ރަށް ރަށަށް ދަތުރުކުރާ އިރު ދަތުރުމަތީގައި މާސްކު އަޅައިގެން ތިބުން މިހާރު މަޖުބޫރު ކަމަށް ސަރުކާރުން މިއަދު ހާމަ ކޮށްފިއެވެ.
ކޯވިޑުން ރައްކާތެރިވުމަށް އިތުރަށް އަޅާ ފިޔަވަޅުތައް ހާމަކުރުމަށް ހެލްތު އިމަޖެންސީ އޮޮޕަަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވީ، މިހާރު އެންމެ މުހިއްމު އެއް އަމާޒަކީ ރަށްރަަށަށް ބަލިފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ.
އެހެންކަމުން ރަށްރަށަށް ދަތުރުކުރާ އިރު ދަތުރު މަތީގައި މާސްކު އަޅައިގެން ތިބުން މިހާރު މަޖުބޫރު ކަމަށާއި ރަށްރަށުގައި ވެސް މާސްކު އަޅައިގެން އުޅެން އެދޭ ކަމަށް މިއަދު ސާމިޔާ ވިދާޅު ވިއެވެ.
"މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުމަށް އަޅުގަނޑުމެން ރިކަމަންޑް ކުރަން. އަދި މާސްކު ލިބުން ދަތިވާނެތީ، ފޮތި މާސްކު ބޭނުން ކުރުމަށް ރިކަމެންޑް ކުރުން،" ސާމިޔާ ވިދާޅުވިއެވެ.
ސާމިޔާ ވިދާޅުވީ ފުރަބަންދު ކަރަންޓީންގައި ގިނަ އަދަދެއްގެ މީހުން މާލެ އިން ރަށްރަށަށް ގޮސްފައިވާ ކަމަށާއި ބަލި އަދި ދެނެނުގަނެވި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ރައްކައުތެރިވުމުގެ ގޮތުން ރަށްރަށުގައި ފޮތި މާސްކު މިހާރުން ފެށިގެން ބޭނުން ކުރުމަށް ސާމިޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ވައިގެން މަގުން އަދި ކަނޑުމަގުން ދިގު ދަތުރު ކުރާއިރުވެސް މާސްކު އެޅުމަށް މަޖުބޫރުކުރަން ނިންމާފައިވާ ކަމަށް ވެސް ސާމިޔާ ވިދާޅުވިއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު އެކި ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން އިއުލާން ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!