މިއަދަކީ ދިވެހި ތާރީހުގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެންދާނެ ދުވަހެއްކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ މާފުކުރަން ބޭނުންވާނަމަ އެ މުދަލެއް އެ ޕޯޓް ހުންނަ ރަށުގައި ގުދަން ކުރަން ގާނޫނުން ލާޒިމް ކުރަން މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ.

Ad
rt

މީގެ އިތުރުން ޔާސިރު ބުނެފައިވަނީ މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މައި ބަނދަރު ކަމުގައިވާ މާލެ ބަނދަަރަށް ލުއިކަން ލިބި ރާއްޖޭގެ އުތުރާއި ދެކުނުގެ އިޤްތިޞާދަށް ދުޅަހެޔޮކަން ލިބިގެންދާނެކަމަށެވެ.

މިކަމުގެ ހަޤީޤީ ފައިދާ ލިބިގެންދާ ސަބަބަކީ މި ބަނދަރުތަކުން ޑިއުޓީ މާފު ކުރެވެނީ އެ ސަރަހައްދީ ބަނދަރެއް ނިސްބަތްވާ ރަށެއްގައި އެ މުދަލެއް ގުދަން ކުރެވި ނުވަތަ އެ ބަނދަރެއް ނިސްބަތްވާ ރަށެއްގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށް ކަމުގައި މިއަދު ފާސް ކުރެވިފައި ވާތީ، މި ތާރީހީ ބަަދަލުގައި ބައިވެރިވެލެއްވި އެމް.ޑީ.ޕީގެ އެންމެހާ އިއްޒަތްތެރި މެމްބަރުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން

ޔާސިރު ބުނެފައިވެއެވެ.

މީގެ އިތުރުން ޔާސިރު ބުނެފައިވަނީ މި މަސައްކަތުގެ ހަޤީޤީ މޭސްތިރިން ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށާއި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް ހުއްޓުމެއް ނެތް ޝުކުރު އަރިސް ކުރާކަމަށެވެ.

ރައްޔިތުންގެ މަޖިލިސް 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، މިއަދު ވަނީ ޤާނޫނު ނަންބަރު 79/31 ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު ބޮޑެތި އިސްލާހުތަކަކާއިއެކު ފާސްވެފައެވެ. ދިވެހިރާއްޖޭގެ އިޤްތިޞޯދު ކުރިއެރުވުމަށް އެތަކެއް މުދަލަކުން ޑިއުޓީ މާފު ކުރެވުނުއިރު، މާލެ ސަރަހައްދު ފިޔަވާ ދިވެހިރާއްޖޭގެ އިންޓަނޭޝަނަލް ކަނޑުގެ އަދި ވައިގެ ބަނދަރުތަކަށް އެތެރެ ކުރެވޭ މުދަލުން ދުންފަތާއި ދުންފަތުން ތައްޔާރު ކޮށްފައި ހުންނަ ބާވަތްތަކާއި އީ-ސިގިރޭގް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ބަނގުރަލާއި ބަނގުރާ އެކުލެވޭ ބާވަތްތަކާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް ފިޔަވާ އެހެން ހުރިހާ މުދަަލަކުން %50 މާފު ކުރުމަށް ފާސްކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން އުތުރާއި ދެކުނުގެ އިޤްތިޞާދީ ދުވެލި ހަލުވިވެގެން ދާނެއެވެ.