މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފޮނުވާފައިވާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އިއުލާން ކުރުމަށް މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާ ހެނދުނު 11:00 ގައި އޮންލައިންކޮށް ބާއްވާ މަޖިލީހުގެ ޖަލްސާއަށް މަޖިލިހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ހިމެނިފައި ވަނީ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އެދިފައި ވާތީ އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާން ކުރުމެވެ.

Ad
rt

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އިއުލާން ކުރުމަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވައިދުގެ 210 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިންނެވެ.

މަޖިލީހުގެ ގަވައިދުގެ 210 (ށ) ގައި ބުނެފައި ވަނީ މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުގައި ތިއްބަވާ ބޭފުޅުން، އެ މަގާމުތަކުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، އެ ކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިއުލާން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، މަޖިލީހުގައި އެކަމާ މެދު ބަހުސް ކުރުމަކާ ނުލައި، އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުއްވަން ވާނެ ކަމަށް ގަވައިދުގައި ބަޔާންކުރެ އެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވިއިރު، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމްއިން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންނެވެ. އަދި އެޗްއާރުސީއެމް ފިޔަވާ އެހެން މުއައްސަސާތަކުން ވަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ނަމަވެސް، އެދެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެޗްއާރުސީއެމްގެ ރައީސަކީ އައިމިނަތު އީނާސް އެވެ. އަދި ނައިބު ރައީސަކީ މުހައްމަދު ޒާހިދެވެ. އެ ކޮމިޝަންގެ އިތުރު މެންބަރުންގެ ގޮތުގައި ތިއްބަވަނީ މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އާއި އައިޝަތު އަފިރީން މުހައްމަދެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން މީގެ ކުރިން ވެސް ބައެއް މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށި އެވެ. އޭގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަންގެ ގިނަ މެންބަރުންތަކެއް ވަކިކޮށް އެ ކޮމިޝަނަށް އާ މެންބަރުންތަކެއް އައްޔަން ކުރަން ރުހުން ދީފައިވެ އެވެ.