އަލީ އަޝްފާގް (ދަގަނޑޭ) އަކީ މުޅި ދިވެހި ޤައުމު ފަޚުރުވެރި ކުރުވާނެ ނަމެއްކަން ޔަޤީނެވެ. ދިވެހި ފުޓްބޯޅައިގައި ދަގަނޑޭ ހޯދި، ކާމިޔާބުތަކާއި، ދިވެހި ޤައުމަށް ހޯދައިދިން ރީތި ނަމަކީ ފަނޑު ވުމެއްނެތް ނަމެކެވެ.
ދަގަނޑޭގެ ކާމިޔާބުގެ ސިލްސިލާއަށް އަނެއްކާވެސް މިއޮތީ ބޮޅެއް އިތުރުވެފައެވެ. ތާރީޚީ ކުލަ ގަދަ ބޮޅެކެވެ. މިހާތަނަށް ދިވެހި އެހެން ކުޅުންތެރިއަކަށް ހޯދިފައިނުވާ ޝަރަފެކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ އިދާރާގެ ވެބްސައިޓުގައި ފީޗާކުރި ދިވެހި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ދަގަނޑޭ އިންޓަވިއުއެއް މިވަނީ ހިމަނާފައެވެ.
ފީފާގެ ރަސްމީ ވެބްސައިޓަށް ދިވެހި ކުޅުންތެރިއަކު ދިން ފުރަތަމަ އިންޓަރވިއު ގޮތުގައި ދަގަނޑޭގެ ވާހަކަ ފީފާގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރުން ވެގެން ގޮސްފައި މިވަނީ މުޅި ދިވެހި ފުޓްބޯޅައަށާއި، ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރަކަށެވެ.
ފީފާ ވެބްސައިޓުގެ ލިޔުމުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަކީ ޓޫރިޒަމްގައި މަޝްހޫރު ގައުމަކަށް ވިޔަސް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ މައިދާނުގައި ރާއްޖެ އަކީ ކުރިން މީހުންނަށް ނޭގޭ ގައުމެއް ކަމަށެވެ. އެހެންވެ 2013 ވަނަ އަހަރު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައި.އެފް.އެފް.އެޗް.އެސް) ގެ ލަނޑު ލިސްޓުގެ ދެ ވަނައިގައި ދަގަނޑޭ ހިމެނި، ރާއްޖޭގެ ނަން ފާހަގަވެގެން ދިއުމަކީ، ލިބުނު ހައިރާންކަމެއް ކަމަށެވެ.
ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބޮޑެތި ކްލަބް މުބާރާތްތަކުގައި ޖަހާ ލަނޑުތައް ބަލައިގެން ހެދި އެ ލިސްޓުގައި ދަގަނޑޭ އޮތީ 23 ލަނޑު ޖަހައިގެންނެވެ. އެ ލިސްޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ ދަގަނޑޭ އަށް ވުރެ ދެ ލަނޑު އިތުރަށް ޖަހައިގެންނެވެ. އަދި އެ ލިސްޓުގައި ދަގަނޑޭ އޮތީ ޒަލަޓާން އިބްރަހިމޮވިޗަށް ވުރެ ފަސް ގޯލް އަދި ލިއޮނަލް މެސީ އަށް ވުރެ އަށް ގޯލް ޖަހައިގެންކަން ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.
ދަގަނޑޭގެ ނަން އިންޓަރވިއު ހިމެނޭ ޚަބަރު ފީފާގެ ވެބްސައިޓަށް އެރުމުން އެކަމާއި އުފާކޮށް ރާއްޖޭގެ ގައުމީ ޓީމަށާއި ނިއުރޭޑިއަންޓަ ސްޕޯޓްސް ކްލަބަށް ކޯޗު ކޮށްދިން ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފްވަނީ، އެކަން ފާހަގަކޮށް " ޝުކުރިއްޔާ ދަރިފުޅު" ޖަހައި ޓުވީޓް ކޮށްފައެވެ. 2013 ވަނަ އަހަރު ޕޮޕޯފްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ މުބާރާތެއް ނިއުރޭޑިއަންޓް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އޭއެފްސީ ކަޕުގެ ކުއާޓާ އިން ޖާގަ ހޯދި އެވެ. ދަގަނޑޭއަކީ ނިއުގެ ޓީމުގައި އޭރު ކުޅެމުން އައި ކުޅުންތެރިއެކެވެ.
ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެއް ނަމަވެސް ބޮޑެތި ހުވަފެންތަކެއް ދެކޭ ކަމަށާއި ކޮންމެވެސް ދުވަހަކު ރާއްޖެ ވޯލްޑްކަޕުގައި ކުޅުމަކީ ދެކޭ ހުވަފެނެއް ކަމަށް އެ އިންޓަރވިއުގައި ދަގަނޑޭ ވަނީ ބުނެފައެވެ. މި އިންޓަރވިއުގައި ވާހަކަދައްކަމުން ދަގަނޑޭ ބުނީ ވޯލްޑްކަޕް ކޮލިފައިންގެ މެޗަކަށް ވިޔަސް ވޯލްޑް ކަޕާ ގުޅުން ހުރި މެޗުތަކެއްގައި ވާދަކުރުމަކީ އަބަދުގެ ހުވަފެން ކަމަށެވެ.
ފީފާއިން ވަނީ ދަގަނޑޭއަށް ތައުރީފުކޮށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. ހާއްސަކޮށް އޭނާގެ ލަނޑުޖެހުމުގެ ހުނަރާއި މިހާތަނަށް ހަދާފައިވާ ގިނަ ރެކޯޑުތަކެއް ވަނީ ފީފާ ވެބްސައިޓުގައި ހާމަކޮށްފައެވެ.
ރާއްޖެއަށް ފަޚުރުވެރި ނަން ހޯދައިދެމުން އަންނަ ދަނގަނޑޭ ބޭރުގެ ޓީމުތަކަށްވެސް ކުޅެ، ބޭރުގައި ދިވެހި ފުޓްބޯޅަ ކުޅުންތެރިއަކު ހޯދި އެންމެ ބޮޑު ކާމިޔާބުވެސް ހޯދާފައެވެ. މިގޮތުން ދަގަނޑޭ ވަނީ ބުރުނާއީގެ ޑީޕީއެމްއެމް އެފްސީ އަށް އަދި މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުފައެވެ. ޕީޑީއާރްއެމް އަށް ކުޅުއިރު ދަގަނޑޭ ވަނީ ޕީޑީއާރްއެމް މެލޭޝިއާގެ ސުޕަ ލީގަށް ޕްރޮމޯޓްކޮށްދީ، މެލޭޝިއާގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
ދަގަނޑޭ ކްލަބް ފެންވަރުގައާއި، ޤައުމީ ފެންވަރުގައި ހޯދި ކާމިޔާބީތަކުގެ ވާހަކަދައްކައި ހުސްނުވާހާ ގިނައެވެ. އަދި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގައި ދަގަނޑޭ ހިމެނި ހޯދި ފަޚުރުވެރި ކާމިޔާބީތައްވެސް ވަނީ ތާރީޚްގައި ރަން އަކުރުން ލިޔެފައެވެ.
ދަގަނޑޭ ގޯލެއް ވަނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މިހާތަނަށް ޖަހާފައިވާ ގޯލްތަކުގެ ތެރެއިން އެންމެ މޮޅު ސޯލޯ ގޯލަކަށްވެސް ހޮވިފައެވެ.
ހުސްވި ޖޫން މަސްތެރޭގައި ދަގަނޑޭ ހޯދި ޝަރަފް ލިބިގެން ދިޔައީ އޭއެފްސީ ޑޮޓްކޮމް އިން ކުރިޔަށް ގެންދިޔަ ވޯޓުގައި 54 ޕަސެންޓް މީހުންގެ ވޯޓު ހޯދައިގެންނެވެ. ދަގަނޑޭގެ މި ގޯލަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓްގެ ޖޯޒީގައި ގްރޫޕް ސްޓޭޖްގެ މެޗެއްގައި އިންޑޮނޭޝިއާގެ ޕާސިބޯ ބޮޖެންނެގޮރޯ އާއި ދެކޮޅަށް އަޝްފާގު ޖަހާދިން ގޯލެކެވެ.
އެ ލަނޑު ޖެހި އިރު ދަގަނޑޭއަށް ދަތިކުރުމަށް ޕާސިބޯގެ ތިން ކުޅުންތެރިން ފަހަތުން އައެވެ. އެހެންނަމަވެސް އެ ކުޅުންތެރިންނަށްވުރެ ހަލުވި ސްޕީޑްގައި ގޮސް ދަގަނޑޭ އެގޯލު ކާމިޔާބު ކުރިއެވެ. އެ މެޗުގައި ނިއު ކާމިޔާބު ހޯދާފައިވަނީ 7 ލަނޑު 1 ލަނޑުން ކާމިޔާބު ހޯދައިގެންނެވެ. މިމެޗުގައި އަޝްފާގް ވަނީ ހެޓްރިކް ހަދާފައެވެ.
އޭއެފްސީ ކަޕްގެ ތާރީހްގައި އެންމެ ގިނަ ގޯލް ޖެހި 10 ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނޭއިރު، އޭނާ ވަނީ ކެރިއަރުގައި 400 އަށްވުރެ ގިނަ ގޯލް ޖަހާފައެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެތަކެއް ފަހަރު ހޯދައިފައިވާ ދަގަނޑޭ އަކީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ފުޓުބޯޅައިގައި ރާއްޖޭގެ ކުޅުންތެރިޔަކަށް އަވަސް މުސްތަގުބަލެއްގައި އޭނާ ހަދައިފައިވާ ރެކޯޑްތަށް މުގުރައިލުމަކީ ހަމަ ޔަގީނުންވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެ ގޮތުން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހިމެނެއެވެ. މީގެ އިތުރުން ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!