ކޯވިޑް-19 އަށް 64 މީހުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 64 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި 64 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހުންނާއި އިންޑިއާ ދެ މީހުން އަދި ނޭޕާލްގެ މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އިއްޔެވެސް ރާއްޖެއިން ވަނީ 36 މީހުން މިބައްޔަށް ޕޮޒިޓިވްވެފައެވެ. ކޯވިޑާއި ގުޅިގެން އެޅި ރަށްކާތެރި ފިޔަވަޅުތަކަށް ލުއިދީ، ލޮކްޑައުން އުވާލުމުން މިބަލި ޖެހޭ މީހުން ދަނީ އިތުރު ވަމުންނެވެ. އެ ގޮތުން މިއަދަކީ ހުސްވި މަހުގެ 15 ވަނަ ދުވަހު ލޮކްޑައުނަށް ލުއިދިން ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.
ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 2617 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 361 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2238 އަށް އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 13 މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ.
ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 59،981 ސާމްޕަލެއް ނަގާފައިވާއިރު، ކަރަންޓީނު ފެސިލިޓީގައ 97 މީހުން އަދި އައިސޮލޭޝަން ގައި 300 މީހުން އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!