ފަތުރުވެރިން ރާއްޖެއަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ނަމަވެސް ފަތުރުވެރިން ގެނައުމަށް އިތުރު މެސެޖެއް ދެވޭނީ ރާއްޖޭގައި ދުވާލެއްގެ މަށްޗަށް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވާ ނިސްބަތް ދަށް ކުރެވިގެންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިއިރުން ފެށިގެން ވެސް ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އިސްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
މިގޮތުން އެމްއެމްޕީއާރުސީ މެދުވެރިކުރަށްވައި ރާއްޖެ އިސްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ފަތުރުވެރިންނަށް އިތުރު މެސެޖެއް ދެވޭނީ ރާއްޖޭގައި ދުވާލެއްގެ މަށްޗަށް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވާ ނިސްބަތް ދަށް ކުރެވިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
" މިވަގުވެސް އަޅުގަނޑުމެންނާއި، އެމްއެމްޕީއާރުސީ ގުޅިގެން، އެމްއެމްޕީއާރުސީއިން ސޭފް މެސެޖު ދިނުމުގެ މަސައްކަތް ބަރާބަރަށް އެބަ ކުރިއަށް ގެންދަވާ، ނަމަ ވެސް ނަމްބަރު ތިރިއެއް ނުވޭ، ނަމްބަރު ތިރިކޮށްގެން އަޅުގަނޑުމެންނަށް އިތުރު މެސެޖެއް ދެވޭނީ"
މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދުކުރިއިރު ރާއްޖެ އައިސްފައިވަނީ ތިންލައްކަ އައްޑިހަހާހެއްހާ ފަތުރުވެރިން ކަމަށާއި، މިފެށޭ މަހު ހަހާސް ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމްބަރު ތިރިވެއްޖެ ނަމަ އިތުރު ކުރިއެރުން ލިބޭނެ ކަން ފާހަގަ ކުރަށްވައި މިނިސްޓަރު ވިދާޅުވީ، އޮތް އުފާވެރި ޚަބަރަކީ ކުރިއަށް މިއޮތް ދުވަސްތަކުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ ޢަދަދު ކުރިއަށްވުރެ އިތުރުވެގެން ދިއުން ކަމަށެވެ. ކުރިން ފަތުރުވެރިއަކު އެވްރެޖްކޮށް 7 ދުވަސް ރާއްޖޭގައި ހޭދަކުރި ނަމަވެސް، ކޯވިޑާއި ގުޅިގެން ކަންކަން ހުރިގޮތަށް ބަލާއިރު އެ ޢަދަދު ޑަބަލް ވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަހަރުގެ ބާކީ މިއޮށް ދުވަސްތަކަށް އަމާޒަކީ އެއްލައްކަ ވިހިހާސް ފަތުރުވެރިން ކަމަށާއި، ނަމަވެސް ކޯވިޑްގެ ހާލަތު ރަނގަޅުވުމުން މިޢަދަދު މައްޗަށް ދާނެ ކަމަށާއި، އަދި ވެކްސިނެއް ހޯދުނު ނަމަވެސް މިޢަަދަދަށް ހެޔޮ ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެނައުމަށް ހުޅުވާޅުމާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ރައީސް ޞާލިޙް ބޭނުން ފުޅުވަނީ ވީހާވެސް އަވަހަކަށް އެ ފުރުޞަތު ފަހިކޮށްދޭން ކަމަށެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް އެފުރުޞަތު ފަހިވެގެން ދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!