ދުނިޔޭގައި ފަހަކަށް އައިސް އެންމެ ރަގަޅަށް އުޅެވޭނެ ސަހަރުތައް ހޮވައެވެ. މިހޮވުން ތަކުގައި އެކަށީގެންވާ ބޯހިޔާވަހިކަމުގެ މާނާގައި އެކުލެވޭ ކަންކަން ފުރިހަމަ ވެފައިވާ މިންވަރުގެ މައްޗަށް ބަލައެވެ. ދިރިއުޅުމަށް އެންމެ ރަގަޅު ސަހަރުތަކުގައި، ސްކެއަރ ކިލޯމީޓަރަކަށް ޖެހޭ އެވްރެޖް އާބާދީ އުޅެނީ 2000 މީހުންނަށްވުރެ ދަށުގައެވެ.
2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ ވެރިރަށް މާލޭގައި ސްކެއަރ ކިލޯމީޓަރަކަށް 65،201 ހާސް މީހުން ޖެހެއެވެ. ވުމާއެކު މާލެއަކީ ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ އެއްތަން ކަމަށް ބޯހިމެނުމުގެ ދިރާސާ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ. ނަތީޖާއަކީ ދުނިޔޭގެ އެންމެ އުޅެން ކަމުނުދާ ސަހަރުގެ ލިސްޓްތަކަށް މާލެ އަރަމުން ދިއުމެވެ. ވުމާއެކު ރާއްޖޭގެ އެންމެ ގިނަބަޔަކަށް މިއުޅެވެނީ ދުނިޔޭގެ ނަޒަރުގައިވެސް އުޅެން ކަމުނުދާ ތަނެއްގައެވެ. މިކަމުގެ އަސްލަކީ ދުޅަހެޔޮ ދިރިއުޅުމެއް ލިބިދެވޭފަދަ ބޯހިޔާވަހިކަމަކާއި ރަށްވެހިކަމެއް މާލޭގައި ނެތުމެވެ. ހާލަތުގެ ގޮތުން ދުޅަހެޔޮ ދިރިއުޅުމަށް އެކަށީގެންވާ ބޯހިޔާވަހިކަމަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނާލުމަކީ ކުރިމަގު ބައްޓަން ކުރުމަށް އެޅޭ ހެޔޮފިޔަވަޅަކަށް ވާނެއެވެ.
އެކަމުގައި ތިބާ ދެކޭގޮތް މި އާރޓިކަލްގެ ތިރީގައިވާ ލިންކަށް ފިއްތަވާލާ ބުނެދެއްވުން އެދެމެވެ.
އދ ގެ މިންގަޑުތަކުން ބަލާއިރު، ދުޅަހެޔޮ ދިރިއުޅުމަށް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ތެރޭގައި އިންސާނަކު ދުޅަހެޔޮ ރައްކާތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ އަސާސީ ކަންކަން ކަށަވަރު ވެފައި ހުރުން ހިމެނެއެވެ. މީގެ ތެރޭގައި ކާނާގެ ޔަގީންކަމާ، ފެނާ ނަރުދަމައާއި، ސިއްހީ ހިދުމަތާ، ވަޒީފާއާ، ތަނުގެ ރައްކާތެރިކަމާ، އެކަށީގެންވާ ޖާގަ އޮތުމާއި، އެކިކަހަލަ ކާރިސާތަކުން ރައްކާތެރިކުރުމަށް ފިޔަވަޅު އަޅާފައިވުމާއި އަދި ސަގާފަތާ ތަރިކަ ހިމާޔަތް ކުރުން ފަދަ ކަންކަން ހިމެނެއެވެ. އެކަށީގެންވާ ބޯހިޔާވަހިކަމަކަށް ވަނީ މި ހައްގުތަށް ކަށަވަރު ވާގޮތަށް ދެވޭ ބޯހިޔާވަހިކަމެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އަސާސީ ކަންކަމުގެ ތެރެއިން 4 ކަމަކަށް މިލިއުމުގައި ބަލައިލަމާ ހިނގާށެވެ. އެއީ ސްލަމް ނުކުރުން، ކާރިސާއިން ރައްކާތެރިވުން، ސަގާފަތާ ތަރިކަ ހިމާޔަތްވުން އަދި ކާނާގެ ޔަގީންކަން މިއެވެ.
"ސްލަމް" ނުކުރުން
ޖާގަޔަށް ބަލާއިރު ކުޑަކޮޓަރިއެއްގައި 3 މީހުންނަށް ވުރެ ގިނައިން އުޅެން ޖެހުމުން ސްލަމް އަކަށް ވެއެވެ. އެއީ ތޮއްޖެހިގެން ވަރަށް ދަތިހާލުގައި ސިއްހީގޮތުން އުޅެން އެކަށީގެންނުވާ ތަންތަނަށް ކިޔާ ނަމެކެވެ. ކޯވިޑް19 އިން އެކަމުގެ މުހިންމުކަން މިއަދު ދިވެހިންނަށް އަންގައިދީފިއެވެ. ސްލަމް ނުކުރުމަކީ ބަލިތަކުން ރައްކާތެރިވުމަށާ ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅޭ މުހިއްމު އަސާސީ ފިޔަވަޅެކެވެ.
ދިވެހި ބަހުގައި ސްލަމްއަށް ކިޔާނެ ލަފްޒެއް ނެތެވެ. އެއީ ރާއްޖޭގެ ހާސް އަހަރުވީ ތާރީޚުގައި ފެނިފައި ނުވާ ކަމަކަށް ވުމުން ކަމަށް އެކަށީގެންވެއެވެ. ނަމަވެސް ތަރައްގީއޭ ބުނެ މިކަން ރާއްޖެ ގެނުވައިފައިވާކަން ފާހަގަކުރެވެއެވެ. އެންމެ ފުރަތަމަ މާލޭގައި އެޅި ފްލެޓްތަކަކީ މީގެ މިސާލެކެވެ. ގިނަބަޔަކު މާލޭގަޔާއި އަދި އެނޫންވެސް ރަށްތަކުގައި ތޮއްޖެހިގެން އުޅެންޖެހޭ ގޮތަށް ތަރައްގީގެ ސިޔާސަތު ރޭވުމަކީ ދުޅަހެޔޮ ދިރިއުޅުމެއް ލިބިގަތުމަށް އޮތް ހުރަހެކެވެ. މާލެގޮތަށް އާބާދީ ބޮޑު އެހެން ރަށްތައްވެސް އުޅެން އެންމެ ކަމުނުދާ ތަންތަނަށް ވެދާނެ ކަމުގެ ބިރު މިހާރު ވަނީ ކުރިމަތިވެފައެވެ.
ކާރިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް
ދުޅަހެޔޮ ދިރިއުޅުމަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ޝަރުތުތަކުގެ ތެރޭގައި ކާރިސާއިން ރައްކާތެރިވުން ހިމެނިފައިވެއެވެ. އެއީ ފެންބޮޑުވުމާ، އަލިފާނާ އަދި މިނޫންވެސް މޫސުމީ ނުވަތަ އިންސާނާގެ އަމަލުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރިކަމުން ސަލާމަތްވެވޭނެ ގޮތެއް ފަހިވެފައި އޮތުމެވެ.
މިސާލަކަށް، ހުޅުމާލޭގައި ހަދާ 25 ބުރީގެ ޓަވަރުގައި ހުއްޓާ ކާރިސާއެއް ދިމާވެއްޖެއްޔާ 25 ބުރިން ދަރިންނާ އުމުރުން ދުވަސްވީ މީހުން ގޮވައިގެން އެތައްހާސް ބައެއްގެ ތެރެއިން ތިބާ ސިޑިން ފައިބަން އުޅޭނެ ގޮތް ހިތައް ގެންނަވާށެވެ. އެތަނުގައި ކާރިސާއިން ރައްކާތެރިވުމަށް ފިޔަވަޅު އެޅިފައިވަނީ ކިހާވަރަކަށް ތޯއެވެ؟ ދެން އޮތީ ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ވާހަކައެވެ. މިއީ ތަރައްގީކުރިވަކަށް ހާދިސާ ގިނަވާކަމަށް ވަނީ މިހާރު ވެފައެވެ.
ބިން ހިއްކުމަށް ބަލާއިރު، ހިއްކުމާއެކު ރަށްވަށާ ގުދުރަތުން ލައްވާފައިވާ އެތައް ރައްކާތެރިކަމެއް ނައްތާލެވުނީއެވެ. ގުދުރަތުން ދެއްވާފައިވާ ރައްކާތެރިކަން ނައްތާލައިފިނަމަ އަގުބޮޑެ ތޮށިތަކާ ބޮޑު ހިލަޖަހާ ރަށް އެކަށީގެންވާ ގޮތަށް ރައްކާތެރިކުރުމަށް އެތައް ބިލިއަން ރުފިޔާއެއް ޚަރަދުވެއެވެ. މާލެ އެއީ އޭގެ މިސާލެކެވެ. އެވަރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދައުލަތަށް ޚަރަދު ކުރެވޭނެތޯއެވެ؟ މާލެ ފިޔަވާ އެއްވެސް ރަށެއް އެވަރަށް އެފެންވަރުގައި ރައްކާތެރި ކޮށްދީފައިވޭތޯއެވެ؟ ހިއްކައިގެން ރަށުގެ ފުރަތަމަ ގުދުރަތީ ދިފާއީ އައްޑަނަ ހަލާކު ކުރުމުގެ ބަދަލުގައި ކައިރިއާ ދުރުގައި ހުރި ގުދުރަތީ ރަށްތައް އެރައްކާތެރިކަމުގައި ރަށުގެ ބައެއްގެ ގޮތުގައި ބޭނުންކުރުމާ ދޭތެރޭ ތިބާ ދެކެނީ ކޮންގޮތަކަށް ތޯއެވެ؟ މިތަނުން ތިބާ އިސްކަން ދޭނީ ކޮންކަމަށްތޯއެވެ؟
ސަގާފަތާ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން
ދުޅަހެޔޮ ދިރިއުޅުމެއް ފަހިކޮށްދީފައިވާ ސިޓީއަކަށް ނުވަތަ ރަށަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ސަގާފަތާ ތަރިކަ ހިމާޔަތް ކުރެވިފައިވުމާއިމެދު ވިސްނާލާށެވެ. ދިވެހިންނަކީ އަމިއްލަ ވަންތަ މުއްސަނދި ހަޞޯރަތެއް އޮތް ބައެކެވެ. އެކި ރަށްތައް އެކި ކަންކަމަށް ފަންނުވެރިވެ، ހުނަރުވެރިވެފައިވެއެވެ. މިހުނަރުވެރި ކުރުވި ބިމާ ހަޞޯރަތު ދޫކޮށް ހުޅުމާލޭގައި ހަދާ ޓަވަރުތަކަށް ވަންނާނީ ހއ. ތުރާކުނުން ފެށިގެން ސ. ގަމާދެމެދުގެ ވާ ރައްޔިތުން ކަމަށް ބުނެވެއެވެ. ތިބާގެ ރަށުގައި އޮތް ބަހާ ސަގާފަތާ އާދަކާދަޔާ ހުނަރުވެރިކަން ދަރިފުޅަށް ކޮންކްކްރީޓް ޓަވަރެއްގެ ސަންދޮކު ގެއެއްގެ (ކޮފިން ހޯމްސް) ކޮޓަރިއެއްގައި ޖަމާޢަތާ ދުރުގައި ވާރުތަކޮށްދީ ހިމާޔަތްކުރެވޭނީ ކިހާވަރަކަށް ބާވައެވެ؟
މިސާލަކަށް މާލޭގައި ބޮޑުވާ އައްޑޫ ހުވަދޫ ފުވައްމަލަކުގެ އާ ޖީލްތަކަށް އެސަރަހައްދުގެ ބަހުން ވާހަކަ ދައްކަން އެނގެނީ ކިހާވަރަކަށްތޯއެވެ؟ އަމިއްލަވަންތަކަމަށް މިވަނީ ކިހިނެއްތޯއެވެ؟ އަމިއްލަވަންތަކަމެއް (އައިޑެންޓިޓީ) ނެތްނަމަ ޖަމާޢަތުގެ ގުޅުމަށް ވާނީ ކިހިނެއްބާވައެވެ؟ ޖަމާއަތުގެ ގުޅުމަކީ އަމިއްލަވަންތަކުގެ ބިންގަލެވެ. އައިޑެންޓިޓީ ނައްތާލުމަކީ މިޒަމާނުގައި އަޅުވެތިކުރުމަށް ގެންގުޅޭ އުކުޅުކެވެ. މުސްލިމުން ބުރުގާ އެޅުން މަނާކުރުމާއި އަދި މިނޫންވެސް ގޮތްގޮތުން ކުރެވޭ ގޯނާތަކަކީ މީގެ މިސާލުތަކެވެ. ވުމާއެކު ދުޅަހެޔޮ ދިރިއުޅުުމެއް ކަށަވަރުކޮށްދިނުމަށް ދައުލަތްތަކުން ކުރުން ލާޒިމުވާ ކަންތަތައްތަކުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖައްސާއިރު ސަގާފަތާއި ތަރިކަ ހިމާޔަތް ކުރެވޭނެ ގޮތަށް އެކަން ކުރުން ހިމެނެއެވެ.
ކާނާގެ ޔަގީންކަން
މުޅި ރާއްޖެއަށް ބެލިއަސް ކާރިސާ، ހަނގުރާމަ ފަދަ ހާލަތެއް ދިމާވެއްޖެނަމަ ކާނާ ނުލިބިދާނެ ކަމުގެ ބިރު އޮތްކަން މިހާރު ދިމާވެގެން އުޅޭ ވަބާއިންވެސް (ކޯވިޑް 19) ގިނަ ބަޔަކަށް އިހްސާސް ވެއްޖެއެވެ. ނަމަވެސް އަހަރެމެން ހާސްއަހަރު ދެމިއޮތުމުގެ އެއް ސިއްރަކީ ރާއްޖޭގައި ކާނާގެ ޔަގީންކަށް އޮތް މުއްސަނދި ތާރީޚެއް އޮތުމެވެ.
ދިވެހިންނަކީ ކަނޑުގެ ދަރިންނޭ ބުނެވެއެވެ. ހަމަ އެގޮތަށް އަހަރެމެންނަކީ ބިމުގެ ދަރިންވެސް މެއެެވެ. ދިވެހިންނަކީ މިބިމުން ގޮވާން ކޮށްގެން ކާނާ ހައްދައިގެން އަމިއްލަރަށާ ކައިރި ފަޅުރަށްތަކަށް ފެތުރި ދިރިއުޅެމުން ގެންދިޔަ ބަޔެކެވެ. ނަމަވެސް ޒަމާނީތަރައްގީ ކަމަށް ބުނެ ގެނައި ކަންތައްތަކުން އަހަރެމެން ރަށުބަންދު ކުރުމާއެކު މާލޭން ބޯޓެއް ނައިއްސިނަމަ ރަށް ބަނޑަށް ޖެހިދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައި އުޅެން ޖައްސާފައިވެއެވެ. ހަމަ އެގޮތަށް މާލޭ ރައްޔިތުންވެސް ކުދި ކުދި ކޮޓަރިތަކެއްގައި ހިޔާއަށް ގަސްދޮށަށް ވަދެލާނެ ނިކަގަހެއް އަނބުގަހެއްވެސް ނެތި، ރާޅުގަނޑު ނެތި، ކުޅޭނެ ތަނެއް ނެތި، ދަތުރުދާނެ އަތިރި މައްޗެއް، ރަށެއް ނެތި، ބިންނާނެ އަނބެއް މޭވާއެއް ނެތި، ކުދިކުދި ކޮޓަރިގެތަކެއްގައި ގައިދު ކޮށްފައިވެއެވެ. މިގައިދުން ސަލާމަތްވުމަށް ދުޅަހެޔޮ ދިރިއުޅުމަކާ ދިމާލަށް ދިވެހިން ދާންޖެހެއެވެ. ދުޅަހެޔޮ ދިރިއުޅުމަށް ބޭނުންވާ ބޯހިޔާވަހިކަމާމެދު ވިސްނާލަން ޖެހެއެވެ. އެންމެ ކުޑަމިނުން އދ ގެ މިންގަޑުތަކަށް ފެތޭ ބޯހިޔާވަހިކަމެއް ހޯދަން ޖެހެއެެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާމެދު ތިބާ ދެކޭ ގޮތަކީ ކޮބައިތޯއެވެ؟
ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް ތޮއްޖެހި ނުވަތަ ބިން ހުސްވެފައިވާ ރަށްރަށުން ބިން ތަނަވަސް ޚިދުމަތްތައް ލިބޭ ރަރްރަށަށް ބަދަލުވުމާއި ރަށުގެ ބައެއްގެ ގޮތުގައި ރަށްކައިރީ އޮތް ފަޅުރަށް ހަމަޖެއްސުމާއި ބިން ހިއްކުމާއި ފްލެޓާ ގޯއްޗާއި މެދު ތިބާ ދެކޭގޮތާޢި ބޭނުންވާ ގޮތާއި އަދި ތިބާގެ ހާލަތާ މެދު (ބޭނުންނަމަ) އެއްޗެއް ބުނުމަށް ތިރީގައިވާ ލިންކަން ކްލިކް ކޮށްލައްވާށެވެ.
ދުޅަހެޔޮ ދިރިއުޅުމަށް އެކަށީގެންވާ ބޯހިޔާވަހިކަން (ލިންކް)
އެޑިޓަރުގެ ނޯޓު
ދުޅަހެޔޮ ދިރިއުޅުމަށް ބޭނުންވާ ބޯޙިޔާވަހިކަމާމެދު ޖަމާއަތުގެ ލެވެލްގައި އެކަކު އަނެކަކު ބަހުސްކޮށް ހެޔޮގޮތްތަކެއް ނެރުމަށް މަސައްކަތް ކުރާށެވެ. ތިބޭފުޅުން ކުރާ އެމަސައްކަތުގެ ބައިވެރިއަކަށް "ތިލަދުން" މިނޫސް އަބަދުވެސް އޮންނާނެ ވާހަކަ ދަންނަވަމެވެ. އަދި އެކަމުގައި ތިބޭފުޅުން ދެކޭގޮތާ ބެހޭގޮތުން ފާޅުކުރައްވާ ޚިޔާލާ ލިއުން، ފޮޓޯ ވީޑިއޯއަށް މިނޫސް މަރުހަބާ ކިއަމެވެ. މި މަސައްކަތަކީ ދުޅަހެޔޮ ދިރިއުޅުމާއިމެދު ރައްޔިތުން ހޭލުންތެރި ކުރުވާ ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ލޭންޑްސީ މޯލްޑިވްސް އާއި އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!