ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ މައްސަލާގައި ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ލަފާދީފިއެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނު އަސާސީ އަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނޫ އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށްވަނީ ލަފާ ދީފައެވެ.

Ad
rt

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މަޖިލީހަށް ދެއްވި ލަފާގައި ބުނެފައިވަނީ ގާނޫނުގެ މާއްދާއަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަޤްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.

ސްޕުރީމް ކޯޓުން ދީފައިވާ ލަފާގައި އިތުރަށް ބުނެފައިވަނީ މިގޮތަށް އިސްލާހު ގެނެސްގެން މެނުވީ 4 އެޕްރީލް 2020 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށެވެ.

ސުޕްރީމް ކޯޓުން މިފަދައިން ލަފައެއް ދީފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވުމުން ކުރިމަތިވާ ގާނުނީ ހުސްކަން ފޫބެއްދުމަށެވެ.

މިއީ މިހާރު އޮތް ސުޕްރީމް ކޯޓުން މިފަދަ މައްސަލައެއްގައި ދިން ފުރަތަމަ ލަފަ އެވެ. ލަފާ ދީފަައި ވަނީ ފަސްފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކައުންސިލަރުންގެ ދައުރު އަންނަ މަހު ހަމަވާތީ ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ މިކަމަށް ހިޔާލުފާތުވުންތައް އުފެދިފައެވެ. އެއާއެކު މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ލަފަޔެއް ހޯދުމަށް ފާސްކޮށްފައެވެ.