ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަމާމެދު މަޝްވަރާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް އެމަނިކުފާނު މިއަދު ފޮނުވާފައިވާ ކަމަށެވެ.

Ad
rt

އެ ބޭފުޅުންނާމެދު ޖޭއެސްސީއަށް ފެންނަ ގޮތެއް ރައީސްއަށް އެންގެވުމުން ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާނެ އެވެ.

މިހާރު، ރައީސް ސޯލިހު ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޑރ. މުހައްމަދަކީ ޕްރިމިއާ ޗެންބާސް ލޯ ފާމްގެ އެއް ޕާޓްނަރެވެ.

ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހު އެވެ. އެއީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ.

ސުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، އެ ކޯޓުގައި އަދިވެސް ދެ ފަނޑިޔާރުންގެ ގޮނޑި ހުރީ ހުސްކޮށެވެ. މީގެކުރިން ރައީސް ސޯލިހު އެ މަގާމަށް އައްޔަން ކުރައްވަން މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު ރައޫފެވެ. ނަމަވެސް އެ ބޭފުޅުންނާމެދު ތަފާތު މައްސަލަތަކެއް ފެންމަތިވެ، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީއިން އެ ދެ ބޭފުޅުންނާ ގުޅޭ ގޮތުން ލަފާއެއް ނުދިނެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއި އެކު ދެން އެ ކޯޓުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.