ރާއްޖޭގެ ސަރަހައްދީ ދެ ޕޯޓް ކަމުގައި ވާ އެޗްޕީއެލް އަދި ކޭޕީއެލް ދެމެހެއްޓެނިވި ގޮތަށް ތަރައްޤީ ވެގެން ދިއުމަކީ، މުޅި ރާއްޖެ އަށް ނުހަނު މުހިއްމު ކަމެއްކަމަށާއި އެކަން އެގޮތަށް ކުރުމަށް، އިމްޕޯޓް އެކްސްޕޯޓް ގެ ބިލް މުހިއްމުކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

މިމޭރުމުން ރާއީ މިއަދު ޓުވީޓު ކުރައްވާފައިވާއިރު މިމަހުގެ 2 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ މައި ޕޯޓު އެމްޕީއެލް ހުންނަ މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމު ކުރެވިފައިވާ ދެ ޕޯޓުގެ ވަށައިގެންވާ ރަށްރަށުގައި ވިޔަފާރިވެރިން މުދާ ގުދަން ކުރާ، ގުދަންތައް ހެދިގެންދާތަން ދެކެން ބޭނުންވާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނާއި، ކުދި ވިޔަފާރިތަކަށްވެސް އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަަމަށް ރާއީވަނީ ވިދާޅުވެފައެވެ.

Ad
rt

މެމްބަރު ރާޢީގެ ވާހަކާގައި ވަނީ ރައީސް ނަޝީދު ވެރިކަމުގައި ރާއްޖޭގެ އުތުރާއި، ދެކުނުގެ ޕޯޓުގެ މަސައްކަތްތައް ފުޅާވެ، އޭގެ ހެޔޮ ބަދަލުތައް ފެނިގެން ދިޔަކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ރައީސް ނަޝީދުގެ ވެރިކަމުގައި އެމަގުން ކުރެވުނު މަސައްކަތްތަކަށް އަލި އަޅުވާލައި، ތައުރީފް ކުރަށްވާފައެވެ.

މެމްބަރު ރާޢީ ވިދާޅުވީ އައްޑޫ އަތޮޅު ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓަށް މުދާ ގެންދެވޭނީ، އެ ތަންތަން އޮޕަރޭޓްކުރެވޭނީ ކޮންގޮތަކަށްތޯ ބަލައި، މި ފަހުގެ ތާރީޚެއްގައި އެންމެ ރަނގަޅަށް ވިޔަފާރިވެރިންނަށް އަދި އެ ސަރަޙައްދުތަކުގެ ވިޔަފާރިވެރިންނަށް އެ މަސައްކަތް ކޮށްދެއްވޭނެ ވިސްނުންފުޅެއް ފުރަތަމަ ގެންނެވީ، 2008 ވަނަ އަހަރު އޮތް އެމްޑީޕީގެ ވެރިކަމުގައި ރައީސް، ރައީސް ނަޝީދު ކަމަށެވެ. އަދި ވަރަށް ގާތުން އެ މަސައްކަތްތައް ފުޅާވަމުން އައި މަންޒަރު ދެކެވަޑައިގަތް ކަމަށް މެމްބަރު ރާޢީ ވިދާޅުވިއެވެ.

މެމްބަރު ރާޢީ ވަނީ މާލޭގައި ވިޔަފާރިކުރާ ވިޔަފާރިވެރިން ގެންނަ މުދާ ޑައިރެކްޓުކޮށް ކުޅުދުއްފުށީ ޕޯޓަށާއި، އައްޑޫ ޕޯޓަށް ގެންނަން ފަށަން ގޮވާލަށްވާފައެވެ. އަދި ވިޔަފާރިވެރިން އެގޮތަށް އެކަން ކުރުމަށް މަގު ފަހިކުރުމަށް ވިޔަފާރިވެރިންނަށް ޚާއްސަ އިނާޔަތްތައް އެ ދެ ޕޯޓުން ހަމަޖައްސައިދޭން މެމްބަރު ރާޢީ ވަނީ އެދިވަޑައިގެންފައެވެ.

މިދުވަސްވަރަކީ އަނެއްކާވެސް އުތުރާއި ދެކުނުގެ ޕޯޓްތައް ތަރައްޤީ ކުރުމަށް އަޑުއުފުލަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިއްޔެ ކުރި ޓުވިޓެއްގައިވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައެވެ. އެގޮތުން ބޮންޑޭ ވިދާޅުވެފައިވަނީ ސަރަހައްދީ ބަނދަރު ވިޔަފާރީ ގެ ވާދަވެރިކަމުގެ ތެރޭން މުދަލުގެ އަގުތިރިވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އިއްޔެ ކުރި ޓުވީޓެއްގައި ބޮންޑޭ ވިދާޅުވެފައިވަނީ ބޭރު ގައުމުތަކުން މުދާ ބަރުކޮށްގެން ރާއްޖެ ވަންނަ ކާގޯ ބޯޓުފަހަރު އަތޮޅުތައް ހުރަސްކޮށް، މާލޭ ގުރާބު ތުނޑިޔަށް މަރުކަޒު ކޮށްގެން ބާލާ ވިޔަފާރި މުދަލުގެ އަގު ކޮންޓްރޯލް ކުރާނީ މާލޭ ގުރާބު ތުނޑިންކަމަށެވެ.

މެމްބަރު ރާޢީ ނިސްބަތްވެ ވަޑައިގަންނަވާ މަކުނުދޫ ދާއިރާގެ ނޭކުރެންދޫ އަދި ކުމުންދޫ އަކީ އުތުރުގެ ޕޯޓު އޮންނަ ކުޅުދުއްފުށީ ސިޓީއާއި ކައިރީ އޮންނަ ބިންބޮޑު، އަތޮޅަށް ބަލާއިރު އާބާދީވެސް ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ދެރަށެވެ.