ކޯވިޑް- 19 ބަލީގައި އިތުރު ދިވެއްސަކު މަނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރޭ މެންދަމު 1:45 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި އޮތް އުމުރުން 61 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ.

Ad
rt

މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 22 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. ރޭ ނިޔާވި އުމުރުން ދުވަސްވީ މީހަކުވެސް ވަނީ އެބަށްޔަށް ޕޮޒިޓިވް ވެފައެވެ.

އޯގަސްޓް 12 ވަނަ ދުވަހު މިބަލީގައި އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައި ވާއިރު އޭނާއަކީ މިބަލީގައި ރާއްޖޭގައި ނިޔާވި 21 ވަނަ މީހާއެވެ. އެބަލީގައި ނިޔާވި 20 ވަނަ މީހާ ނިޔާވެފައި ވަނީ އޯގަސްޓް 11 ވަނަ ދުވަހުއެވެ. އެއީ 67 އަހަރުގެ ފިރިހެނެކެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މރޭ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެވުނު އުމުރުން 83 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލަށް ގެނައިރު ވެސް ނިޔާވެފައިވާ ކަމަށާއި އޭނާ ޓެސްޓް ކުރުމުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އުސޫލެއްގެ މަތިން މިގޮތަށް ގެނެވޭ ކޮންމެ މީހެއްވެސް ޓެސްޓް ކުރެވޭ ކަމަށާއި، މިގޮތަށް ކުރެވުނު ޓެސްޓުން އޭނާ ވަނީ ޕޮޒިޓިވް ވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެމީހާ މަރުވީ ކޯވިޑްގެ ބަލީގައިތޯ ޔަގީން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ރޭ ބުނީ، އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 128 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހީންނާއި، 35 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 4 މީހަކާއި ނޭޕާލް 2 މީހަކާއި، އަދި ސްރީލަންކާ 4 މީހެކެވެ.

އިއްޔެ އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 127 މީހުންނެވެ. އަތޮޅުތެރެއިން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،494 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 22 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،553 މީހުން ތިބިއިރު، 156 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،920 މީހުންނެވެ.