ތަފާތު ރޮނގުރޮނގުން ހުނަރުވެރި ޒުވާނުން ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުން ދެއެވެ. މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އެ ހުނަރުވެރިންގެ ހުނަރުތައް ހިއްސާ ކުރަމުން އަންނަ އިރު ބައެއް ފަރާތްތަކުގެ ހުނަރުވެރި މަސައްކަތްތައް ފެނި މީހުން ހައިރާންވާ ފަހަރުވެސް އާދެއެވެ.
ހދ. ނޮޅިވަރަމްފަރަށް އުފަން އެރަށު ރޯޅިވާގޭ އައިމިނަތު ޝާހިދާއަކީ ވެސް ހުނަރުން ފުރިގެންވާ ޒުވާނެކެވެ. ކޭކު އެޅުމުގެ މަސައްކަތުގައި ކުރިއެރުން ތަކެއް ހޯދަމުން އަންނަ ހިވާގި ފިސާރި ކަނބަލެކެވެ. ކޭކަކުން ބޭނުން ކެރެކްޓާއެއް ނުވަތަ ބޭނުން މަންޒަރެއް ސިފަކޮށްލުމުގެ ކުޅަދާނަކަށް ލިބިފައިވާ ޝާހިދާގެ ހުނަރު އޭނާގެ ކޭކުތަކުން ކިތަންމެ ރަނގަޅަކަށް ވެސް ފެނިގެންދެއެވެ.
ކޭކު އެޅުމުގެ މަސައްކަތުގެ ތެރެއަށް ވަދެވުނުގޮތް ހިއްސާ ކުރަމުން ޝާހިދާ ބުނެފައިވަނީ ތަޢުލީމީ ހަޔާތް ހޭދަކުރެވިފައިވަނީ އާއިލާއާއި އެކު މާލޭގައި ކަމަށާއި، މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރު އާއިލާގެ ތެރޭގައި ކޭކުއަޅައި މި މަސައްކަތްކުރާ ދައްތަމެން އުޅުނުކަމަށެވެ. މި މަސައްކަތަށް ޝަޢުޤުވެރިކަން އުފެދި، މިކަމުގެ ތެރެއަށް ފުރަތަމަ ވަދެވުނީ ދައްތަމެންގެ އެހީތެރިކަމާއި އެކުގައިކަމަށެވެ.

މާލޭގައި ކޭކުއެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ އަދި ފޭސްބުކްގައި ސުގަރ އެންޑް ބްލޫމްގެ “sugar & bloom” ނަމުގައި ފޭސްބުކް ޕޭޖެއް ހިންގަމުން އަންނަ ޝާހިދާގެ ރައްޓެއްސެއް ކަމުގައިވާ އަމީމަތު ޚަލީލާއި އެކު މަސައްކަތްކޮށް، ކުރުމުއްދަތެއްގެ ތަޖުރިބާތަކެއް ހޯދުނު ކަމަށާއި، މި ދާއިރާގައި ކުރިއަށް ދިޔުމުގައި އަމީމަތުއަކީ މުހިންމު ނަމެއް ގޮތުގައި އޭނާ ފާހަގަކޮށްފައިވެއެވެ. މިހާރު ކޭކުތަކުން މި ފެންނަ މަންޒަރު ތަކުގެ ފެށުމަކީ އަމީމަތު ދެއްވި އެހީތެރިކަން ކަން ޝާހިދާ ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިއަދު އޭނާގެ ކޭކުތަކުން އެ ފެންނަ ޖާދޫއަކީ ކެރިގެން ކުރިމަތިލައި އަމިއްލަ މަސައްކަތުން ހޯދާފައިވާ ކުރިއެރުމެވެ.

ތަޢުލީމީ މަރުހަލާ ނިންމާލުމަށް ފަހު ފުރަތަމަ ރަށަށް އައިސް މި މަސައްކަތް ކުރަންފެށީ ވިޔަފާރީގެ އުސޫލުން މިކަން ކުރަން ވިސްނައިގެން ނޫން ކަމަށާއި، ނަމަވެސް މި މަސައްކަތަށް ލިބުނު ތަރުހީބާއި، އަދި ގޭގައި ހުރެގެން އާމްދަނީ ހޯދޭނެ މަގެއް ތަނަވަސް ވުމުން ވިޔަފާރީގެ ގޮތުގައި ކޭކު އެޅުމުގެ މަސައްކަތް ކުރަން ފެށީކަމުގައެވެ.
އާމްދަނީ ހޯދުމުގެ ގޮތުން މި މަސައްކަތް ކުރާތާ މިހާރު ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ވެދާނެ ކަމަށާއި ނަމަވެސް ފޭސްބުކް ޕޭޖެއް ހަދައި މި މަސައްކަތް އިސްތިހާރުކޮށް، އެގޮތަށް އެކަން ކުރަންފެށިތާ އަދި ވާނީ ދެ އަހަރު ކަމުގައި އޭނާ ބުނެފައިވެއެވެ. ފޭސްބުކް ޕޭޖް ހެދުމަށްފަހު ކޭކުތަކުގެ ފޮޓޯތައް ޕޭޖުގައި އިސްތިހާރު ކޮށްލުމާއިއެކު ވިޔަފާރީގެ ގޮތުންވެސް ކުރިއެރުން ތަކެއް ލިބިގެން ދިޔަކަން އޭނާ ފާހަގަކޮށްފައިވެއެވެ.
ޝާހިދާގެ ކޭކު އެޅުމުގެ ހުނަރު ދެކިލަން ބޭނުންނަމަ އޭނާގެ ފޭސްބުކް ޕޭޖަށް ޒިޔާރަތް ކޮށްލާށެވެ. ކަވި “kavi” ގެ ނަމުގައި ހުޅުވާފައިވާ މި ޕޭޖުން އޭނާގެ ކޭކުތަކުގެ ފުރިހަމަކަމާއި އޭނާގެ ކުޅަދާނަކަން ވަރަށް ފުރިހަމައަށް ފެނިގެންދާނެއެވެ.
ކޭކުއެޅުމުގެ މަސައްކަތުގެ އިތުރުން ފެހުމުގެ މަސައްކަތަކީ ވެސް އޭނާ ދަންނަ ފަރިތަ މަސައްކަތެކެވެ. އާންމުގޮތެއްގައި ހެދުން ފަހައި އުޅުނު ނަމަވެސް ގަމީހާއި ޓީޝާޓާއި ދަބަހާއި ޕާސް ފަދަތަކެތި ވެސް ފަރިތަކަމާއި އެކު އޭނާ ފަހާހަދައެވެ.
ކައިވެނި ހަފްލާތަކާއި، އުފަންދުވަހުގެ ޕާޓީތަކަށާއި އަދި މި ނޫންވެސް އެކިކަހަލަ މުނާސަބާތަކަށް ކޭކުއަޅަމުން އަންނައިރު ޝާހިދާގެ ކޭކުތަކަށް އަތޮޅުތެރޭގެ ބައެއް ރަށްރަށުން ވެސް އަންނަނީ ތަރުހީބު ލިބެމުންނެވެ.
"މިއީ ރާއްޖެތެރޭ ރަށެއް. ކޭކުއެޅުމަށް ބޭނުންވާ ބައެއް ސާމާނަކީ ރަށުން ލިބޭ އެއްޗެއްސެއްނޫން. ދެން އަނެއްކާ އޯޑަރުތައް ލިބިދާނެ މިރޭވެސް މާދަމާއަށް ނިންމަން. ދެން އެހާ ވަގުތު ކުޑަކޮށް މަސައްކަތް ނިންމަނެޖެހޭ ކޭކަކަށް ބޭނުންވާ ސާމާނު ރަށުން ލިބެން ނުހުރެދާނެ. ކުރުގޮތަކަށް ބުނާނަމަ މިކަމުގައި އެންމެ ބޮޑު ދައްޗަކީ މަސައްކަތަށް ބޭނުންވާ ހުރިހައި ސާމާނެއް ރަށުން ލިބެން ނެތުން."
މި މަސައްކަތުގައި ހުރި ދަތިތައް ހިއްސާކުރަމުން ޝާހިދާ ބުނެފައިވެއެވެ.
ނޮޅިވަރަމްފަރުގައި 1800 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އިރު އެ އާބާދީއާއި ބަލާފައި މި މަސައްކަތަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަކަން ކަމުގައި އޭނާ ބުނެފައިވެއެވެ.
ޝާހިދާ މި މަސައްކަތުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރަކީ އޭނާގެ މަސައްކަތްތައް ބަލައިގަނެ މީހުން އޭނާއަށް ދެއްވާ ހިތްވަރު ކަމަށާއި އަދި މީގެ އިތުރުން އާއިލާގެ އެންމެންވެސް ވަރަށްބޮޑަށް މިކަމުގައި އެހީތެރިވަމުން އަންނަކަމުގައި އޭނާ ބުނެފައިވެއެވެ. ހާއްސަ ގޮތެއްގައި މަންމަގެ އެހީތެރިކަން ޝާހިދާ ފާހަގަކުރެއެވެ.
"އަސްލު މި މަސައްކަތުގައި ދެމި ހުރުމަށް އެންމެ ބޮޑު ބާރަކަށް ވަނީ ރަށުގެ މީހުން އަހަރެންގެ މަސައްކަތްތައް ބަލައިގަނެ ދެއްވާ ތަރުހީބު. ޕޮޒިޓިވް ކޮމެންޓްސް. ދެން އާއިލާގެ އެންމެންވެސް ވަރަށް ބޮޑަށް މިކަމުގައި އެހީތެރިވެދޭ. މަންމަ އަބަދުވެސް ވަރަށް ހެލްޕްފުލްވާނެ"
މިކަމުގައި މިހާރު ދެކެން ބޭނުންވަނީ އަތޮޅުގެ ރަށްތަކަށް މި މަސައްކަތް ތަޢާރަފްކޮށް އަތޮޅު ފެންވަރުގައި މިކަން ކުރެވުންކަމަށާއި، މިކަމުގައި ދުވަހުން ދުވަހަށް އާ ކަންތައްތައް ދަސްކޮށް ކޭކު އެޅުމުގެ ހުނަރު އިތުރަށް ތަރައްޤީކޮށް ވިޔަފާރި ފުޅާކުރުމަކީ މިހާރު އެންމެ ބޮޑު އެއް އުންމީދު ކަމުގައި ޝާހިދާ ބުނެފައިވެއެވެ.
ކައިވެނީގެ ހަފްލާއަށް ނުވަތަ ދަރިފުޅުގެ އުފަންދުވަހަށް ކޭކެއް އަޅަން ބޭނުންނަމަ ޝާހިދާއަށް ގުޅާށެވެ. ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެން ވެސް އޯޑަރު ދެވިދާނެއެވެ. ތަޖުރިބާ ކޮށްލާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!