މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީނުވާ މީހުން 14 ދުވަސް ވުމުން ޓެސްޓު ކުރުމަށްފަހު ދޫކޮށްލަން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ނިންމައިފިއެވެ.

Ad
rt

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓެގް އިން މިހާރު ނިންމާފައި އޮތީ 14 ދުވަސް ހަމަވުމުން ޕީސީއާރް ޓެސްޓު ހެދުމަށް ކަމަށާއި އެގޮތުން އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ދައްކާނަމަ ދޫކޮށްލާނެ ކަމަށެވެ.

"ސާމްޕަލް ނަގާނީ 15 ވަނަ ދުވަހު. ރާއްޖޭގެ އެކި ކަންކޮޅުތަކުން ނެގޭ ސާމްޕަލްތަކެއް ވީމަ މި ބަލަނީ 15 ވަނަ ދުވަހު ނެގޭ ސާމްޕަލް އޭނަ ކަރަންޓީނަށްދާތާ 18 ވަނަ ދުވަސް ހިސާބުގައި ނަތީޖާތައް އެންގޭނެ ކަމަށް. ލަސްތަކެއް އުޅޭނެކަން އިނގޭ. އެހެން ނަމަވެސް ކުރިން އޮތް 24 ދުވަހުގެ ބަދަލުގައި 14 ދުވަސް ކަރަންޓީނު ވުމަށްފަހު ޕީސީއާރް ޓެސްޓެއް ހަދާފައި ދޫކޮށްލެވޭތޯ މަސައްކަތް ކުރުމަށް ޓެގް ޓީމުން ނިންމާފައިވޭ"

މަބްރޫކް ވިދާޅުވިއެވެ.

މާލޭގައި ތިބި ފަރާތްތަކުން ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނު ކުރެވޭ އުސޫލެއް އެޗްޕީއޭ އިން ވަނީ އާންމުކޮށްފައެވެ. މި އުސޫލަށް މިހާރު ވަނީ 3 ފަހަރެއްގެ މަތިން އިސްލާހުގެނެސްފައެވެ.

މީގެކުރިން އެޗްޕީއޭ އިން ނިންމާފައި އޮތީ ގޭގައި ކަރަންޓީނުވާ މީހުން 24 ދުވަސް ވުމުން ދޫކޮށްލާ ގޮތަށެވެ.