އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ ހަތަރު މަހުގެ ތުއްތު ކުއްޖަކު ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަނުޖެހިގެން މަރުވި ކަމަށް ރޭ ފެތުރު ވާހަކަ އޭޑީކޭ ހޮސްޕިޓަލުން ދޮގުކޮށް، ކަން ހިނގި ގޮތް ހާމަ ކުރުމަށް ނޫސް ބަޔާނެއް ނެރެފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ 21 މެއި 2020 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށް ޢުމުރުން 4 މަހުގެ ތުއްތުކުއްޖަކު ނިޔާވެފައި ވާކަމަށެވެ.
މި ތުއްތު ކުއްޖާ އެ ހޮސްޕިޓަލްގެ އިމަރޖެންސީ އަށް ގެނުމާއި އެކު އިމަރޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފާއާއިއެކު ކުއްޖާގެ ފަރުވާ ކުރިޔަށް ގެންދަވާފައިވާކަމަށް އެ ނޫސްބަޔާނުގައި ވެއެވެ. އަދި ކުއްޖާގެ ބަލި ދެނެގަތުމަށް ޓަކައި އަލްޓްރާސައުންޑް އާއި ސީޓީ ސްކޭންވެސް ހަދާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ވެއެވެ.
މެއި 21، 2020 ވަނަ ދުވަހު ޢުމުރުން 4 މަހުގެ ތުއްތު ކުއްޖަކު މިހޮސްޕިޓަލުގައި ނިޔާވެފައިވާ ޚަބަރާ ގުޅިގެން ނެރޭ ނޫސްބަޔާން pic.twitter.com/G3jd2ETx8w
— ADK Hospital (@ADKHospital) May 22, 2020
އެ ނޫސްބަޔާނުގައި ވަނީ އެ ކުއްޖާގެ ޙާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތް ކުރުމަށް ޓަކައި، އިމަރޖެންސް ފިޒިޝަން އަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުންނާއި އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދެއްވިކަމަށެވެ. ނަމަވެސް، އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވެފައި ނުވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާއި ގުޅިގެން، ކަން ހިނގާދިޔަގޮތުގެ މަޢުލޫމާތު ޢާއިލާއާއި ޙިއްސާކޮށްފައި ވާނެކަމަށާއި، މިފަދަ ޙަލަތެއް ދިމާވެއްޖެ ނަމަ ޢަމަލުކުރަން އެ ހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީ ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަފްޞީލް ރިވިޔު އެއް ހަދަން ފަށާފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި ރިވިޔު ނިމުމުން އެމަޢުލޫމާތު ޢާއިލާއާއި ޙިއްޞާކުރާނެ ވާހަކަވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!