ރައީސް ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް އާންމު ޓީވީއެއްގައި މީހަކު ގޮވާލި ގޮވާލުން ކުށްވެރި ކުރަށްވާ ކަމަށް މާމިގިލީދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ.

Ad
rt

ޤާސިމް ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވައި ހިތްވަރުދީ ހަދައިގެން ނުވާނެ ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދުގެ ހަށިކޮޅުގައި ހުޅުޖެހުމަށް އާންމު ޓީވީއެއްގައި ގޮވާލި ގޮވާލުން ކުށްވެރި ކުރަށްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވައި ހިތްވަރުދީ ހަދައިގެން ނުވާނެ، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދުގެ ހަށިކޮޅުގައި ހުޅުޖެހުމަށް އާންމު ޓީވީއެއްގައި ގޮވާލި ގޮވާލުން ކުށްވެރި ކުރަން"

=ޤާސިމް އިބްރާޙީމް، ޖުމްހޫރީ ޕާޓީގެ ލީޑަރު=

ޤާސިމް މިހެން ވިދާޅުވީ ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމެއްގައި، މީހަކު ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން ފެންނަ ކަމަށް ބުނެފައި ވަނިކޮށެވެ. އެމީހާ އެހެން ބުނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް ވާހަކައަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި އަލިފާން ޖަހަން،" އެމީހާ ބުންޏެވެ.

އެކަމާއި ގުޅިގެން ޗެނަލް13އިން ބުނެފައި ވަނީ އެ ޗެނަލްއިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ޞާލިޙަށް ނިސްބަތްކޮށް އޭނާ އަށް، ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލި ކަމަށާއި، އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މަޢާފަށް އެދޭ ކަމަށް އެޗެނަލުން ވަނީ ބުނެފައެވެ.