ސުރުޚީ އެހެން އޮތަސް މާލޭބާޒާރުގެ އަގުތައް އެއްވަނަބޮޑުހަނގުރާމައިގެ މާކުރިން ފެށިގެން ދެވަނަ ބޮޑުހަނގުރާމަ ފެށުމާ ހަމައަށްވެސް އޮތީ ހަމަ މުޅިން އެއްވަރަށް ކަހަލަ ގޮތަކަށެވެ. އެއްވަނަ ބޮޑުހަނގުރާމަ ފެށުނީ މީލާދީން 1914 ވަނަ އަހަރުއެވެ. ދެވަނަ ބޮޑުހަނގުރާމަ ފެށުނީ 1939 ގައެވެ. މިގަލަމުން ފާހަގަ މިކުރަނީ ސުމުއްވުއްސުލްޠާން ޙަސަން ނޫރައްދީން ޝާނީއަށް ރަސްކަމަށް ކޮލިލީދުވަސްވަރު ބާޒާރުގައި މުދަލުގެ އަގުހުރި ގޮތެވެ. ޙަސަން ނޫރައްދީނަށް ކޮލިލީ 1357 ޖުމާދިލް އައްވަލް 22 (ބާވީސް) ވަނަ ދުވަހުއެވެ. މީލާދީން 1938 ޖުލައި 21 ވަނަ ދުވަހުއެވެ. އެދުވަސްވަރުގެ މުހިއްމު ބާވަތްތަކުގެ އަގުތައް ބާޒާރުގައި ހުރިގޮތް ލިޔެލަމެވެ.
ކޯރާހަނޑޫ ބަސްތާއެއް އަށްޑިހަނާޅީގެ ނުވަރުފިޔާ އަށް، އަގުދީފައި ގެންނަނަމަ އަށްރުފިޔާ އަށް ހުދު ދޯބުރާލި ހަކުރު ދެހަންދަރުގެ ބަސްތާއެއް (އަށްފައުލާ) ތޭރަރުފިޔާއަށް، ހަކުރުފައުލާއެއް (28 ރާތާ) ދެރުފިޔާ ފަންސާސްލާރިއަށް، އޮންނަނީ އަން ނަ ފޮތީގެ ރީތި ކޮތަޅެއްގައި ބަންދުކޮށްފައެވެ. އޮސްޓްރޭލިޔާގެ ޑަބަލް ޖަވާން މަރުކާގެ ފަންސާސް ކިލޯގެ ގޮދަންފުށް ބަސްތާއެއް ނުވަރުފިޔާއަށް ނުވަތަ ދިހަރުފިޔާއަށް. އޭރު ފުށްކައި އުޅެނީ ބާޒާރަށް ވެރިވެގެންތިބި ތިންސަތޭކައެއްހާ ވޯރާވިޔަފާރި ވެރިންނެވެ. ދެން އިތުރަށް ގަންނަނީ އަތިރީފަނޑިޔާރުގެއަށް ފާރޮށި ހެދުމަށާއި އަތިރީ ދޮށިމޭނާ ގެ އަށް ފާރޮށިހެދުމަށް ގަންނަ ފުށް ބަސްތާ ކޮޅެކެވެ. އަތިރީދޮށިމޭނާގެ ހުރީ އޯނަރުންގެ އަތުން އެކިފަހަރު އެކިމީހުން ކުއްޔަށް ހިފާގޮތުގައެވެ. ގަލޮޅުގޭ މުޙައްމައިދީ އަވަހާރަވުމާއި އެކީގައި އެތަން މުޅިން ގޯސްވެ ނިމިއްޖެއެވެ.
ހިކިމިރުސް އެންމެރުފިޔާއަކަށް ފަސްރާތަލެވެ. މިލްކްމޭޑް (ލަންޑަނުގައި ހަދާ) ފަސްދަޅުކިރު އެންމެ ރުފިޔާއަކަށެވެ. މިހާރު މިހުންނަ ކިރުދަޅާ ސައިޒާއި ބުރަދަން އެއްވަރުގެ ކިރެވެ. ހަމަ އަސްލު ގެރިކިރުން ހަދާފައިހުންނަ ބަންގާޅު ގިތެޔޮ ފަސްގައު އެންމެ ރުފިޔާއަކަށެވެ. ގަލަކީ ރާތަލެއްގެ ހަތަރުބައިކުޅަ އެއްބައެވެ. ކުދި ބިސްކޯދު. ފުރާއަޅާފައި ހުންނަ ޑަބިޔަލެއް ދެރުފިޔާ ބަޔަށެވެ. ހަމަ އެވަރު ޑަބިޔަލެއް މާލޭ އަތިރީފަނޑިޔާރުގޭގައި ހަދާފައިހުންނަ، ދެރުފިޔާ ބަޔަށެވެ. ޑަބިޔާބޮޑުމިން މިހާރު މިހުންނަ ކްރީމްކޭކަރު ބޮޑުޑަބިޔަލާ މުޅިން އެއްވަރެވެ. އިންޑިޔާގެ މޮޅު ބޮޑުފިޔާ އެންމެ ރުފިޔާއަކަށް ފަސްރާތަލެވެ. މައުލާނާ ކުންފުނީގެ (މަދަރާސީގައިހުންނަ) އަށްޑިހަ އަށްޑިހައިގެ ފަލިޔާކާޓް މުންޑެއް އެންމެ ހަތަރު ރުފިޔާ ބަޔަށެވެ. އެސް. އެސް. މުންޑެއް ފަލިޔާކާޓް ދެރުފިޔާ ބަޔަށެވެ.
ހަމަ އެކުންފުނީގެ ކަން ބާމުން ޑެއް ދެރުފިޔާއަށެވެ. އެކަހަލަ މުންޑުގަނެފައި މެދުން ވީދާލާފައި ފައްޗެއްޖެހީމާ ފޭރާމުން ބަލާލައިފައި ކަން ބާމުންޑެއް ކަމެއް އަންހެނުންލާކަލްކަތާގެ ޕޫލްރަޝަމް ލިބާހެއް ތިން ރުފިޔާއަށެވެ. އަދާރަސަމް ލިބާހެއް ދެރުފިޔާ ބަޔަށެވެ. އައިލިބާހެއް ދޮޅުރުފިޔާ އަށެވެ. ޖަޕާނުމުންޑު ކޯޑިއެއް ވިހި މު ން ޑުގެ ނުވަރުފިޔާ އަށެވެ. ވަކިން މުންޑެއްނަމަ ހަތްދިހަ ފަސްލާރިއަށެވެ.
ގޮދަނެއް ދެރުފިޔާއަށް ފަހަރުގައި ތިންރުފިޔާއަށް، ރާތާމަހެއް ބައެއްފަހަރަށް އެއް ރުފިޔާ އަށް އަނެއްބައިފަހަރަށް ބައިރުފިޔާއަށެވެ. މާމުށިމަސް ރުފިޔާއަކަށް އަށެއް، ދިހައެއް މިކަހަލަ ގޮތަކަށެވެ. ރުފިޔާ އަކަށް ތިން ރާގޮނޑި ވަރަށް ގިނަދުވަސް ދުވަހު ލިބެއެވެ. ވަރަށްބޮޑު ލައްޓިއެއްވެސް ދެރުފިޔާއަށްވުރެން އަގުބޮޑެއް ނުވާނެ އެވެ. އާދައިގެ ކަންނެލިވެސް، ރީނދޫ- އުރަހަކަންނެލިވެސް މީހަކު ގަންނާނީ އެހެން ކަހަލަ މަހެއް ނުލިބުނިއްޔާއެވެ. އޭރު ހަފޫޓު ކަންނެއްޔަކީ މީހުންދެކޭ އެއްޗެއްނޫނެވެ. ކިތަންމެ ބޮޑުވިޔަސް ކަންނެއްޔެއް (ގޮދާކަންނެލި ކިޔާ) އެންމެ ދެރުފިޔާއަށްވެސް އޮންނާނީ ނުވިކިފައެވެ.
ފަރުމަސް އޭރުވިއްކަނީ ވަރަށް ދަށް އަގެއްގައެވެ. ކަރާސީނު ތެޔޮޑަބިޔާއެއް ދެރުފިޔާ ބަޔަށެވެ. މިއަށް ކިޔަނީ ބައިމަނު ޑަބިޔާއެވެ. މީގެ ދެޑަބިޔާ ވަރަށް ރީތި ފޮށިގަނޑަކަށް ލައިފައި ބަންދު ކޮށްފައިހުރެއެވެ. އެއަށްކިޔަނީ ކަރާސީނު މަނެކެވެ. އަނެއް އެކަކު ގަންނާނަމަ ހިތާރު ރުފިޔާބަޔަށެވެ. އެވަރުންވެސް އޮންނަނީ ތެޔޮވިކި ހުސްނު ވެފަ އެވެ. އޭރު ފުޅިބައްތިޔަކީ ދިވެހިން ދަންނަ އެއްޗެއްނޫނެވެ. ގެންގުޅޭނީ ފަސްލޭނު ބައްތިޔާއި ފާރޫޒާއި ބިގަރާއި ބިގަރު ފާރޫޒެވެ. މިދެބާވަތް ހަދާފާހުންނާނީ ޕެޓްރޯ މެކްސް ކުންފުނީގައެވެ. އެއީ ޖަރުމަނުގައި ހުންނަ ކުންފުންޏެކެވެ. ގޭގެ ޚަރަދަށް (މިލިޔާމީހާ) ކަމަރުޢަލީ ފިހާރައިން މަސް ނިމުނީމާ އަގުދޭން ގެންނަ އެއްޗެހީގެ އަގު އަށްޑިހަ ރުފިޔާއެއް ނުވެއެވެ. ގޭގައި އުޅޭމީހަކާއެކު ނުވަމީހުން ގޭގައި ތިބެއެވެ.
އަދިވެސް މިލިޔުމުގައި ނުހިމެނޭ ވަރަށް ގިނަ ބާވަތްތައް ބާޒާރުގައި ހުރެއެވެ. އެއްހަމަ ޝަރޫރީ އެއްޗިއްސެވެ. ސާބާ މިއާޖީ ފިހާރައިން ފިރިހެނުން ލިބާސްކަނޑާ ކުލަކުލައިގެ ރީތިފޮތި ކިރައިގެން ވިއްކި ދުވަސްއައެވެ. އަދި އުއްސަކުރު ބާޒާރުގެ ފިހާރަތަކުގައިވެސް ރުފިޔާއަކަށް ދެމުށް އިންޑިޔާގެ މޮޅު ގަމީސްކަނޑާފޮތި ވިއްކައެވެ. މިހެންމިހެންގޮސް ސަތޭކައަށްވުރެ ގިނަ އައިޓަމް ހަމަމުޅީން ޝަ ރޫރީސާމާނު ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ. ބޮޑުގުޅައެއް ޑައިމީޓަރު ގައި ދެއިންޗިއަށްވުރެދިގު، ވިއްކަނީ ހަތަރުލާރި އަށެވެ. ކުޑަގުޅައެއް ޑައިމީޓަރުގައި އިންޗިއަކާއި ވަރަށްގާތް ވިއްކަނީ އެންމެ ލާރިއަކަށެވެ. އަތިރީފަނޑިޔާރުގޭން ވަރަށްބޮޑު ފާރޮށި ޖޯޑެއް ހަތަރު ލާރިއަށް ލިބެއެވެ. ހަތަރުލާރިޔަށް ކިޔަނީ ބޮޑުލާރިއެވެ.
ހިކިކަނޑުމަސް ހަންދަރަކަށް ރަން ގޫނުހަނޑޫ ސަތޭކަ ފަންސާސް ރާތަލުގެ ހަތަރުބަސްތާ ދެއެވެ. އޭރު ނޫ ޓެއް ނުހުރެ އެވެ. ގެންގުޅެނީ ނަގުދުރުފިޔާއެވެ. މާނައަކީ ރިހިރުފިޔާއެވެ. ހަމަ ވިރުވާލައިގެން ފައްޓަރުބައި ހަދަންވެސް ކަމުދެއެވެ. އެރުފިޔާ އަކީ އިނގިރޭސިރާޖާގެ ސިއްކަޖެހި ރުފިޔާއެވެ. ރުފިޔާ އަށް ލޮއި ގިނަ ކޮށް ލީ ދެވަނަބޮޑުހަނގުރާމައިގެ އަސަރުތައް ފެންނަން ފެށީމައެވެ. ދުރުވިސްނޭ އިނގިރޭސީން ރިހިތައް ރައްކާކުރާށެވެ. ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ބައްޕަ ބާޒާރަށް ދުރުވެފައި ހޯސްބުރެންގެ ސަރީންގެ ރަންފަދުނެއް ގެންނަވަނީ އެންމެ ތޭރަ ރުފިޔާއަށެވެ. މުޅި ރާއްޖެ އޮތީ ރަނުން ފުރިފައެވެ. ފައްޓަރުބައިގެ ތިރީބައި ހުންނަނީ ރަނުގެ ބައިފައުނުންނެވެ. ވަރަށް މަދުމީހަކު ނޫނިއްޔާ ބޮޑުފޮއްޗަށްލަނީ އެމެރިކާ ރަން ރިޔާލައެވެ. މިކިޔާލަ ބޮޑުފިހާރައިގެ މެނޭޖަރު އިބްރާހީމްޖީ ސޭޓްވިއްކަނީ ފަންސާސް ރުފިޔާއަށް ބުނާތީ އަހަމެވެ. ދޮންމަނިކުގެ ޙުސައިން މަނިކު (ޢަބުދުލް ޙަކީމުގެ ބައްޕަ) ނިޔާވީ 1355 ރަބީއުލްއާޚިރު ވިހިވަނަ ދުވަހުއެވެ. ވުމާއިއެކު ބައްޕަ ފައުނު ބައްލަވައިގެންނެވި ދުވަސްވަރަކީ އެއްވަނަ ބޮޑު ހަނގުރާމަ ނިމިގެން އޮތް ދުވަސްވަރެވެ. (ނިމުނީ)
ނޯޓް: މިއީ ޢަބުދުލްޙަކީމު ޙުސައިން މަނިކު ފަތްތޫރަ މަޖައްލާއަށް ލިޔެފައިވާ ލިއުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!