ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފުރުޞަތު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދިރާސާކުރައްވަމުން ގެންދަވާ "ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 22 ޖޫން 2020 ވާ ހޯމަ ދުވަހުގެ 00:14 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުން އެދޭކަމަށެވެ.

ސަރުކާރުގެ ފަރާތުން، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު މިހާރު އޮތީ ފުރަތަމަ ކިޔުމާއި އިބްތިދާއީ ބަހުސް ނިންމާ ކޮމެޓީ މަރުހަލާގައެވެ.

މި ބިލުގައިވާގޮތުން މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު "އިންސްޓިޓިއުޓް އޮފރް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި މިނިވަން މުސްތަޤިއްލު ޝަޚްޞެއް އުފެދުނީއެވެ. މި އިންސްޓިޓިއުޓަށް އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވެއެވެ. އަދި އިންސްޓިޓިއުޓަކީ އަމިއްލަ ނަމުގައި، މުޢާމަލާތުކުރުމުގެ ޙައިޞިއްޔަތު ލިބިފައިވާ ސިއްކައެއް އޮންނަ ޤާނޫނީ ގޮތުން މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ.

މި އިންސްޓިޓިއުޓްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ޗާޓަރޑް އެކައުންޓެންސީގެ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި އިންސްޓިޓިއުޓްގެ މެންބަރުންނަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. އަދި އެކައުންޓެންސީގެ ދާއިރާ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަކީ އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތަޢުލީމާއި ފަންނީ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތްކުރުން ވެސް މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އިންސްޓިޓިއުޓަށް ލިބިފައިވާ ބާރުތަކަށް ބަލާލާއިރު އިންސްޓިޓިއުޓްގައި އެކި ފަރާތްތައް ރަޖިސްޓްރީކުރުމާއި އެކައުންޓެންސީގެ ދާއިރާގެ ފަންނ އިންސްޓިޓިއުޓަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މެންބަރުންގެ މަޞްލަޙަތު ޙިމާޔަތްކުރުމާއި އިންސްޓިޓިއުޓްގެ މެންބަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަންނީ މައިދާނުގައި މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ފައިނޭންޝަލް އެކައުންޓިންގގެ ޢިލްމާއި މެނޭޖްމަންޓް އެކައުންޓިންގގެ ޢިލްމާއި ފައިނޭންޝަލް އެކައުންޓިންގ ސްޓޭޏްޑަރޑްސްގެ ޢިލްމުގެ އިތުރުން އޮޑިޓިންގ އަދި އެޝުއަރެންސްގެ ޢިލްމު ފޯރުކޮށްދިނުން ހިމެނެއެވެ.