ރުއުމަޓޮއިޑް އާތްރައިޓިސް ނުވަތަ އާރްއޭ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޮޅިގެން ހަށިގަނޑުގައި ހުންނަ ސިއްހަތު ރަނގަޅު ސެލްތަކަށް (އޮޓޯއިމިއުން) ހަމަލާ ދިނުމުން ހަށިގަނޑުގެ ތަންތަން ދުޅަވެ، ތަދުވާން މަގުފަހި ކުރުވާ ބައްޔަކަށް ކިއާ ނަމެކެވެ.
އާތްރައިޓިސްގެ ސަބަބުން އާންމުކޮށް ދަތުވަނީ ހުޅަށް ނުވަތަ ގައިގެ އެކި ހުޅުހުޅަށެވެ. ގިނަ ފަހަރު އާތްރައިޓިސްގެ ސަބަބުން ތަދުވަނީ އަތުގެ ހުޅުތަކާއި އަތްތިލައިގެ ހުޅުތަކަށާއި ފަޔާ ކަކުލުގެ ހުޅުތަކަށެވެ.
އާތްރައިޓިސްގެ ސަބަބުން ހުޅުހުޅު ވަށައިގެންވާ ފަށަލަ ދުޅަވުމުން ހުޅުތަކުގެ ޓިސޫ ހަލާކުވެއެވެ. މިގޮތަށް ޓިޝޫ ހަލާކުވުމުން ދިގުމުއްދަތަކަށް ހުޅުހުޅުގައި ރިއްސުމާއި، ހަށިގަނޑުގެ ބެލެންސްއަށް ބަދަލުއައިސް އެކިފަރާތަށް އަރިއަޅާލަން އުޅޭހެން ހީވުމާއި ގުނަވަންތަކުގެ ބައްޓަން ބަދަލުވެއެވެ. މީގެ އިތުރުން ހިތާ، ލޮލާއި މޭ ފަދަ ގުނަވަންތަކުގެ ޓިޝޫތަކަށް ވެސް ބައެއްފަހަރު ބަދަލު ގެނުވައެވެ.
އާތްރައިޓިސް ހުންނަނަމަ ފެނިދާނެ ބައެއް އަލާމާތްތައް
- އެއްހުޅަށްވުރެން ގިނަ ހުޅުގައި ރިއްސުން
- ހުޅުތަކަށް ބާރުވެފައި ހުންނަހެން ހީވުން
- ހުޅުތައް ދުޅަވުމާއި ތަދުވުން
- ބަރުދަން މާބޮޑަށް ލުއިވަމުން ދިއުން
- ހުންއައުން
- ވަރުބަލިކަން
- ހަށިގަނޑު ވަރުދެރަވުން
އާތްރައިޓިސް ޖެހެން މެދުވެރިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އާތްރައިޓިސް އަށް މަގުފަހި ކުރުވާ ކަންތަތަކުގެ ގޮތުގައި ޑޮކްޓަރުން ބައެއް ކަންތައް ފާހަގަ ކުރައްވާފައިވެއެވެ. އޭގެތެރޭގައި މީހާގެ އުމުރު ހިމެނެއެވެ. ކޮންމެ އުމުރެއްގައިވެސް އާތްރައިޓިސް ޖެހެން މަގުފަހި ވެދާނެއެވެ. ނަމަވެސް ރިސްކު ބޮޑީ އުމުރުން 60 އަހަރުން މަތީ މީހުންނަށެވެ.

ދެޖިންސުގެ މީހުންގެ ފަރާތުން ވެސް މި ބަލި ފެނިފައި ވާއިރު މީގެ ތެރޭގައި ގިނައިން މި ބަލިޖެހެނީ އަންހެނުންނެވެ. ޖެނެޓިކްގެ ސަބަބުން ވެސް އާތްރައިޓިސްއަށް މަގުފަހި ވެދާނެއެވެ. އެޗްއެލްއޭ (ހިއުމަން ލިއުކޮސައިޓް އެންޓިޖެން ) ޖީން ހުންނަ މީހުންނަށް ރިސްކު ބޮޑުކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިބާވަތުގެ ޖީން ހިމެނޭ މީހުން ދުންފަތުގެ އިސްތިއުމާލުކޮށް، މާބޮޑަށް ބަރުދަން އިތުރު ނަމަވެސް މިބައްޔަށް ހުށަހެޅުމަށް ފުރުޞަތު ބޮޑެވެ. ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި ގާތުން ކިރުދޭ މައިންނަށް މިބަލި ޖެހޭ މިންވަރު ދަށެވެ.
މިބަލި ހުރިތޯ ބެލުމަށް ޑޮކްޓަރުން ތަފާޓު ޓެސްޓުތައް ހަދާނެއެވެ. އޭގެތެރޭގައި ހަށިގަނޑުގެ ހުޅުހުޅު ބޭރުން ބަލާ ޗެކްކޮށް، އެކްސްރޭ ހަދާ މީގެއިތުރުން ލޭގެ އެކި ޓެސްޓުތައްވެސް ކުރާނެއެވެ. ބަލި އުފެދޭތާ ކުރީކޮޅު ފަރުވާދޭން ފަށައިފިނަމަ މިބަލިން ހުޅުތަކަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.
އާތްރައިޓިސްއަށް ފަރުވާދޭ ޓޮކްޓަރުންނަށް ކިއަނީ " ރޫމޮޓޮލޮޖިސްޓް" އެވެ. މިބައްޔަށް ފަރުވާދިނުމަށް ތަފާތުު ބޭސް އަދި އެކިބާވަތުގެ ފިޒިއޮތަރަޕީވެސް ހަދައެވެ. މިއީ ފަރުވާތެރިކަމާއި އެކު ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް އަމަލު ކޮށްފިނަމަ ލުއި ލިބޭނެ ބައްޔެކެވެ.
މިބަލިން ރައްކާތެރި ވުމުށް އަމިއްލައަށް ކުރެވިދާނެ ކަންތަކުގެ ތެރޭގައި ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކަސްރަތުކޮށް ހެލިފެލިވެ އުޅުން އިތުރު ކުރަން ޖެހޭނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލް ކުރުންފަދަ ހަށިގަނޑަށް ގެއްލުންވާ އަމަލުތައް ހުއްޓާލުން މުހިއްމެވެ. މީގެއިތުރުން ހަށިގަނޑު ފަލަވިއަ ނުދީ ބަރުދަން އިސްކޮޅާއި އެކަށޭނަ ވަރެއްގައި ހިފެހެއްޓޭތޯ މަސައްކަަތް ކުރަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!