2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަޢަދު 9 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ.

މިބަލި ޖެހުނު މީހުންގެ ޢަދަދު 8 މިލިއަނަށް އަރާފައިވަނީ މީގެ ހަފްތާއެއް ކުރިންނެވެ. އަދި 7 މިލިއަނަށް އަރާފައިވަނީ މިހިނގާ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. މިބަލި ޖެހުނު މީހުންގެ ޢަދަދު 6 މިލިއަނަށް އަރާފައި ވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

Ad
rt

ޕޮޒިޓިވްވި މީހުންގެ ޢަދަދު: 9,026,542 (ނުވަ މިލިއަން ސައްބީސް ހާސް ފަސްސަތޭކަ ސާޅިސް ދެއެއް)
މަރުވި މީހުންގެ ޢަދަދު: 469,399 (ހަތަރު ލައްކަ ފަސްދޮޅަސް ނުވަ ހާސް ތިންސަތޭކަ ނުވަދިހަ ނުވައެއް)
ރަނގަޅުވި މީހުންގެ ޢަދަދު: 4,793,2080 (ހަތަރު މިލިއަން ހަތް ލައްކަ ނުވަދިހަ ތިން ހާސް ދުއިސައްތަ އަށެއް)

މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު: 22 ޖޫން 2020، ދިވެހިރާއްޖެ ގަޑި، މެންދަމު 03:00

  • ނޯތު އެމެރިކާ: 2,724,524 މީހުން
  • ޔޫރަޕް: 2,310,924 މީހުން
  • އޭސިއާ: 1,900,759 މީހުން
  • ސައުތު އެމެރިކާ: 1,772,141 މީހުން
  • އެފްރިކާ: 308,406 މީހުން
  • އޯސޭނިއާ: 9,079 މީހުން

ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގައުމުން އެކަނި ވެސް 122،237 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2,352,835 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 977,628 މީހުންނެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 1,084,883 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 50,608 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 543,186 މީހުންނެވެ.

ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ވެފައިވަނީ ރަޝިޔާއިންނެވެ. އެ ޤައުމުން 584,680 މީހުން ޕޮޒިޓިވްވެ 8,111 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 339,711 މީހުންނެވެ.

މިބަލި ކޮންޓްރޯލް ވަމުންދާކަމަށް ބުނެ ބައެއް ޤައުމުތަކުން މިހާރުވަނީ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ. މިބަލި ކުރިން އެންމެ ބާރަށް ފެތުރެންފެށި ޔޫރަޕުން ބަލި ފެތުރުން ކޮންޓްރޯލް ވުމުގައި ކުރިއެރުން ހޯދާފައިވިޔަސް ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.

އެގޮތުން ފާއިތުވި ދެދުވަސް ފާހަގަވެފައިވަނީ އެންމެ ގިނަ އަދަދަކަށް މިބަލި ޖެހުނު މީހުން ރެކޯޑުކުރެވުނު ދެދުވަސްގެ ގޮތުގައެވެ. އެގޮތުން މިމަހުގެ20 ވަނަ ދުވަހު އެކަނިވެސް 180,874 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މިއީ އެއްދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ މިބައްޔަށް 156,922 ޕޮޒިޓިވްވެފައިވެއެވެ.

އަވަށްޓެރި އިންޑިއާއަކީ މިބަލި ހަލުވިކަމާއިއެކު ފެތުރެމުންދާ އެއް ޤައުމެވެ. އެ ޤައުމުގެ 411,727 މީހުން މިބަލީގެ ޝިކާރައަކަށް ވެފައި ވާއިރު، އެ ޤައުމު އޮތީ އެންމެ ގިނައިން ބަލި ޖެހުނު ޤައުމުތަކުގެ ލިސްޓުގެ 4 ވަނައިގައެވެ. އެ ޤައުމުން މިހާތަނަށް ވަނީ މިބަލީގައި 13,277 މީހުން މަރުވެފައެވެ.

އަވަށްޓެރި ސްރީލަންކާ ވަނީ މިބަލި ފެތުރުން ޤައުމުތަކާ އަޅާ ބަލާއިރު ބަލި ކޮންޓްރޯލް ކުރުމުގައި ބޮޑުކާމިޔާބީ ހޯދާފައެވެ. ދުނިޔޭން ބަލި ޖެހުނު މީހުންގެ ލިސްޓްގެ 103 ވަނާގައި އެ ޤައުމު އޮތްއިރު އެ ޤައުމުން ބަލި ޖެހިފައިވަނީ 1,950 މީހުންނަށެވެ. އެ ޤައުމުން ފާއިތުވި ދުވަސް ތެރޭ މިބަލި ޖެހިފައި ވަނީ 71 މީހުންނަށެވެ. އެ ޤައުމުން މަރުވެފައި ވަނީ 11 މީހުންނެވެ.

މިހާތަނަށް 2203 މީހުންނަށް ބަލިޖެހިފައިވާ، ދިވެހިރާއްޖެ އޮތީ މިލިސްޓްގެ 101 ވަނައިގައެވެ.

މިބަލި ކޮންޓްރޯލް ކުރުމުގައި އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ 213 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ މި ބަލި ފެތުރިފައެވެ. ނަމަވެސް މިބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު ދުނިޔޭން އަންނަނީ ދަށްވަމުންނެވެ. އަދި ބަލިން ފަސޭހަވާ ނިސްބަތްވެސް އަންނަނީ މަތިވަމުންނެވެ.