ވ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން ދާ ރަށެއްގައި މަސައްކަތް ކުރާ ބައެއް ބިދޭސީ މަސައްކަތްތެރިން މަސައްކަތަށް ހުރަސް އަޅައި އިހުތުޖާޖުކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ވ. އަތޮޅުގައި ތަރައްޤީ ކުރަމުން ދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބައެއް ބިދޭސީ މަސައްކަތްތެރިން މަސައްކަތަށް ހުރަސް އަޅައި އިހުތުޖާޖުކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.
އެރަށުގައި ހިންގި ހަމަ ނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވާ ކަމަށާއި، ނަމަވެސް، މި ހަމަނުޖެހުމުގައި އެމީހުންގެ ސްޕަރވައިޒަރގެ ރޫމަށް ގެއްލުން ދީފައި ވާކަމަށް ފުލުހުން ބުންޏެވެ.
މައްސަލަ ހައްލު ކުރުމަށް އެމީހުންގެ ސްޕަވައިޒަރ އެމީހުންނާއި ވާހަކަ ދައްކަމުން ދާކަމަށް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް ރާއްޖެގައި ބިދޭސީން ކުރި އެންމެ ބޮޑު އެއް މުޒާހަރާ ވަނީ ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ ބޮޑު ފިނޮޅުގައި ކޮށްފައެވެ. ޖުލައި 2 ވަނަ ދުވަހު 195 އެއްހާ ބިދޭސީން މުޒާހަރާ ކުރަން ނުކުތީ 13 ދިވެހިން ރަހީނުވެސް ކޮށްފައެވެ. އެ މައްސަލަ ހައްލު ކުރާން އެރަށަށް ފުލުހުން ދިޔަ ލޯންޗަށް ފުރަތަމަ އެރަށާއި ކައިރިވެސް ނުކުރެވުނެވެ. ޖެހިގެން އައިރޭ ފަތިހު އެރަށަށް އަރައި، ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން 19 ބިދޭސީން ހައްޔަރުކޮށް މިހާރު ވަނީ އެމީހުންގެ މައްޗަށް ދަޢުވާ އުފުލާފައެވެ. އެމީހުން ބަންދުގައި ބޭތިއްބުމަށް މިހާރު ވަނީ ދެވަނަ ފަހަރަށް 15 ދުވަސް ޖަހާފައެވެ.
މީގެ އިތުރުން ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި ކަމަށް ބުނެ ވަނީ މުޒާހަރާ ކޮށްފައެވެ. ބިދޭސީން ހިންގި މި ހަމަނުޖެހުމުގައި ފުލުހުންގެ ބަޔަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ވަނީ ގެއްލުން ވެފައެވެ.
ޖުލައި 13 ވަނަ ދުވަހު ހިންގި މިހަމަ ނުޖެހުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީ މަސައްކަތްތެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އެ ބިދޭސީން ވަނީ ކުރިންވެސް ހުޅުމާލޭގައި މުޒާހަރާ ކޮށްފައެވެ.
މި ދެ ހަމަނުޖެހުންވެސް ގުޅިފައި ވަނީ އެމީހުންނަށް މުސާރަ ނުދިނުމާއި، އެމީހުންގެ ޙައްޤުތަކަށް ކަމޭ ނުހިތުން ކަމަށް އެމީހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލް(އެން.އެސް.ސީ.) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސް ޞާލިޙް ވަނީ ޖުލައި 13 ވަނަ ދުވަހު ބައްލު ކުރަށްވާފައެވެ.
އެ ބައްދަލު ކުރެއްވުމުގައި މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، ޢާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ދާޚިލީ އަމްނާ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ރައީސް ޞާލިޙަށް ލަފާ އަރުވާފައިވާ ކަމަށް އެދުވަހު ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!