ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު އާއި މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމުގެ މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ދިނުމާ ބެހޭ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ސޮއިކުރައްވައިފި އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ސައުދީން މި އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ދިމާވި ހީނަރުކަމާއެކު، ބޭރުގެ މާލީ އެހީތެރިކަމަށް ދިވެހިރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއެހީއާއެކު މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާ އަކީ އަބަދުވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް އެހީވާ ގައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި، ހުޅުމާލޭ ދެވަނަ ފިޔަވަހި މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވި އެވެ.
އަދި ސައުދީން އަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައޫދާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ޚާއްސަ ޝުކުރެއް މިނިސްޓަރު ޝާހިދު އަދާކުރެއްވި އެވެ.
މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްގީކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެ އެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިންގާ މަޝްރޫއުން މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާވެގެންދާނެ ކަމަށް މިނިސްޓަރު ޝާހިދު މިއަދު ފާހަގަކުރެއްވި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާލޭގައި ހުންނަ ސައުދީ އެމްބަސީގެ އިސް އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!