނާނެތޯއެވެ؟ އެހެން ކަމަށް ވާނަމަ އެ ޙައްޤު އޮންނާނީ އަޅެފަހެ ކޮން ބަޔަކަށްބާވައެވެ؟ މި ދައްކަނީ އެ ބޭފުޅެއްގެ ނުވަތަ އެ ބޭފުޅުންގެ ޒާތާގުޅޭ ވާހަކައެއް ނޫނެވެ. ޖަމާޢަތާ ގުޅޭ ވާހަކައެވެ. ރަށާގުޅޭ ވާހަކައެވެ.

Ad
rt

ބިނާކުރަނިވި ފާޑުކިޔުމާއި، ޒާތީ ތަޢައްޞަބު ވަކިކުރުމުގެ ތަޞައްރަފް ނުވަތަ ޤާބިލްކަން، ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅުންގައި ހުންނަންވާނެއެވެ. އަދި ކަންކަމުގައި ހެޔޮ ނިޔަތުގައި، ހެޔޮ ގޮތަށް ވިސްނުމުގެ ޤާބިލްކަމާއި ކެތްތެރިކަން ވެސް ހުންނަންވާނެއެވެ. އެ ޤާބިލްކަން ނެތްނަމަ، ރައްޔިތުން ފާޑު ނުކިޔާނެ އެހެން ކޮންމެ ވެސް ކަމެއްގައި އުޅުއްވުން މާރަނގަޅުވާނެއެވެ.

ރަށުގެ ކަމަކާ ގުޅޭގޮތުން މީހަކު ޚިޔާލެއްފާޅު ކޮށްލާއިރަށް، ތިމާ ތާއީދުކުރާ ޕާޓީގެ ގްރާސްރޫޓްސް ލެވެލްގައި ތިބޭ މީހުންލައްވައި އެމީހަކާ ޒާތީގޮތުން ދިމާކޮށް އެއްޗެހި ކިޔުމަށްވުރެ، އެ ފާޅުކުރާ ޚިޔާލަކާމެދު ފުންކޮށް ވިސްނުން މާރަނގަޅުވާނެއެވެ. އަދި ކަންކަން ރަނގަޅުކުރުމުގެ ޢަޒްމުގައި މަސައްކަތް ކުރުމުން ލިބޭ ނަތީޖާ ފުރިހަމަވެފައި މާ ފޮނި ވެސް ވާނެއެވެ. ދިމާކުރުމާއި ޒާތީވުމަކުން ލިބޭނެ މޮޅެއް ނޯންނާނެއެވެ. ނަތީޖާ ދާނީ ހައްތާ ހިތިވަމުންނެވެ.