އަހަރެންނަކީ ކާކު ހެއްޔެވެ؟ އަހުރެންގެ ފުރިހަމަ އުފެދުން ޚަލްޤުކުރެއްވީ ކާކު ކިހިނަކުން ހެއްޔެވެ؟ މި ޙަޔާތުގެ ބޭނުންތައް ނަފުސު އެދޭގޮތަށް ނިންމާލުމުގައި ނަފުސުގެ ކޮންޓްރޯލުއޮތީ ކިހާ މިންވަރަކަށްތޯ ސުވާލު ނުކުރަމު ހެއްޔެވެ؟

މިއީ ކޮންމެ ދުވަހަކު، އަހަރުމެންގެ ނަފްސާ ކުރުން މުހިންމު ސުވާލުތަކެލެވެ. މި ސުވާލުތަކުގެ ފުރިހަމަ ޖަވާބުލިބި އަމިއްލަ ނަފްސަށް އިޤްނާޢުވަންދެން މިކަމާމެދު ވިސްނުމަކީ ލާޒިމުކަމެކެވެ.

Ad
rt

وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ (21) – الذّاريات

" އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސާމެދު ތިޔަބައިމީހުން ބަލައި ނުވިސްނަމު ހެއްޔެވެ؟ "

ޝައްކެއްނެތެވެ. އަހުރެންނަށް އަހުރެންގެ ޙަޤީޤަތް އެގެންޖެހެއެވެ. އެހަޤީޤަތާ ހަމަޔަށް ވާޞިލުވުމަށް ވިސްނުން ސީދާކޮށް ކާމިޔާބު ހޯދުން މުހިންމެވެ.
ބުއްދިވެރި މަޚްލޫޤަކު،ބުއްދި އިސްކުރުމަކީ އެއީއެވެ.

ވިސްނާށެވެ! ފުންކޮށް ފިކުރުކުރާށެވެ! ބުއްދިކުރުމުގެ ތެރެއިން، ތިބާގެ ޙަޤީޤަތް ދެނެގަންނާށެވެ!

މިކަމުގެ ސަބަބު ވަރަށްސާފުވެފައި ޞަރީޙައެވެ.
އެންމެ މުހިންމު ސަބަބަކީ ތިބާ ދިރިހުރުމުގެ މަޤްޞަދު ތިބާދެނެގަތުމެވެ. އިންސާނެއްގެ ޙައިޘިއްޔަތުން ދިރިއުޅުމުގެ މަސްއޫލިއްޔަތުތައް ސާފުކޮށް ހޯދުމެވެ.

ނަމަވެސް މިދެންނެވުނު އަސްލުތަކާއި ހަމައަށް ވާޞިލުވެވޭނީ، ތިމާގެ އަޞްލު ޙަޤީޤަތް އެއްވެސް އޮޅުމެއްނުވާ މިންވަރަށް ތިމާއަށް ސާފުވެގެންނެވެ.

އިންސާނީ ތާރީޚުގެ ލިޔުންތައް ފެންނަންހުރި އެންމެ އިހުޒަމާނަށް ރުޖޫޢަވާއިރުވެސް، އިންސާނުންގެ ތެރެއިން އެއްބަޔަކުދިޔައީ މިފަދަ ސުވާލުތައް އުފައްދައި އޭގެ ޖަވާބުތަކާމެދު ބަޙުސްކުރަމުންނެވެ.
ޤަދީމީ ޔޫނާނުގެ ފަލްސަފާވެރިން މިޙަޤީޤަތްތައް ހޯދުމަށް ވިސްނާ ފިކުރުކުރަމުން ގޮސްފައި ވެއެވެ. އެއްބަޔަކު ޤަބޫލުކުރިގޮތުގައި މިދުނިޔެއާއި މިތަނުގައިވާހާއެއްޗެއް އުފެދުނީ ކުޑަކުޑަ އެޓޮމްއަކުންނެވެ. އެއަށްފަހު މެކޭނިކަލް ގުޅުންތަކެއްގެ ތެރެއިން ކޮންމެ މަޚްލޫޤަކު އުފަންވެދަނީއެވެ.
އަނެއްބަޔަކަށް ވިސްނުނީ މިކަނުގައިވާ ހުރިހާ ކަމެއްވެސް " ލޮގޯސް" އަކަށް ނިސްބަތްވާކަމެވެ. އާދެ! މީގެ މުރާދަކީ މަތިވެރި މުދައްބިރަކަށް ނިސްބަތްވާ ވާހަކައެވެ. މަތިވެރި އިލާހެއްގެ ބާރުވެރިކަމުގެ ތެރެއިން މަޚްލޫޤާތުތައް އުފެދިގެން ދިއުމެވެ.

ތިބާނިކަން ކީރިތި ޤުރުއާނު ހުޅުވާލުމަށްފަހު، އެންމެފުރަތަމަ ބާވައިލެއްވުނު އާޔަތްތައް ތަރުތީލު ކޮށްލަ ބަލާށެވެ!

ބިސްމިއަށްފަހު، އެންމެފުރަތަމަ އެވާ ފަސްކަލިމައާމެދު ތަޙްލީލީ ނަޒަރަކުން ވިސްނަވާށެވެ!

" إقرا" ގެ ލަފްޒީ މާނައަކީ ކިޔަވާށެވޭ! ނުވަތަ "ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ!"
"باسم ربك" ކަލޭގެފާނުގެ ހައްދަވައި ބޮޑުކުރެއްވި ރައްބުގެ ނަންފުޅާއެކުއެވެ.
"الذي خلق " އެކަލާނގެއީ އިންސާނާ ޚަލްޤުކުރެއްވި ރަސްކަލާނގެއެވެ.
ތިބާ، އަދި ތިބާފަދަ އެހެން އިންސާނުން ޚަލްޤުކުރައްވައި ވުޖޫދުކުރެވުނީ ޞުދުފާއަކުން ނޫނެވެ.

ނުވަތަ ތިބާގެ އަމިއްލަ އިޚްތިޔާރުގައިވާ ބާރަކުންވެސް ނޫނެވެ. ތިބާ ޚަލްޤުކުރެއްވީ މާތް ﷲއެވެ. އެކަލާނގެ އިރާދަފުޅާ މިންވަރުފުޅުގެ ތެރެއިން ނެވެ.

ވީއިރު އަހަރެންނަކީ ކާކުހެއްޔެވެ؟ އަހަރެންގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟
ކީރިތި ޤުރްއާނުގައި ސޫރަތުއްޠޫރުގެ 35 އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ.

" أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ "

" ނުވަތަ އެމީހުން އުފެދިގެންއައީ އެއްވެސް އެއްޗަކާނުލާ ހެއްޔެވެ! ނުވަތަ އެމީހުން ޚަލްޤުކުރީ އެމީހުން އަމިއްލައަށް ހެއްޔެވެ؟"

ޝައްކެތްނެތެވެ. މިދެގޮތުންކުރެ އެއްގޮތަކުންވެސް ނޫނެވެ. މިކައުނު ނެތުމުގެ ތެރެއިން ޚަލްޤުކުރެއްވީ ޚާލިޤުވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ވީއިރު އަހުރެން ޚަލްޤުކުރެއްވީ އެހެންކޮންފަރާތަކުން ހެއްޔެވެ؟