ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަކީ ތިންބާރު ވަކިވެފައިވާ، ފުރިހަމަ ރިޔާސީ ނިޒާމެއްގެ ތަރަހައިގެ ތެރޭގައި އެކަށަހަޅާފައިވާ ޤާނޫނު އަސާސީއެކެވެ. އެ ޤާނޫނު އަސާސީގައި ޤާނޫނު ހެދުމުގެ ބާރު މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ޤާނޫނު އަސާސީގައި ދެން ކަނޑައެޅިފައިވާ ދެ ބާރަކީ ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރެވެ. މިއިން އެއްވެސް ބާރެއް އެއްބާރުގެ މައްޗަށް އަނެއްބާރު އަރައި، ފުށު އެރުމެއް އެ ޤާނޫނު އަސާސީއަކު ނުވެއެވެ.

މިތާނގައި ފިކުރު ހިންގާލަން މިޖެހުނު ކަމަކީ ރައްޔިތުންގެ މަޖިލިސްގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެއް އިއްޔެ މަޖިލީހަށް ހުށަހެޅުއްވުމެވެ.

Ad
rt

އެ ބިލުގެ ހުށަހެޅުއްވި މަޤްޞަދު ކިޔާލާފައި ކުރިއަށް ދާނަމެވެ. " މި ބިލު ހުށަހެޅީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެވޭގޮތް އިންތިޒާމް ކުރުމަށާއި އަދި މިހާރަށް ވުރެން ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށާއި އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާބާއްވާނެ ގޮތްތައް އިތުރަށް މިހާރަށް ވުރެން ބޮޑަށް ސާފު ކުރުމުގެ ގޮތުންނެވެ." އެ ބިލު ހުށަހެޅި މަޤްޞަދު ކަމުގައި ބިލުގައި ބުނެފައި ވެއެވެ.

މިހާރު ހިންގަމުންދާ ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 33 ވަނަ މާއްދާއިން ޢިއުލާނުކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ އެއްވެސް ސިޔާސީ ނުފޫޒެއްނެތި ފަންނީ ލަފަޔަށް ޢިއުލާނު ކުރާ ހާލަތެއްކަން އެ މާއްދާއަށް ފީނާލުމުން ފެންނަން އޮވެއެވެ.

7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 33 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ "ވަކި ތަނެއްގައި ވަކި ދުވަހަކު އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެކަމެއް ރަނގަޅު ކުރުމުގެ ގޮތުން ނުވަތަ އެކަމެއް ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެކަމެއް ކުޑަ ކުރުމުގެ ގޮތުން ޙާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލަށް ޤަބޫލު ކުރެވިއްޖެ ހިނދެއްގައި، އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލެއް ކުރިމަތިވެއްޖެ ކަމަށް ޢިއުލާން ކުރުމަށާއި، އެ ޢިއުލާން ހިނގާނެ ޞަރަޙައްދަކީ ކޮބައިކަން ކަނޑައަޅައި، ޢިއުލާނު ކުރަން ވަޒީރަށް ލަފާ ދެވިދާނެއެވެ."

މިމާއްދާގެ (ށ) ގެ ދަށުން އެހާލަތު ޢިއުލާނު ކުރަނީ ވަޒީރުކަމަށް ވިޔަސް، ވަޒީރު އެ އަމަލު ކުރަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތީންކަން އެ މާއްދާއިން ސާފުވެއެވެ.

މިހިސާބުން އޮތް ސުވާލަކީ، ފަންނީ ނިންމުމެއްގެ ލަފާ ތަންފީޒު ކުރުމަށް މިނިސްޓަރަށް ދެންނެވޭއިރު، މިކަމުގައި އެއްވެސް ސިޔާސީ ކުލައެއް ޖެހިފައި ނެތްއިރު، ސިޔާސީ އެކި ކުލައިގެ ތޮފި އަޅައިގެން ތިބި މެމްބަރުން ތިބި މަޖިލިސްއަކަށް މިބާރުގެ ތެރެއަށް އުދުޅި ބޭނުމުގެ ފަހަތުގައި ވަނީ ކޮން ކަމެއް ބާވައެވެ؟

ބިލުގައި މަޖިލީހަށް ނަގަން ހުށަހަޅާފައިވާ ބާރުތައް

  • ގަރާރުގެ ވަކި ބައެއް ނުވަތަ ގަރާރު އެކުގައި ފާސްކުރުން
  • ގަރާރުގެ މުއްދަތު އިތުރުކުރުމާއި ނުކުރުން ( އެންމެ ދިގުވެގެން 30 ދުވަހަށް އިތުރު ކުރެވޭ ގޮތަށް)
  • ގަރާރު ބާތިލުކުރުން
  • ގަރާރަށް ބަދަލު ގެނައުން

މިބިލުގައިވާގޮތުން ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ. ބިލުގައިވާ ގޮތަށް ގާނޫނު ބަދަލުކޮށްފި ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު، އެ ހާލަތުގެ މުއްދަތު އިތުރުކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމެވިޔަސް އެކަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައި ވަނީ އެކަމާއި ބެހޭ ފަންނީ އެތައް ނިންމުންތަކެއްގެ ފަހަތުން، ޤައުމުގެ އެތައް ފުރާނައެއް ސަލާމަތްކޮށް ޤައުމު ހުރިހާ ގޮތަކުންވެސް ސަލާމަތް ކުރަން ހާލަތު ނިޔާކުރި ތަންވަޅެއްގައެވެ.

ދެހާހާއި ކައިރި ކުރާ ޢަދަދަކަށް މިހާރުވެސް ރާއްޖޭގައި މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، 8 ފުރާނައެއް ވަނީ ގެއްލިފައެވެ. ރާއްޖޭގެ ހާލަތު ގޯސްނުވެދިޔައީ އެޅުނު ހަރުދަނާ ފިޔަވަޅުތަކެއްގެ ނަތީޖާއިންނެވެ. މިކަމުގައި އެތައް ސިއްޙީ ޚިދުމަތްތެރީންނާއި، މަދަދުދޭ އެތައް ބަޔެއް ޚިދުމަތުގައި އެބަތިއްބެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ، 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 4 ފަހަރަކަށް ޢިއުލާނު ކުރެވިގެން ދިޔަ ދިޔުމަށް އިތުބާރު ނެތީތޯއެވެ؟ އެކަމުގެ ތެރެއަށް ސިޔާސީ މެމްބަރުން ވަދެ، ޤަރާރު ފާސްކުރުމުގެ ސާފު ނިޔަތަކީ ކޮބަތޯއެވެ؟

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި އެ ބިލުން އިތުރުކުރުމަށް ބުނާ އިތުރުކަން ކަމަކީ މިހާރުވެސް ނިޒާމުގެ ތެރެއިން ހަމަޖެހިފައި ހުރިކަންކަމެވެ. އޮޑިޓެއް ކުރަން ޖެހިއްޖެ ނަމަ އެކަން ކުރެވެން އެބައޮތެވެ. ޚިޔާނާތެއް ހިނގާނަމަ އެކަން ބެލެން އެބައޮތެވެ. މިނިސްޓަރާއި އެނޫންވެސް ޖަވާބުދާރީ ކުރުވަން ބޭނުންވާ މީހުން ޖަވާބު ދާރީ ކުރުމުގެ ބާރު މަޖިލީހަށް އެބައޮތެވެ.

ފަންނީ ނިންމުމެއްގެ ތެރެއަށް ސިޔާސީ ނިންމުމެއް ވައްދަން ޖާގަ ދޭނީތޯ ނުވަތަ ނޫންތޯ ރައްޔިތުންގެ މަންދޫބުން ވިސްނާލުން ރަނގަޅެވެ. މާއްދާ 27 ދަށުން މިފުރުޞަތުގެ ބޭނުން ހިފީމެވެ.