ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ކެނެޑާ ސަރުކާރުން 1 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

ވާޗުއަލް ހަފްލާއެއް ބާއްވައި މި އެހީގެ އެއްބަސްވުމުގައި ދެ ގައުމުގެ ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއެކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާއި ކެނެޑާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޭވިޑް މެކިނަން އެވެ.

Ad
rt

މިއެހީއަކީ ކޮވިޑް-19އާ ގުޅިގެން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާ ސަރުކާރުން ރާއްޖެއަށް ދިން 1 މިލިއަން ރުފިޔާގެ އެހީއެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ބޭނުންވާ 400 އެއްހާ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކެނެޑާގެ ޚާރިޖީ ވަޒީރު ފްރާންސްވާ ފިލިޕް ޝެމްޕޭންއަށާއި، އެގައުމުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ ކެރީނާ ގޫލްޑްއަށް ރާއްޖެއަށް ދެއްވީ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ.

ކޯވިޑާއި ގުޅިގެން އެކި ޤައުމުތަކުން އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިން ޤައުމުތަކުގެ ތެރެއިން އެމެރިކާއިން ވަނީ ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ.

ޖަޕާނުން 8.4 މިލިއަން ރުފިޔާގެ އެހީ ދީފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްފް) އިން ރާއްޖެއަށް 28،9 މިލިއަން ޑޮލަރު ދީފައިވެއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ނިންމާފައި ވާއިރު، އަދި އިންޑިއާއިން ވަނީ 150 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފައި އެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން ވަނީ ރާއްޖެ އަށް ޖުމްލަ 17.3 މިލިއަން ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފައިވެ އެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ 600،000 ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފަ އެވެ.