މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ދަސްކޮށް ދިނުމަށް، “ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލޗަރ” ކޯހުގެ ހަ ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.
ފަސް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ 20 ގައިދީން ވަނީ ބައިވެރިވެފައެވެ. ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ މި ކޯސް ފަށާފައިވަނީ 19 ޖުލައި 2020 ގައި ކަމަށް ކަރެކްޝަންސް ވަނީ ބުނެފައެވެ.
މި ކޯހުގެ މަގްސަދަކީ ޤައިދީންނަށް ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުމާއި، މި ކޯސް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމައުއަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުން ކަމަށް ވެސް ކަރެކްޝަންސް ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ މި ކޯހުގައި ބައިވެރިވާ ޤައިދީންނަށް ދަނޑުވެރިކަމަކީ ކޮބައިކަމާއި، ގަސް ހައްދާނެގޮތައި، ގަހަށްޖެހޭ ބަލިތަކާއި، ގަސްއިންދުމަށް ބިންތައްޔާރުކުރާނެގޮތް ދަސްކޮށްދެވޭނެ ކަމަށެވެ.
މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ ކޯހެކެވެ. އަދި މި ކޯހުގައި ކިޔަވައި ދެއްވާނީ އައިކޯސްޓްގެ މުދައްރިބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!