"މުޒާހަރާ ކުރިޔަށް ދާނެ، ނަތީޖާ ވެސް ފޮނިވާނެ: ޖަމީލު" މިސުރުހީގެ ދަށުން ގެނެސްދީފައިވާ ޚަބަރެއްގެ ފޮޓޯ ޖައްސަވާ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަދި މިހާރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް(ސިއްޕެ) ވަރުގަދަ ރައްދެއް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ޑރ. މުހައްމަދު ޖަމީލުއަށް ދެއްވައިފިއެވެ.
ޕީޕީއެމްގެ އެޑްވައިޒަރ ޑރ ޖަމީލް އަށް ރައްދު ދެއްވަމުން ސިއްޕެ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ތިޔަ މުޒާހަރާ ކުރުމަށް ޑރ. ޖަމީލް ރާއްޖެ ވަޑައިގެންނެވުނީ ކޮންބައެއް ކުރި ކޮންކަމަކާ ގުޅިގެންތޯ އާއި އަމިއްލަ ނަފުސަށް ސުވާލު ކުރެއްވުން ރަނގަޅު ވާނެ ކަމަށް ދެކޭކަމުގައެވެ.
މިނިވަން ދުވަހާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ރޭ މުޒާހަރާއަށް މަގުމައްޗަށް ނިކުތުމާއި ގުޅިގެން ޑރ ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތައް އަދިވެސް ކުރިޔަށް ދާނެ ކަމަށެވެ.
ޖަމީލު ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށާއި ޖުޑިޝަރީއަށް އަތްބާނައިގެން މުޑުދާރުކޮށް އިދިކޮޅު ޖަލަށް ލުމުގެ އިތުރުން މިހާރު ދިމާކޮށްލާފައި ވަނީ މިނިވަންކަން ވެސް ވިއްކާލަން ކަމަށެވެ. އެކަމާ ދެކޮޅަށް މުޒާހަރާތައް ކުރިޔަށް ދާނެ ކަމަށާއި އެ މުޒާހަރާތަކުގެ ނަތީޖާ ވެސް ފޮނިވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ހިލާ ގައުމު ވިއްކައެއް ނުލެވޭނެ. ކުރިން ވެސް ނިމިގެން ދިޔައީ ގަދަބަސް ބުނަނިކޮށް،"
ޖަމީލު ވިދާޅުވި އެވެ.
ރޭ ކުރި މުޒާހަރާ ފުލުހުން ވަނީ ހުއްޓުވައިފަ އެވެ. އަދި ކޯވިޑް-19 ގެ ދުވަސްވަރު މުޒާހަރާ ކުރުމުން އެކަމަށް ވަނީ ފާޑު ކިިޔުން އަމާޒުވެފަ އެވެ.
ޑރ.ޖަމީލަކީ ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. އަދި ޔާމީންގެ ވެރިކަން ނިންމައި މިހާރުގެ ވެރިކަން ގެނައުމަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ. މިއަދު ޖަމީލުވަނީ އޭނާ މަޤާމުން ވަކިކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށް ހާލުގައި ޖެއްސި ރައީސް ޔާމީނާއި ބައިއަތު ހިއްޕަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!